ޖަޕާނުން އުފެއްދި، ފްލައިން ބައިކްގެ ޓެސްޓް ދަތުރުގެ ތެރެއިން ---

ފްލައިން ބައިކާއި އެކު ވައިގެ ދަތުރުފަތުރަށް އިންޤިލާބެއް

ހުކުރު 16 ސެޕްޓެމްބަރ 2022 | މޫސަ

ދުނިޔެއަށް އެންމެ ބޮޑު ބަދަލެއް އައީ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ތެރެއިންނެވެ. ޚާއްސަކޮށް ސިނާޢީ އިންޤިލާބާއި އެކު ފޮސިލް ފިއުލް ބޭނުންކޮށްގެން ހިންގާ އިންޖީނުތައް އީޖާދު ކުރުމާއިއެކު، ދުނިޔޭގެ ދަތުރުފަތުރަށް ބޮޑު ބަދަލެއް އައެވެ. އަސްގާޑިޔާތަކުގައި ކުރަމުން އައި ދަތުރުތައް ކާރާއި ވޭނާއި، ސައިކަލުފަދަ އުޅަނދުތަކުގައި ކުރެވެން ފެށުމާއިއެކު އެއްގަމު ދަތުރުފަތުރުގެ އިންގިލާބީ މިބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ އިޤުތިޞާދުތައް ހަލުވި ދުވެލީގައި ކުރިއަރަށްފެށިއެވެ. ރިޔާނެގި ނައުޒޯގު ފަހަރުގައި ކުރެވެމުން ދިޔަ ދަތުރުތައް، އިންޖީނުއެޅި އާގު ބޯޓުތަކާއި ކުރުވެ، ދުނިޔޭގެ އެއްތަނުން އަނެއްތަނަށް މުދާ ގެންދިޔުން އަވަސްވެގެން ދިޔުމާއިއެކު މުޅި ދުނިޔޭގެ އިޤުތިޞާދު ލާމެހިގެން ދިޔައެވެ.

Advertisement


ދުނިޔޭގެ އިޤުތިޞާދަށް އެންމެ ބޮޑު ބަދަލެއް، އައީ ވައިގެ ދަތުރުފަތުރާއި އެކު ގައެވެ. 1903 ވަނަ އަހަރު، ދުނިޔޭގެ ބިމުން ޖައްވަށް އިންސާނުންނާއި އެކު އުދުއްސާލި މަތިންދާބޯޓާއި އެކު، ވައިގެ ދަތުރުފަތުރުގެ އިންގިލާބީ ސިނާއަތަށް އަދި މިވީ 119 އަހަރެވެ. މި ފާއިތުވި 119 އަހަރުގެ ތެރޭގައި ވައިގެ ދަތުރުފަތުރާއި އެކު ދުނިޔޭގެ އިޤުތިޞާދުވަނީ ވަރަށް ބޮޑަށް ހަލުވި ވެފައެވެ.

ދުނިޔޭގައި އެންމެ ހަލުވި ކަމާއިއެކު ކުރިއަރަމުން އަދި ބަދަލުވަމުން އަންނަ ސިނާޢަތަކީވެސް ވައިގެ ދަތުރުފަތުރުގެ ސިނާއަތެވެ. ތަޖުރިބާކާރުން މާކުރިންވެސް ލަފާކުރައްވާފައިވާ ގޮތުގައި ކުރިޔަށް އޮތް ޤަރުނުގެ ތެރޭގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެނެސްދޭނެ އެއްޗަކީ ޑްރޯން ޓެކްނޮލޮޖީއެވެ.

ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދުނިޔެ ބަދަލުކޮށްލި ޑްރޯންޓެކްނޮލޮޖީއަކީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ބަދަލުކޮށްލާނެ ޓެކްނޮލޮޖީއެއްކަން މާކުރިންވެސް އެކިއެކި ފިލޯސަފަރުން ވިދާޅުވަމުން ގެންދެވިއެވެ. އަދި ސައިންސްވެރިންވެސް އައީ އެމަގަށް މަސައްކަތް ކުރަމުންނެވެ. ބަރު އިންޖީނުތަކާއިއެކު އެތައްހާސްލީޓަރެއްގެ ތެޔޮއަންދައިގެން ކުރަންޖެހޭ މަތިންދާ ބޯޓުގެ ދަތުރުތަކަކީވެސް އެންމެ ފަސޭހަ ހައްލުކަމުގައި އޮތީ ނުވެފައެވެ. ވައިގެ ދަތުރެއް ކުރެވެން އޮތީ މަތިންދާ ބޯޓުގައެވެ. އެކަކު އެކަނި ނުވަތަ ދެމީހަކު ދަތުރެއް ކޮށްލުމަށް އެކަށޭނަ އެއްޗަކަށް މަތިންދާ ބޯޓު ނުވާތީ އެކަމުގެ ހައްލަކަށް މީހުން ތިބީ އެދި އެދިއެވެ. ޑްރޯންޓެކްނޮލޮޖީ އާއި އެކު އެ މައްސަލައަށް ހައްލެއް ހޯދައިދީފައި ވަނީ ޖަޕާނުގެ ކުންފުންޏަކުންނެވެ.

