މާލެ ވިޔަފާރި ބަނދަރު ސަރަހައްދު. ފޮޓޯ: ސޯޝަލް މީޑިއާ

ޖުލައި މަހު އިމްޕޯޓް %56 އިތުރު، އެކްސްޕޯޓް %52 ދަށް

ހޯމަ 15 އޮގަސްޓް 2022 | ހަމްޒާ

މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު އިތުރުވެ، ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.

Advertisement


ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު، މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުވަނީ 56 އިންސައްތަ އިތުރުވެފައެވެ. އަދި ރާއްޖެއިން ބޭރުކުރި މުދަލުގެ އަގުވަނީ 52 އިންސައްތަ ދަށަށް ގޮސްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރާޢްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރުގެ ޖުލައިމަހު މިއަދަދުވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ރާއްޖެއިން ބޭރުކުރި މުދަލަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ރާޢްޖެއިން 162 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިއަހަރުގެ މިމުއްދަތުގައި ރާއްޖެއިން ބޭރުކުރި މުދަލުގެ އަގުވަނީ، 78 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 52 އިންސައްތައިގެ ދަށްވުމެކެވެ.

2021 ވަނަ އަހަރުގެ ޖުލައި މަހު އިމްޕޯޓް/އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 241 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު، 31 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު, އިންޑިއާއިން 698 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީ އިން 550 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ޖަރުމަންވިލާތް، އިނގިރޭސިވިލާތް، މޮރިޝަސް، ބަންގްލަދޭޝް އަދި އިންޑިއާއަށެވެ.

މީގެއިތުރުން ޖުލައި މަހު ރޯޔަލްޓީގެ ގޮތުގައި 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.