
މޫސާގެފާނުގެ ޒަމާނުގެ ފިރުއަޢުނަށް މިސްރު ސަރުކާރުން ހަދައިދިން ޕާސްޕޯޓް
ދުނިޔޭގައި މަރުވެފައިވާ މީހަކަށް ހަދައިދިން އެންމެ ފުރަތަމަ ޕާސްޕޯޓަކީ، މޫސާގެފާނުގެ ފިރުއައުނު ކަމުގައި ބެލެވިފައިވާ ރަމްސެސް 2 އަށް މިސްރު ސަރުކާރުން ހަދައިދީފައިވާ ޕާސްޕޯޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން މިފޮޓޯ ދައުރު ކުރެއެވެ. މަރުވިތާ 3000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ރަމްސެސް 2އަށް މިސްރު ސަރުކާރުން ޕާސްޕޯޓެއް ހަދާފައި ވަނީ 1976 ވަނަ އަހަރު، ރަމްސެސް 2 ގެ ހަށިގަނޑު ރައްކާތެރިކުރުމުގެ ފަރުވާއަށް ޕެރިހަށް ފޮނުވުމަށެވެ.

ޕެރިހަށް ރަމްސަސް 2 ގެ ހަށިގަނޑު ބައެއް ތަހުލީލުތައް ކުރުމަށް ގެންދިޔައެވެ. އަދި އޭރު ފްރާންސަސް އެތެރެވާ ކޮންމެ ބޭރު މީހަކީ، ދިރިހުރި މީހެއް ކަމުގައި ވިޔަސް ނުވަތަ މަރުވެފައިވާ މީހަކު ކަމުގައި ވިޔަސް އެމީހަަކަށް އެތެރެވެވެނީ ޕާސްޕޯޓެއް އޮވެގެން ކަމަށް ވުމާއި އެކު، ފިރުއައުނު ރަމްސެސް 2 ގެ ހަށިގަނޑު ޕެރިހަށް ގެންދިޔުމަށް މިސްރު ސަރުކާރުން އެރަސްގެފާނަށް ޕާސްޕޯޓެއް ހެއްދިއެވެ. އެހެން ނަމަވެސް މިހާރު ސޯޝަލްމީޑިއާގައި ދައުރު ކުރަނީ، އާޓިސްޓަކު ހަދާފައިވާ ޕާސްޕޯޓެކެވެ. އަސްލު ޕާސްޕޯޓެއް ނޫނެވެ.
ރަސްމްސެސް 2 އުފަންވެ ވަޑައިގެންނެވީ، އީސާގެފާނުގެ 1300 އަހަރުކުރިން، 1303 ބީސީގައެވެ. އޭނާ އަވަހާރަވީ 1203 ބީސީގައެވެ. އުމުރުން 90 އަހަރުފުޅުގައި ރަމްސެސް 2 އަވަހާރަވިއިރު، ޖުމުލަ 67 އަހަރު ރަސްކަން ކުރައްވާފައި ވެއެވެ. ރަސްކަން ލިބިވަޑައިގަތީ އުމުރުފުޅުން 23 އަހަރުފުޅުގައި 1279 ބީސީ ގައެވެ.
ރަމްސެސް 2 އަކީ، ސަލާމާއި ޞަލަވާތްލެއްވި މޫސާ އަލައިހިއްސަލާމްގެ ޒަމާނުގައި މިސްރުގެ ރަސްކަމުގައި ހުންނެވި ރަސްގެފާނެވެ.