ރައީސުލް ޖުމްހޫރިއްޔާ ދިއްގަރަށް ވަޑައިގެންނެވުން ---

އުއްމީދެއް ދިރުމެއް ނެތި މުސްތަޤުބަލާއި މެދު ސުވާލު އުފެދިފައިއޮތް އެތައްރަށެއްގެ ރައްޔިތުންނަށް އުއްމީދު އާކޮށްދިނީ ރައީސް ޞާލިޙް

އަންގާރަ 30 އޮގަސްޓް 2022 | އައުޓްރީޗް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް ފާޑުކިޔާ އިދިކޮޅު މީހުންނާއި، އަދި ޕާޓީގެ ތެރެއިން ވަކި ބޭފުޅަކަށް ތާއީދުކުރައްވާ ބޭފުޅުން މައިގަނޑުގޮތެއްގައި ކުރާ އެއް ސުވާލެއް އޮވެއެވެ. މިސަރުކާރުން ރައްޔިތުންނަށް ގެނެސްދިން ތަރައްޤީއަކީ ކޮބައި ހެއްޔެވެ؟

Advertisement


އެސުވާލަށް ސަރުކާރުގެ އިސްބައެއް ބޭފުޅުން ދެއްވަނީ ވަރަށް ސާދާ ކުރުޖަވާބެކެވެ. އެއީ މިސަރުކާރުން ގެނެސްދޭ ތަރައްޤީ ލޮލަށް ނުފެނިގެން އުޅެނީ ބިމުގެ އަޑީގައި އޮތީމާ ކަމަށެވެ. މާލެ ސަރަހައްދަށް މުޅި ބަޖެޓު އޮއްސާލައިގެން ޓަވަރުތަކެއް އަޅާފައި ނެތީމާ ކަމަށެވެ. އެޖަވާބަށް އެއްބަޔަކު ހަޖޫކިޔެވެ. އެކަމަކު އަނެއްބަޔަކު އެކަމަށް އެއްބަސް ވެއެވެ. މިކަމަށް އެންމެ ރަނގަޅަށް އެއްބަސްވާ ބަޔަކީ، އަތޮޅުތެރޭގެ އެކަހެރި ކުދި ރަށްރަށުގައި ތިބި ރައްޔިތުންނެވެ. މާލޭގައި ތިބި ސިޔާސީ މީހުންނަށް އަތޮޅުތަކުގެ އެކަހެރި ކުދި އާބާދީތަކުގެ މީހުންނަށް މިހިނގާވެރިކަމުގެ 4 އަހަރުތަކުގެ ތެރޭގައި ލިބުނު ކުރިއެރުމެއް ނުފެނެއެވެ. އެމީހުންގެ ދިރިއުޅުމަށް ލިބުނު ފަސޭހައެއް ނުފެނެއެވެ ފެންނާނީވެސް އެރަށްރަށަށް ދިޔައިމާތާއެވެ. އެހެން ނޫނަސް ފަސްގަނޑުމަތީގައި ހިނގާފައިދާ ބަޔަކަށް ބިމުގެ އަޑީގައި ވަޅުލާފައިވާ ފެނާއި ނަރުދަމާގެ ހޮޅިތަކާއި ކަރަންޓް ކޭބަލްތަކެއް ނުފެންނާނެއެވެ.

ދުނިޔޭގެ މޫސުމާއި، ރާއްޖޭގެ ވެއްޓަށް އަންނަ ބަދަލުތަކާއި އެކު ބިމުގެ މީރުފެންފަށަލަ ބޭނުންކުރެވޭ އޮތީ މަދުރަށްތަކެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، ޖައްވަށް ދޫކުރާ ވިހަދުންތަކުގެ ސަބަބުން ދުނިޔޭގެ ވައިތަޣައްޔަރުވަމުން ދިޔުމުގެ ސަބަބުން، ވާރޭ ފެނަކީ މިހާރު ބުއިމަށް ރައްކާތެރި ފެނެއް ނޫނެވެ. އެހެން ނަމަވެސް ރާއްޖޭގެ ވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވި އިރުވެސް ރާއްޖޭގެ ގިނަރަށްރަށަކީ ހާއްސަކޮށް ކުދި އާބާދީތައް އޮތްރަށްތަކަކީ، އެންމެ އަސާސީ އެއް ޚިދުމަތްތައްވެސް ނެތްރަށްރަށެވެ. އޭގެ ތެރޭގައި ގިނައީ ފެނާއި ނަރުދަމާގެ ނިޒާމެއް ނެތް ރަށްރަށެވެ. އެހެންކަމުން މިދައުރު ނިމުމުގެ ކުރިން ކުޑަޔަށް ބޮޑަސް އަދި އާބާދީމަދުވިޔަސް، ރާއްޖޭގެ ހުރިހާރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ.

