ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ވޭވަށުގެ ބަނދަރު ސަރަހައްދު ޒީނަތްތެރިކޮށްފައި

ވޭވަށު ރައްޔިތުނަށް ވޭވަށަކީ ޑުބާއީ، އެއީ ރައްޔިތުންގެ އިޙްސާސް

ބުދަ 31 އޮގަސްޓް 2022 | އައުޓްރީޗް

މުލަކަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ކުޑަރަށަކީ، ވޭވަށެވެ. އަތޮޅުވެރިކަން ކުރާރަށް މުއްޔާއި، އަތޮޅުގެ ދެވަނައަށް އެންމެ ގާތުގައި އޮތް މުލަކާއި ގާތުގައި އޮތް ވޭވަށުގެ އާބާދީއަކީ، 350 އެވެ. މ އަތޮޅުގެ އެހެން ރަށްރަށާއި އަޅާބަލާއިރު ވޭވަށަކީ، ބިން ބޮޑު ރަށެކެވެ. މިރަށުގެ ބިމުގެ ބޮޑު މިނަކީ، 42.7 ހެކްޓަރެވެ.

Advertisement


އާބާދީ ކިތަންމެ މަދުނަމަވެސް، ވޭވަށުގައި މެދު ނުކެނޑި މީހުން ދިރިއުޅެމުން އަންނަތާ ހާހަކަށްވުރެ ގިނަ އަހަރުވެދާނެކަމަށް ބެލެވެއެވެ. އެރަށުގައި ހުރި 500 އަހަރުވީ ހިރިގަލުގެ ހުކުރު މިސްކިތަކީ އެކަމުގެ ސާފު ދަލީލެކެވެ.

މީހުން ދިރިއުޅެމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވީނަމަވެސް، ރާއްޖޭގެ އެހެންރަށްރަށް ޢުމުރާނީ ގޮތުން ތަރައްޤީވަމުން އައި ނިސްބަތާއި އަޅާއި ބަލާއިރު ވޭވަށުގެ ޢުމުރާނީ ތަރައްޤީ އޮތީ މާފަހަތުގައެވެ. އޭގެ ސަބަބަކަށްވީ، މީސްކޮޅުމަދު ދިރިއުޅުން ދަތި އެރަށަށް، ސަރުކާރުގެ އަޅާލުން ކުޑަކަމެވެ. ރާއްޖެދުން އެންމެ ތިޔާގި 5 އަހަރުގައިވެސް އެރަށުގެ އުމުރާނީ ތަރައްޤީއަށް ސަރުކާރުން ހޭދަކުރީ އެންމެ ދެތިން މިލިޔަނެއްހައި ރުފިޔާއެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މިއަހަރުގެ ބަޖެޓުގައި އެކަނިވެސް ވޭވަށަށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހިމަނާފައެވެ. އަދި މިހިނގާ ދައުރުގެ ނިމިދިޔަ 4 އަހަރުގައި، ވޭވަށުގެ ތަރައްޤީގެ މަޝްރޫއުތަކަށް 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

"އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމަށްފަހުގައި، އަޅުގަނޑުމެންގެ މަޤްޞަދަކަށްވީ ދިވެހި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއް އެއީ، އާބާދީ ބޮޑަސް، ކުޑަޔަސް، ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކޮށްދޭންޖެހޭ، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކެއް ހުންނާނެކަމާއި، އެ ކަންތައްތައް ކޮށްދިނުން. އެއީ، އަޅުގަނޑުމެންގެ އެންމެބޮޑު ވަޢުދު." ވޭވަށުގެ ބަނދަރު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފާއިތުވެ ދިޔަ ސަރުކާރުތަކުގައި ވޭވަށުގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތުމާއި އެކު ވޭވަށުގެ ރައްޔިތުން ދިޔައީ އެތައް ވޭނަކާއި ދައްޗަކާއި ތުރާލެއް އުފުލަމުންނެވެ. މިއަހަރާއި ހަމަައަށްވެސް ވޭވަށުގެ ލަފާފުރުމުގެ ދަތިކަމާއި އެކު އަތޮޅު ފެރީވެސް އަށްވެސް ވޭވަށުގެ ރައްޔިތުން އަރަންޖެހެނީ، ކުދި އުޅަނދުފަހަރުގައި އެތެރެވަރީގެ ތެރެއަށް ނުކުމެގެންނެވެ. ނޫންނަމަ ޖެހޭނީ ގާތުގައި އޮތް މުލަކުގެ ބަނދަރަށް ކުޑަ އުޅަނދެއްގައި އިތުރު ޚަރަދުކޮށްފައިދާށެވެ.