ޖަޕާނުގެ އޭއީއާރުވިންސް ކުންފުނިން މިހާރު ވަނީ، ދުނިޔޭގެ ފުރަތަމަ ފްލައިން ބައިކް އުފައްދާފައެވެ. މިއީ އެކަކު އެކަނި ދަތުރުކޮށްލެވޭނެ އުޅަނދެކެވެ. މި އުޅަނދު މިހާރު ޖަޕާނުގައި ވިއްކަން ފަށާފައި ވާއިރު، 2023 ވަނަ އަހަރު މި އުޅަނދު އެމެރިކާގައިވެސް ރިލީޒް ކުރާނެއެވެ. އެހެން ނަމަވެސް އަދި މިއުޅަނދުގެ އަގުހުރީ އާއްމު މީހަކަށް އަތްފޯރާ ހިސާބެއްގައެއް ނޫނެވެ. އަންދާޒާކުރެވިފައިވާ ގޮތުގައި މިއިން އުޅަނދެއްގެ އަގު އުޅެނީ 7 ލައްކަ އެމެރިކާ ޑޮަލަރަށް އަރާނެއެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ، 11.9 މިލިޔަން ރުފިޔާއެވެ. އެހެންކަމުން އަދި މިއީ އާއްމު އާދައިގެ މީހުންނަށް އަތްލެވޭ ވަރުގެ އަގެއް  ނޫނެވެ. 


އޭއީއާރްވިންސްއިން އުފައްދާފައިވާ، މި ފްލައިން ބައިކްގައި، ގަޑިއަކު 62 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައި ވާއިރު، 40 މިނިޓްވަންދެން ވައިގެ ތެރޭގައި އޮތުމުގެ ޤާބިލްކަން ލިބިފައިވެއެވެ. މިއުޅަނދު އޮކްޓޫބަރު 20 ވަނަ ދުވަހު ބާޒާރަށް ނެރޭއިރު، ޖަޕާނުގައިވެސް އާއްމު މަގުތައް މަތީގައި މިއުޅަނދެއް ނުދުއްވޭނެއެވެ. އަދި މިހާތަނަށް ޕްލޭންކުރެވިފައި އޮތީ މީހުން ސަލާމަތް ކުރުމާއި އެނޫންވެސް ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރަންޖެހޭ ސަލާމަތްތަކީ ޚިދުމަތްތަކުގައި މިއުޅަނދު ބޭނުން ކުރާ ގޮތަށެވެ.

މި އުޅަނދު ތަޖުރިބާކުރި ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ފްލައިން ބައިކް އަކީ ދުއްވާލަން ފަސޭހަ އުޅަނދެކެވެ. އެހެންކަމުން ސިޓީތަކާއި ސިޓީތަކާއި ކައިރީގައިވާ ތަންތަނަށް ދަތުރުކޮށްލުމަށް މިއީ ބޭނުންތެރި ފަސޭހަ އުޅަނދެކެވެ. އެހެން ނަމަވެސް ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި މިފަސޭހަ، ހަޤީޤީ ފަސޭހައަކަށް ވާނީ، މިހާރު ހުރި މޮޓޯސައިކަލްތައް ފަދައިން ފްލައިން ބައިކްއަކީވެސް އާއްމުންގެ އަތްފޯރާ އަގުގައި ހުރި އެއްޗަކަށް ވެގެންނެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް، އެތެރޭގެ ދަތުރު ފަތުރަށް ގިނަ ޑޮމެސްޓިކް އެއާޕޯޓްތަކެއް ހެދިފައި އޮވެއެވެ. ހާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ޑޮމެސްޓިކް އެއާޕޯޓުތަކުގެ ބޭނުން ބޮޑުވެފައި މުހިއްމެވެ. ރާއްޖޭގައި މިހާރުވެސް 14 އެއާޕޯޓް އޮތް އިރު އޭގެ ތެރެއިން 11 އެއާޕޯޓަކީ، ޑޮމެސްޓިކް އެއާޕޯޓްތަކެވެ. އެހެން ނަމަވެސް ޑޮމެސްޓިކް އެއާޕޯޓްތައް ހިންގުމުގެ ޚަރަދު ބޮޑުވުމާއި އެކަށީގެންވާ މިންވަރަށް ފްލައިޓްތައް ނުބޭއްވޭތީ، ޑޮމެސްޓިކް ގިނަ އެއާޕޯޓްތަކަކީ، ގެއްލުމުގައި ހިންގަންޖެހިފައިވާ ތަންތަނެވެ. އެހެންވީމާ، ފްލައިން ބައިކާއި އެކު ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަންނަ އިންގިލާބީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނީ، ޑޮމެސްޓިކް އެއާޕޯޓްތަކަށް ކަމުގައި މިހާރުވެސް ވަނީ ބެލެވިފައެވެ. އެހެން ނަމަވެސް އާއްމު އުޅަނދެއްގެ ގޮތުގައި ފްލައިން ބައިކް ބޭނުން ކުރަން ފެށޭނެ ދުވަހެއް އަދި ނޭނގެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.