ރައީސް ރުވަންޑާއަށް ވަޑައިގަތުން. ފޮޓޯ:ރައީސްއޮފީސް

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަށް ރައީސް ރުވާންޑާއަށް

ބުރާސްފަތި 23 ޖޫން 2022 | ހަމްޒާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރުވާންޑާގެ ވެރިރަށް ކިގާލީއަށް ވަޑައިގެންފިއެވެ. 

Advertisement


ރައީސުލްޖުމްހޫރިއްޔާއަށް ކިގާލީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރުވާންޑާގެ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް ޜޯން-މަރީ ވިއަނޭ ގަތަބާޒީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ހެޔޮވެރިކަމާއި، ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު، ޚާއްޞަކޮށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ގިނަ ޤައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ޝާމިލުވާ އަދި ތިމާވެށްޓާ މެދު ހޭލުންތެރި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި އެހީތެރިކަން ހޯދުމަށެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ޤައުމުތަކުގެ ވެރިންނާއެކު ބާއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާ ކުރުމަށާއި، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވާނެއެވެ.

މި ބައްދަލުވުމަށް 54 ޤައުމެއްގެ އެންމެ އިސްވެރިން ކިގާލީއަށް ވަޑައިގަންނަވާއިރު، މި ބައްދަލުވުމުގައި ޒުވާނުންނާއި، އަންހެނުންނާއި، ވިޔަފާރިއާއި، މަދަނީ މުޖުތަމަޢުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާތައް ކުރައްވާނެއެވެ. މީގެއިތުރުން ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިން، ކޮމަންވެލްތް ލީޑަރުންގެ ރިޓްރީޓުގައި ވަކިން ބައްދަލުކުރައްވައި، ކޮންމަންވެލްތްގެ ޤައުމުތަކުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

2020 ވަނަ އަހަރުގެ ފެބްރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނު ފަހުން، މިއީ ކޮމަންވެލްތްގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.