ވޭވަށު ކައުންސިލްގެ ރައީސް މަމްދޫޙް ވަހީދު ވިދާޅުވީ، ވޭވަށުގެ ކުރިމަށް އޮތް ހުރަހަކީ އެރަށުގައި ލަފާފުރުމުގެ ދަތިކަމާއި، ކަރަންޓާއި ފެނާއި ނަރުދަމާގެ މައްސަލަ ކަމަށެވެ. 42 ހެކްޓަރުގެ ރަށުގައި މީހުން ދިރިއުޅެނީ 5 ހެކްޓަރުގައި ކަމަށާއި ތަރައްޤީވެ ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމަށް އެރަށަކީ އެކަށޭނަ ރަށަކަށްވީނަމަވެސް، ކުރީ ސަރުކާރުތަކުން އެރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް ނުދީ އޮތުމުގެ ސަބަބުން ރައްޔިތުން އެދޭ އެތަރައްޤީއަށް އޮތީ ވާޞިލް ނުވެވިކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން ވޭވަށަށް ގެނެސްދެމުންދާ ތަރައްޤީ އާއި އެކު ރަށުގެ ރައްޔިތުންގެ މުސްތަޤުބަލް އުޖާލާވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މުލަކަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގެ ބަނދަރާއި އިންޖީނުގެ ހުޅުއްވައި ދެއްވާފައެވެ. އެ އާއިއެކު ވޭވަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި ލިޔެވިގެން އެދިޔައީ މުޅިން އައު ބާބެކެވެ.

ވޭވަށުގެ އާބާދީ ކިތަންމެ ކުޑަނަމަވެސް އެރަށަކީ ފުޅާދާއިރާއެއްގައި މަސްގަނެ ކައްކައި ހިއްކުމުގެ މަސައްކަތް ކުރަމުން އައި ރަށެކެވެ. މަސްވެރިން ބާނާ މަސް އެރަށަށް ކިރުމުގައި ދިމާވެފައި އޮތް އެންމެ ބޮޑުދަތިކަމަކީ ބަނދަރުގެ މައްސަލައެވެ. ވޭވަށުގެ އަމިއްލަ ޕްރޮޑެކްޓެއްގެ ގޮތުގައި މަހުގެ އުފެއްދުންތައް އުފައްދައި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަމުން ދިޔަ ނަމަވެސް ބަނދަރެއް ނެތުމާއި ރަށަށް މަސްބޭލުމުގައި ހުރިދަތިތަކުގެ ސަބަބުން އެމަސައްކަތަށްވެސް އޮތީ ދަތިތައް ކުރިމަތިވެފައެވެ.

ވޭވަށުން ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި އެރަށުގެ ކަރަންޓްގެ މައްސަަލައަކީ ޒަމާނުއްސުރެ ހައްލު ނުވެ އޮތް މައްސަލައެކެވެ. އެހެން ނަމަވެސް މިސަރުކާރުން އެރަށުގައި އައު އިންޖީނުގެ އެއް ބިނާކޮށް ޒަމާނީ އެންމެ އެކަށޭނަ ފެންވަރުގައި ކަރަންޓްގެ ޚިދުމަތްވެސް ވަނީ ދޭން ފަށާފައެވެ.

މީގެ އިތުރުން އެރަށުގެ ތަރައްޤީއަށް ދެން އެންމެ ބޮޑު ހުރަހަކަށް ވެފައި އޮތީ ސާފު ބޯފެނާއި ނަރުދަމާ ނެތުމެވެ. އެރަށުގެ ފެނާިއ ނަރުދަމާގެ ނިޒާމްގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. އަންނަ އަހަރުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްވެސް ނިމިގެން ދާނެއެވެ. އެއާއިއެކު ލޯކަލް ޓޫރިޒަމަށް ހުރި ދަތިތައް ގާތްގަނޑަކަށް މުޅިންހެން ހައްލުވެގެން ދާނެ ކަމުގައި ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން އެރަށުގައި ކޯޓުގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ހިނގަމުންދާއިރު، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫއުތައްވެސް ދަނީ ހިނގަމުންނެވެ.