މިފެށުނު ހަފްތާގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ، މުލަކަތޮޅުގެ 5 ރަށަކަށް ދަތުރުފުޅެއް ކުރައްވާފައެވެ. ރާއްޖޭގެ ނިސްބަތުންވެސް އެންމެ އާބާދީކުޑަ ދެ ރަށަށް ކަމުގައިވާ، ރަތްމަންދޫ އާއި ވޭވަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއެވެ. އެރަށްރަށަކީ މީގެ ކުރިން ނިމިދިޔަ ވެރިކަންތަކުގައި ރައީސުލްޖުމްހޫރިއްޔާއަކު ވަޑައިގެންފައިވެސް ނެތްރަށްރަށެވެ. އެރަށްރަށުގެ ރައްޔިތުންގެ ޙާލަށް ވެރިން ލޮލުގެ ކުޑަކޮޅުންވެސް ބަލާލާފައި ނެތް ރަށްރަށެވެ. އާބާދީގެ ކޮންޓްރޯލް ކުރުމުގެ އައްޑަނަ ހޯދި ނަމަވެސް އޭގެ ނިވަލުގައި މުސްތަޤުބަލް ގެއްލެމުން ދިޔަ ރަށްރަށެވެ.

މ އަތޮޅުގެ އާބާދީއަށް ބަލާއިރު، ދިއްގަރަކީ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް ރަށެވެ. އެހެން ނަމަވެސް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތުގެ މައްސަލަ އޮތީ ހައްލު ނުވެއެވެ. އިރުވައިހަޅައިގައި ގޯތި ގެދޮރާއި އޮޑިދޯނި ފަހަރުގެ ހިމާޔަތުގައި، ދިއްގަރުގެ ރައްޔިތުން ހޭލައިތިބެން ޖެހެނީ، އުދައިން ސަލާމަތް ވުމަށެވެ. އިރުވައިމޫސުމަކީ، ރީތި ނަލަ ރޯޅިއާއި ތެމާލާފައި އޮންނަ ކަނޑުގެ ހިތްފަސޭހަކަން އިހްސާސްކުރެވޭ މޫސުމް ނަމަވެސް، ވައްޓަރުކަނޑުގައި އުފެދޭ ދިގު ބިޔަ ބާނިތައް ހޮޅިލައި މުގުރަމުންދާނީ، ދިއްގަރުގެ ގޮނޑަށެވެ. ދިއްގަރު ރައްޔިތުން ޒަމާނުންފެށިގެން އުފުލަމުން އައި މިތަކްލީފަށް ނިމުން ގެނުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންނެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން މިތިބީ ކޮންމެ އިރުވައެއްގައި ހަމަ ނިދި ނުލިބި، ބިރުވެރި ކަމެއްގެ ތެރޭގައި. އެހެން ނަމަވެސް ތޮށި ލެވިގެން ދިއުމުން މިއަހަރު ދިއްގަރުގެ ރައްޔިތުންނަށް އިރުވައެއް ނުވޭ" ދިއްގަރުގެ ގޮނޑުދިޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެން ދިއްގަރުގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ތަކުލީފަކީ ބިމުގެ ދަތިކަމެވެ. އެކަންވެސް ހައްލުކޮށްދިނުމަށް ސަރުކާރުން ދިއްގަރުގައި ބިންހިއްކުމުގެ މަޝްރޫއެއް ކުރިޔަށް އެބަ ގެންދެއެވެ. އެމަޝްރޫއު ނިމޭއިރު، މިހާރު 13 ހެކްޓަރުގެ ކުޑަ ދިއްގަރުގެ ބިން ދެގުނަ ބޮޑުވެ 38 ހެކްޓަރުގެ ރަށަކަށް ވެގެންދާނެއެވެ.

