ފޮޓޯ: ޕޮލިސް

އީމެއިލް އައިޑީ ހޯދައިގެން ފައިސާ ހޯދި 41 މައްސަލަ ހުށަހަޅާފައިވޭ - ފުލުހުން

ހޯމަ 08 އޮގަސްޓް 2022 | ހަމްޒާ

ފޯނުން ގުޅައިގެން އީމެއިލް އައިޑީ ހޯދައިގެން ބޭންކުގެ ޚިދުމަތަށް ވަދެ، ފައިސާ ހޯދާފައިވާ 41 މައްސަލަ ފާއިތުވި ހަފްތާ ތެރޭގައި ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement


ފުލުހުން ބުނީ، އެއިދާރާއަށް ހުށަހެޅޭ މިފަދަ މައްސަލަތައް ބަލައި ތަހުގީގުކުރާ އެއް ޑިޕާޓްމަންޓްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، މަކަރާއި ހީލަތުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. ވަކިން ހާއްސަކޮށް ފޯނުން ގުޅައިގެން އީމެއިލް އައިޑީ ހޯދައިގެން ބޭންކުގެ ޚިދުމަތަށް ވަދެ، ފައިސާ ހޯދާފައިވާ މައްސަލަތައް ގިނަ ކަމަށެވެ. އެގޮތުން ފާއިތުވި ހަފްތާ ތެރޭގައި މިފަދަ 41 މައްސަލައެއް އެޑިޕާޓްމަންޓަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަކަރާއި ހީލަތް ހެދުމަށް ބޭނުންކުރާ އެއް އުކުޅު

މަކަރާއި ހީލަތުގެ މައްސަލަތަކަކީ އެކަން ކުރާ ފަރާތްތަކުން ތައްޔާރުވެ، ވަރަށް ރޭވުންތެރިކަމާއެކު ކުރަމުންދާ ކުށަކަށްވާއިރު، މިފަދަ ކުށްތައް ކުރާ ގޮތްތައް އެކި ދުވަސްވަރަށް އެކި ބަދަލުތައް ގެނެސްގެން އެމަޅީގައި ގިނަ ބަޔަކު ޖައްސައި، އެތައް ފައިސާއެއް މަކަރާއި ހީލަތުން ވަނީ ހޯދާފައެވެ. އެގޮތުން މިހާރަކަށް އައިސް ބޭނުންކުރަމުންދާ އެއް އުކުޅަކީ، ފްލެޓް ލިބިފައިވާކަމަށް ބުނެ އެޗްޑީސީގެ ނަމުގައި މޯބައިލް ނަންބަރަކުން ގުޅައި، ހުޅުމާލެއިން ފްލެޓަށް ފޯމް ހުށަހެޅި މީހުންގެ ތެރޭގައި ޝޯޓްލިސްޓު ކުރެވުނު ކަމާއި ފްލެޓް ލިބިފައިވަނީ "ޖީ" ކެޓަގަރީއަކުން ކަމަށް ބުނެއެވެ. އަދި އެކަމާ ގުޅުންހުރި ޑޮކިއުމެންޓްތައް ފޮނުވުމަށްޓަކައި އީމެއިލް އައިޑީ ބޭނުވާކަމަށް ބުނެއެވެ.

އީމެއިލް އައިޑީ ލިބުމާއެކު ޑޮކިއުމެންޓްތައް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވިފައިވާކަން ކަށަވަރު ކުރުމައްޓަކައި ފޯނަށް މެސެޖެއް އަންނާނެކަމަށް ބުނެއެވެ. ނަމަވެސް ހަގީގަތުގައި މިއަންނަ މެސެޖަކީ "ޖީ" އިން ފެށޭ ޖީމެއިލްއަށް ވަނުމަށް ބޭނުންކުރާ ޓޫފެކްޓަރ އޯތެންޓިކޭޝަން ކޯޑެވެ. ނަމަވެސް ގިނަ ފަރާތްތަކަށް މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި، ފްލެޓް ލިބިފައިވާ ކެޓަރީއާއި ކޯޑު ފެށޭ އަކުރާ ދިމާވާތީ ގިނަ ބަޔަކަށް މިއީ ހަގީގަތެއްކަމަށް ގަބޫލުކުރެވި، ނުވަތަ ސަމާލުކަން ނުދެވި އެ ކޯޑު ފޯނުން ގުޅި ފަރާތާ ހިއްސާކުރެއެވެ. މި ކޯޑް ހިއްސާކުރުމާއެކު ޖީމެއިލްގެ އެކްސަސް އެދެވުނީއެވެ.