ވޭވަށުގެ ޢުމުރާނީ ތަރައްޤީއަށް އަންނަ ކުރިއެރުންތައް ވޭވަށުގެ ރައްޔިތުން ދުށީ، ޑުބާއީ ފަދައިން ތަރައްޤިވުމަށް ހުޅުވުނު ދޮރުގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް މަރުހަބާ ދެންނެވުމަށް ވޭވަށުގެ އެމްޑީޕީ ސަޕޯޓަރުން "ވޭވަށް ޑުބާއީއަށް ހައްދަވައިދެއްވި ރައީސަށް މަރުހަބާ" ލިޔެ ދަމާފައިވާ ބެނާއަށް އިދިކޮޅު މީހުން ކުރީ ފުރައްސާރައެވެ. އެމީހުން ކުރީ މަލާމާތެވެ. މިއަދު އިދިކޮޅުގައި އެތިބީ ވޭވަށް އެކަހެރިކޮށް ބާކީކުރި މީހުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ވޭވަށުގެ ރައްޔިތުންނަށްވެސް ކަށަވަރުކޮށްދޭ އެންމެ އަސާސީ ޚިދުމަތްތައްވެސް ފޯރުކޮށް ނުދީ 5 އަހަރުގެ ވެރިކަމުގެ ދައުރެއް ނިންމާލި މީހުންނެވެ. އެހެންވީމާ ވޭވަށުގެ ރައްޔިތުން ދެކުނު ގޮތުގައި ވޭވަށުގެ ރައްޔިތުންގެ އުއްމީދާއި ހުވަފެންތަކަށް އިދިކޮޅުން ކުރާ ފުރައްސާރައަކުން އަސަރެއް ނުކުރާނެއެވެ. ވޭވަށުގެ ރައްޔިތުން ތިބޭނީ ވޭވަށުގައި ރައްޔިތުންތަކެއް ތިބިކަން ދަންނަ ވެރިއެއްގެ ފަހަތުގައެވެ.

ވޭވަށް ޑުބާއީއަށް ވާނީ އެރަށުގައި ބުރުޖްޚަލީފާ ފަދަ ބޮޑު ޓަވަރެއް ހުރެގެނެއް ނޫނެވެ. އުސްއިމާރާތްތަކަކުން ނޫނެވެ. އަސާސީ ޚިދުމަތްތައް ޤާއިމްވެ އިޤުތިޞާދީ މަސައްކަތްތައް ފެށުމުން އެފެށުނީ ޑުބާއީއަށް ވުމުގެ ދަތުރެވެ. ކުދި އާބާދީތަކުގެ އުއްމީދުތައް ދައްކުވައިދޭ ލޯގަނޑަކީ ވ ތިނަދޫއެވެ. ދިރުމެއް އުއްމީދެއް ނެތިފައި އޮތް އެރަށް ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ވިޔަފާރިއާއިއެކު ދިރިއްޖެއެވެ. އާބާދީބޮޑު ވަސީލަތްތައް ގިނަ ރަށްރަށުގެ މީހުންނަށްވުރެ އާބާދޫ ކުދި މީސްކޮޅު މަދުރަށްރަށް ތިޔާގިވެ ތަނަވަސް ވެއްޖެއެވެ. އާބާދީ އާއި ތަރައްޤީއެއްފަސް ކުރުމުގެސިޔާސަތުގެ ނަމުގައި މީހުން އެއްތަނަކަށް ޖަމާކުރުމަކީ މުސްތަޤުބަލު ނަގައިލުންކަން ސާބިތުވެއްޖެއެވެ.

ވޭވަށް ޑުބާއީއަށް ހައްދަވައި ދެއްވި ރައީސް މަރުޙަބާ ދަންނަވާކަމުގައި ވޭވަށުގެ ރައްޔިތުން ލިޔުނު ބެނާ އާއިއެކު، ސޯޝަލްމީޑިއާގައި ޖޯކުޖަހައި ހަޖޫޖަހައި މީމްތައް ހަދައިގެން ފެތުރުމުން، ވޭވަށުގެ ރައްޔިތުންގެ އުއްމީދުތަކާއި ތަރައްޤީ ހާމަވީއެވެ. ވޭވަށް ދިވެހިންގެ ސަމާލުކަމަށް ގެނައުމަށް ރަށުގެ ރައްޔިތުން އަޅާލި ސުރުޚީ ފެވިގެން ދިޔައީއެވެ.

ވޭވަށުގެ ރައްޔިތުން ދެން އެދި ތިބީ އަވަސް ހަލުވި ދަތުރުފަތުރުގެ ނިޒާމަށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެކު މ އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތްވެސް ކައިރި މުސްތަޤުބަލުގައި ފެށިގެންދާނެއެވެ. އެއާއިއެކު ވޭވަށުގެ ރައްޔިތުންނަށް މިއަދު ހަޖޫޖަހައި މަލާމާތްކުރާ މީހުންވެސް، 500 އަހަރުވީ މިސްކިތް ދެކެލުމަށާއި، ދޫނިބިސްއަޅާ ގޮނޑުދޮށްތައް ބަލައިލުމަށާއި، ހިމޭން ރަށްފުށުގެ ދިރިއުޅުން ބަލައިލުމަށް ވޭވަށަށް އަންނާނެއެވެ. އެކަމަކު އެދުވަހަކުންވެސް ވޭވަށުގެ ރައްޔިތުން އެ އެންމެނަށްވެސް ކިޔާނީ ހޫނު މަރުޚަބާއެވެ.
ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.