މީގެ އިތުރުންވެސް ދިއްގަރުގައި މިސަރުކާރުން ދަނީ އެތައް މަޝްރޫއެއް ހިންގަމުންނެވެ.

މ ރަތްމަންދޫގެ އާބާދީއަކީ 231 އެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީއަށް ވުރެވެސް މަދެވެ. ރާއްޖޭގައި ބަނދަރެއް ހެދފައި ނެތް ފަސް އިނގިލިން ގުނާލެވޭ ހައި މަދުރަށްތަކުގެ ތެރޭގައި ރަތްމަންދޫ ހިމެނެއެެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އެކު ބޭއްވި ބައްދަލުވުމުގައި ރަތްމަންދޫ ކައުންސިލުން ވަނީ އެރަށުގެ ތާރީޚުގައިވެސް ހިންގާފައި ނުވާފަދަ ގިނަ މަޝްރޫޢުތައް ރައީސް ސާލިޙްގެ ސަރުކާރުން ހިންގަމުންދާކަން ފާހަގަކޮށްފައެވެ. އަދި ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރިއެވެ. ރަތްމަންދޫގެ އާބާދީ މަދުކަމުން އެރަށާއި މެދު އުއްމީދެއް ނެތްކަމަށް ކުރީގެ ސަރުކާރުންތަކުގެ ވެރިންވެސް ވިދާޅުވަމުން ގެންދެވިއެވެ. އެހެން ނަމަވެސް ޖެހިގެން އޮތް މަޑިފުށީ ގައި ތަރައްޤީކުރެވެމުން އަންނަ ރިޒޯޓާއި، މިސަރުކާރުން ރަތްމަންދޫއަށް ގެންނަމުންދާ ތަރައްޤީ އާއިއެކު ރަށަށް ވަނީ އުއްމީދާއި ދިރުން ގެނުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަތްމަންދޫގައި މިސަރުކާރުން ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައްޔިތުންނަށް ދެއްވާފައެވެ.

