
ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ
މިއަހަރުގެ ދެވަނަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އަށް އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސް.ޓީ.އޯގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިއަހަރުގެ ފުރަތަމަ ކުއާޓާރއާއި އަޅާބަލާއިރު ދެވަނަ ކުއާޓަރގައި އެކުންފުންޏަށް ލިބުނު އާމްދަނީއަަށް 22 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާރގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ދެވަނަ ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު އެކުންފުންޏަށް ސާފުފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރއާއި އަޅާބަލާއިރު، 3.2 އިންސައްތައިގެ ކުރިއެރުމެކެވެ. ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ފޮތުގައި ލިބިފައިވަނީ، 150 މިލިއަން ރުފިޔާއެވެ.
މިދިޔަ ކުއާޓަރގައި އެސް.ޓީ.އޯއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެން ކަމަށް އެކުންފުނިން ބުނެއެވެ.
މިދިޔަ ކުއާޓަރގައި ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިއްސާއަކަށް ފައިދާގެ ގޮތުގައި 135 ރުފިޔާ ޖެހޭ ކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.