ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ---

ޓެރަރިޒަމްގެ ނުރައްކާތައް ދަނީ ދުވަހުން ދުވަހަށް ފުޅާވެ އިތުރުވަމުން: ރައީސުލްޖުމްހޫރިއްޔާ

އަންގާރަ 13 ސެޕްޓެމްބަރ 2022 | އައުޓްރީޗް

ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ ނުރައްކާތައް ދަނީ ދުވަހުން ދުވަހަށް ފުޅާވެ އިތުރުވަމުން. ޓެރަރިޒަމްގެ އުކުޅުތައްވެސް ދަނީ ބަދަލުވަމުން، ނުރައްކާތެރިކަން އިތުރުވަމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Advertisement


އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ޓެރަރިޒަމްގެ ނުރައްކާތައް ދަނީ ދުވަހުން ދުވަހަށް ފުޅާވެ އިތުރުވަމުން އަންނައިރު، އެތެރެއާއި ބޭރުންވެސް އެ ނުރައްކާތައް އަންނަނީ ކުރިމަތިވަމުން ކަމަށެވެ. އަދި އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ހިތްވަރުގަދަ ސިފައިންކަމަށާއި، އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


"ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިން. ބަވަނަވަމުން މިދާ ދުނިޔޭގައި، ނިރުބަވެރި އުދަބާނިތައް ދަނީ މުޅި ދުނިޔެއަށް ފެތުރެމުން. އަޅުގަނޑުމެންގެ މި ރާއްޖެއަށްވެސް އެ ނުރައްކާ އެބައޮތް. އެފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ މިންވަރުވެސް، މިއަދު ވަނީ ކުރިއަށްވުރެ މާ ބޮޑުވެފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ދިވެހި ސިފައިން އަދާކުރަމުންދާ ޤައުމީ ވާޖިބުތަކާއި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ޢަސްކަރީ ވާޖިބުތަކުގެ އިތުރުން، މަދަނީ އެތައް ޚިދުމަތްތަކެއްވެސް ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ، ވަރަށް ވަރުގަދަ ޤައުމީ މުއައްސަސާއެއް ކަމަށެވެ. ދިވެހި މަސްކަނޑުތައް ޙިމާޔަތްކުރުމާއި، މަސްވެރިން ޙާލުގައި ޖެހުމުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ކޯސްޓްގާޑުން އަދާކުރަމުން އަންނަނީ ޝުކުރާއި ތަޢުރީފު ޙައްޤު މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކަނޑުމަތީގެ ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައިވެސް ދިވެހި ސިފައިން ދެމުން އަންނަނީ ވަރަށް އަގުހުރި ޚިދުމަތެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.


ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ސިފައިންގެ ޚިދުމަތް ފެށިގެން ދިޔައީ، މީލާދީން 1892ގައެވެ. 







ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.