މ.ވޭވަށަކީވެސް އާބާދީގައި އެންމެ 350 މީހުން ދިރިއުޅޭ ރަށެކެވެ. އެހެން ނަމަވެސް މިސަރުކާރުން ވަނީ އެރަށުގައި 500 ފޫޓުގެ ބަނދަރެއް ހައްދަަވައި ދެއްވާފައެވެ. އަދި އެރަށުގައި އެންމެ ޒަމާނީ ފެންވަރުގެ އިންޖީނުގެ އެއް އިމާރާތްކޮށް ހުޅުވާފައި ވާއިރު، ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތާއި ކޯޓު އިމާރާތްކުރުމުގެ މަސައްކަތް ދަނީ ހިނގމުންނެވެ. ވޭވަށުގެ ތަރައްޤީއަށް ވޭތުވެ ދިޔަ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި ޚަރަދުގައިކޮށްފައި ވަނީ އެންމެ 2 މިލިޔަން ރުފިޔާ ކަމަށާއި އެކަމަކު މިސަރުކާރުގެ 4 އަހަރުގެ ތެރޭގައި އެކަނިވެސް 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ވޭވަށުގެ ތަރައްޤީއަށް ޚަރަދުކޮށްފައިވާ ކަމުގައި ވޭވަށުގެ ބަނދަރު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް އަދި ޚާއްޞަކޮށް އާބާދީ މަދު ރަށްރަށުގައި ދިމާވެފައި ހުރި ދަތިތައް، ގޮންޖެހުންތައް އެއީ މި ރަށަށްވެސް އޮތް ޒަމާންވީ ގޮންޖެހުމެއް. އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމަށްފަހުގައި، އަޅުގަނޑުމެންގެ މަޤްޞަދަކަށްވީ ދިވެހި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއް އެއީ، އާބާދީ ބޮޑަސް، ކުޑަޔަސް، ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކޮށްދޭންޖެހޭ، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކެއް ހުންނާނެކަމާއި، އެ ކަންތައްތައް ކޮށްދިނުން. އެއީ، އަޅުގަނޑުމެންގެ އެންމެބޮޑު ވަޢުދު. އެއީ، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުން. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން. ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުން. ރަށުގައި ތިބެގެން ތަޢުލީމު ހާސިލްކުރެވޭނެގޮތް ދަރިވަރުންނަށް ފޯރުކޮށްދިނުން. އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ޚިދުމަތް ރަށުންނާއި، އެ ސަރަޙައްދަކުން ފޯރުކޮށްދިނުން." ވޭވަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވޭވަށުގެ ރައްޔިތުން ވަނީ މިހަތަރު އަހަރުގެ ތެރޭގައި އެރަށަށް އައި ކުރި އެރުން ފާހަގަކޮށްފައެވެ. އަދި އެކަމަށްޓަކައި ރައީސަށް ޝުކުރު އަދާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މ މަޑުއްވަރީއަށް ވަޑައިގެން، މަޑުއްވަރީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުުގައި މަޑުއްވަރީކައުންސިލްގެ ރައީސަކަށް ހުންނެވި ޕީޕީއެމްގެ މެމްބަރުވެސް ވިދާޅުވީ، މަޑުއްވަރީގެ ރައްޔިތުންނާއި ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކާއި ބައްދަލުވެފައި ނުވާކަމަށެވެ. މަޑުއްވަރީގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ އުމުރާނީ ތަރައްޤީގެ މަޝްރޫއަކީ، ބަނދަރުހެނދުން ކަމަށް ވާއިރު، އެރަށުގެ ބަނދަރުގެ މަސައްކަތް ނުފެށި އޮތީ ބަނދަލުގެ ޑިޒައިނާއި މެދު ރައްޔިތުންނާއި ޕްލޭނިންގ މިނިސްޓްރީ އާއި ދެމެދު އޮތް ޚިޔާލު ތަފާތުވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް މަޑުއްވަރީގެ ބަނަދަރު ހެދިގެންދާނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މަޑުއްވަރީގެ ރައްޔިތުންނަށް ދެއްވިއެވެ.

މ އަތޮޅުގެ އަތޮޅުވެރިކަން ކުރާރަށް މުއްޔަކީވެސް އަތޮޅުގެ ނިސްބަތުން ހަތަރުވަނަ އާބާދީއެވެ. މުލީގެ އާބާދީއަކީވެސް 1000 އެވެ. މުލީގައި މިސަރުކާރުން ހިންގަމުން އަންނަ އެންމެ ބޮޑު މަޝްރޫއަކީ އެއާޕޯޓު އެޅުމުގެ މަޝްރޫއެވެ. އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމަޝްރޫއު ނިމޭނެކަމުގައި އެމަޝްރޫޢުގެ ކޮންޓެކްޓަރު، އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. އެއާޕޯޓުގެ އިތުރުންވެސް މުލީގައި ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިމެނެއެވެ.

މ އަތޮޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ހިތުގެ ލޯތްބާއި އެކު އެމަނިކުފާނަށް މަރުޚަބާ ކިޔާފައިވެއެވެ. ހުރިހާރަށެއްގެ ކައުންސިލްތަކުން ބުނެފައި ވަނީ އެރަށްރަށުގައި ތަރައްޤީގެ އެންމެ ގިނަ މަޝްރޫއުތައް ހިނގަމުން އަންނަނީ މިދައުރުގައި ކަމަށެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުވެ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ދުލުހުން ހުށައެޅުމަށް ފުރުޞަތު ދެއްވީ ރައީސް ސޯލިޙް ކަމަށެވެ.

އެހެންވެ، އެތައް ޒަމާނެއް ވަންދެއް އެކަހެރިކޮށް އަޅާނުލައި އޮތުމުގެ ސަބަބުން މުސްތަޤުބަލާއި މެދު އުއްމީދު ގެއްލެމުންދިޔަ އެތައް ރަށަކަށް މިދައުރުގައި ވަނީ އުއްމީދާއި ދިރުން ގެނެސްދީފައެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.