މާލެ ވިޔަފާރި ބަނދަރު ސަރަހައްދު. ފޮޓޯ: ސޯޝަލް މީޑިއާ

މެއި މަހު އިމްޕޯޓް/ އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %26 އިތުރު

ހޯމަ 27 ޖޫން 2022 | ހަމްޒާ

ފާއިތުވި މެއި މަހު އިމްޕޯޓް/ އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 26 އިންސައްތަ އިތުރު ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.

Advertisement


ފާއިތުވި މެއި މަހު ރާއްޖެއަށް އެތެރެކުރި މުދަލާއި، ރާއްޖެއިން ބޭރުކުރި މުދަލާއި، ދައުލަތަށް ލިބުނު އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މެއި މަހު ލިބުނު އާމްދަނީ 26 އިންސައްތަ އިތުރެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހު އިމްޕޯޓް/އެކްސްޕޯޓުން ދައުލަަތަށް އާމްދަނީގެ ގޮތުގައި 239 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މެއި މަހު ލިބިފައިވަނީ 300 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްއިން ބުނީ، ފާއިތުވި މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 52 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިގޮތުން މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު މި ޢަދަދުވަނީ 4.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ރާއްޖެއިން ބޭރުކުރި މުދަލަށް ބަލާލާއިރު، ފާއިތުވި މެއި މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އެފްއޯބީ އަގުވަނީ، މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 40 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއިން 515 މިލިއަން ރުފިޔާގެ މުދާ ބޭރު ކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު މި އަދަދުވަނީ 719 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި ސިންގަޕޯރއިންނެވެ. އޮމާން އިން 783 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 650 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާއިން 447 މިލިއަން ރުފިޔާގެ މުދާ، ޔޫ.އޭ.އީއިން 426 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯރ އިން 387 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އެތެރެކޮށްފައިވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.