ފޯނަށް ގޫގުލްއިން އަންނަ މެސެޖު ހިއްސާކުރެވޭ ހިސާބުން ފެށިގެން އެކައުންޓުގެ ކޮންޓްރޯލް ޕްރައިމަރީ ސަސްޕެކްޓަށް ލިބެއެވެ. އަދި އީމެއިލްއަށް ވަނުމަށްފަހު ޖީމެއިލް ޕާސްވޯޑް ރިސެޓްކޮށް، އެއަށްފަހު ކްރޯމްއަށް ލޮގިންވެ ސެޓިންގްސްއަށް ވަނުމުން ސޭވްކޮށްފައިވާ ލޮގިންތަކާއި ޕާސްވޯޑްތައް ފެންނަން ހުރެއެވެ. އަދި ބޭންކާ ކޮށްފައިވާ މުއާމަލާތްތައް ފިލްޓަރކޮށް، ބެންކާއި ކޮށްފައިވާ މުޢާމަލާތްތައް ބަލައި އިންޓަރނެޓް ބޭންކިންގ އަށް ވަދެއެވެ. އަދި އިންޓަރނެޓް ބޭންކިންގ ޕާސްވޯޑް ސޭވްކޮށްފައި ނެތްކަމުގައިވީ ނަމަވެސް އިންޓަރނެޓް ބޭކިންގ ބޭނުންކުރާ އީމެއިލްއަކީ އެއީކަމަށްވާނަމަ ފޮގެޓް ޕާސްވޯޑަށް ގޮސް އީމެއިލްއާއި އައިޑީ ކާޑު ނަންބަރު އެނގޭކަމުގައިވާނަމަ ޕާސްވޯޑް ރިސެޓްކޮށްލުމަކީ، ފަސޭހަކަމެކެވެ.

އެކައުންޓަށް ވަދެ ފައިސާ ނެގުން

އިންޓަރނެޓް ބޭންކިންގއަށް ވަނުމަށްފަހު އެކައުންޓުގައި ހުރި ފައިސާ މެއިން ސަސްޕެކްޓް އެހެން މީހެއްގެ އެކައުންޓަށް ފައިސާތައް ޓްރާންސްކުރެއެވެ. މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްގެ ވެރިފަރާތަކީ، މެއިން ސަސްޕެކްޓް ދަންނަ ރައްޓެއްސަކަށް ހެދިގެން އަދި ވަރަށް އާޖެންޓްކަމެއް ނުވަތަ އެމަރޖެންސީއެއް ދިމާވެގެން ޓްރާންސްފަރ ކުރާ ފައިސާ ކޮޅެއް ނަގައިދިނުމަށް އެދި އޮޅުވާލައި ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ މީހެކެވެ.

އެގޮތުން އަންހެނުން، މަންމަ ނުވަތަ ބައްޕަ ނުވަތަ އެނޫންވސް އާއިލާ މީހަކު ބަލިވެގެން އުޅޭކަމަށް ބުނެ ވަރަށް އާޖެންޓްކޮށް ފައިސާކޮޅެއް ނަގަން ބޭނުންވާކަމަށް ބުނެ އެކައުންޓް ނަންބަރު ހޯދައި ފައިސާ ޓްރާންސްފަރކޮށް، ފައިސާ ނަގައެވެ. އަދި ފައިސާތައް ނަގުވައި ތަފާތު އެކި މީހުން އެފައިސާއާ ހަވާލުވާން ދާކަން ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ ސްކޭމް ކޯލުތަކުގައި ލެޖިޓް ކޯލްތަކެއް ގޮތުގައި ދެއްކުމަށްޓަކައި ކޮންފަރެންސްކޮށް އިތުރު މީހުންވެސް ބައިވެރިވެއެވެ. އަދި މިފަދަ ކޯލުތަކުގައި އެއް ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރާކަން ފާހަގަކުރެވިފައިވެއެވެ.

