
އދ ފެންފުށީގައި މޫދަށް އެރިއުޅުނު ޒުވާނަކު ނިޔާވެއްޖެ
މިއަދު އުދަ ބޮޑުވި ވަގުތު އދ ފެންފުށީގައި މޫދަށް އެރިއުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ.

މިއަދު ހަވީރު ހިނގި މިހާދިސާގައި ނިޔާވެފައިވަނީ، ތ ދިޔަމިގިލީ ސީނުގޭ އިސްމާއީލް ޖުނާޙް (23އ) އެވެ. އޭނާ ނިޔާވީ ރައްޓެހި އެހެން ކުދިބަޔަކާއި އެކު ފެންފުށީ ތުނޑީކޮޅަށް މޫދަށް އެރި އުޅުމުގެ ތެރޭގައި އުދައިގެ ބާނިގަނޑުގައި ބޭރަށް ދަމައިގަނެ ގެނބުމުގެ ސަބަބުންނެވެ.
މިހާދިސާގައި ދެން ގެނބިފައި ވަނީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާއަށް މަހިބަދޫގައި ހުންނަ އދ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމުގައި މައުލޫމާތު ލިބިފައިވެއެވެ. އަދި ނިޔާވި ޖުނާހުގެ ހަށިގަނޑުވެސް އޮތީ އދ އަތޮޅު ހޮސްޕިޓަލުގައެވެ.
މިހާދިސާގައި ނިޔާވި ޖުނާހުއަކީ އދ އަތޮޅުގެ ރިޒޯޓެއްގައި މަސައްކަތް ކުރާ ޒުވާނެކެވެ. ރައްޓެއްސަކާއިއެކު އޭނާ ފެންފުއްޓައަށް އައި ރިޒޯޓުން ލިބުނު އޮފް ދުވަހުގައެވެ.
ނިޔާވި ޖުނާޙުއަކީ އޭނާގެ އާއިލާގެ އެންމެ ދޮށީ ފިރިހެންކުއްޖާއެވެ.