ފައިސާ ހޯދައި އެ ބޭނުންކުރާ ގޮތަށް ބަދަލު އައުން

މިއީ، މިފަދަ މައްސަލަތަކުގައި އާންމުކޮށް އެކަންކޮށްފައިވާ ގޮތެވެ. ނަމަވެސް މިހާރު އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، އެކައުންޓަށް ވަނުމަށްފަހު ފައިސާ ބޭނުންކުރާ ގޮތް ބަދަލުވާން ފަށާފައިވާ ކަަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން ކުރިން އޭޓީއެމްތަކުން ފައިސާ ނެގިކަމުގައިވީނަމަވެސް، ބޭންކިން ޚިދުމަތުގައި ބޭނުންކުރާ އީވޮލެޓް ޚިދުމަތް ބޭނުންކޮށްގެން ފޯނު ފަދަ ތަކެތި ގަނެފައިވާކަން ފާހަގަކުރެވިފައެވެ. އަދި ގަޑިއާއި ރަން، އެކި ވައްތަރުގެ ގަހަނާއާއި އިލެކްޓްރޯނިކްސް ސާމާނުތައް ގަނެފައިވެއެވެ.

މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަން

ފުލުހުން ބުނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ މިފަދަ މައްސަލަތަކަކީ ތަހުގީގުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ މައްސަލަތަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމަކީ، ދަތި އުނދަގޫ މަސައްކަތަކަށް ވެފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ އެންމެވެސް މިހާރަށްވުރެ ހޭލުންތެރިވެ، ސަމާލުކަން ދީފިނަމަ މަދުކުރެވޭނެ ބާވަތުގެ މައްސަލަތަކެއް ކަމަށެވެ.

އެގޮތުން އެކި ފަރާތްތަކުން އެކި ނަން ނަމުގައި ގުޅައިގެން އެމީހެއްގެ ޒާތީ މަޢުލޫމާތާއި އީމެއިލްއާއި ކޭޝް ކާޑުގެ މަޢޫލޫމާތާއި އެނޫންވެސް މުހިންމު މަޢުލޫމާތު ހޯދަން ގުޅިކަމުގައިވީނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަކީ އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ފުލުހުން ބުނެއެވެ. އަދި ބޭންކާއި، އެޗްޑީސީއާއި އެނޫންވެސް ތަނަކުން އެމީހެއްގެ ޒާތީ މަޢުލޫމާތު ނުވަތަ އައިޑީ ކާޑު ނަންބަރާއި އޯޓީޕީ ފަދަ މަޢުލޫމާތު ހޯދުމަށް ނުގުޅާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް ފްލެޓް ލިބިފައިވާކަމަށް ބުނެ ގުޅައި އީމެއިލްއާއި، އައިޑީ ކާޑު ނަންބަރު ފަދަ މަޢުލޫމާތު ހޯދާއިރު، ފްލެޓަށް ހުށަހަޅާފައިވޭތޯއާއި، ފްލެޓަށް އެދޭއިރު ފޯމުގައިވެސް މިފަދަ މަޢުލޫމާތު ދީފައި ހުންނާނެކަން ދަނެ، އަލުން އެމަޢުލޫމާތު ހޯދުމަށްޓަކައި އެތަންތަނުން ނުގުޅާނެކަންވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. ހަމައެއާއެކު ބޭނުންކުރާ އީމެއިލްއަކީ ބޭންކިންގ ފަދަ ޚިދުމަތްތަކުގައިއާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ އީމެއިލް އެއްނަމަ ސެކިއުރިޓީ ގޮތުން ވަރުގަދަ ކުރުމާއި، ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.