
ރާނީ އެލިޒަބަތުގެ ހަށިކޮޅު ފަސްދާނުލައިފި
އިނގިރޭސި ރާނީ އެލިޒަބަތު (2ވަނަ)ގެ ޖަނާޒާ އެންމެމަތީ ފެންވަރުގައި ރަސްމީ ޢިއްޒަތުގައި ބާއްވައި ހަށިކޮޅު ފަސްދާނުލައިފިއެވެ.

އެކަމަނާގެ ސައްދޯއްޕުޅާއިއެކު، މިދިޔައަހަރު އަވަހާރަވި އެކަމަނާގެ ފިރިކަލުން ޑިއުކް އޮފް އެޑިންބާގު ޕްރިންސް ފިލިޕްގެ ހަށިކޮޅުވެސް ފަސްދާނުލާފައިވަނީ ރޭ، ރާއްޖޭގަޑިން 23:30ގައި، ވިންޑްސާގެ ސެއިންޓް ޖޯޖްސް ޗާޕެލްގައެވެ. އެދެކަނބަލުންގެ ހަށިކޮޅު ފަސްދާނުލާފައި ވަނީ، ރާނީ އެލިޒަބަތުގެ މަންމާއި ފުޅާއި ބައްޕާފުޅުގެ އަރިހުގައެވެ.
ޖަނާޒާގެ ކަންކަން، އިއްޔެ ރާއްޖޭގަޑިން މެންދުރުފަހު، 15:00އިން ފެށިގެން ގާތްގަނޑަކަށް 9 ގަޑިއެއްހާއިރަށް ދެމިގެން ދިޔައެވެ. ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާއި ކޮމަންވެލްތުގެ އެންމެ އިސްވެރިންވެރިންނާއި ޝާހީ އާއިލާގެ މެމްބަރުންނާއި، އާއްމުންނާއިއެކު އެތައްހާސް މީހުންނެއް ބައިވެރިވިއެވެ.
ރާނީ އެލިޒަބަތުގެ ޖަނާޒާގެ ދީނީކަންކަން ބާއްވާފައިވަނީ، ވެސްޓްމިންސްޓަރ އެބީގައެވެ. އެފައްޅިއަކީ 1947 ވަނަ އަހަރު، ކްއީން އެލިޒަބަތާއި، ފިލިޕް ކައިވެނިފުޅު ބައްލަވައިގަނެ އެކަމުގެ ރަސްމިއްޔާތު ބޭއްވުނު ފައްޅިއެވެ. އޭގެ އިތުރުން 1953 ވަނަ އަހަރު، އެކަމަނާ އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށާއި، އިސްތަށިފުޅުގައި ތާޖުތުރުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުވެސް އޮތީ އެފައްޅީގައެވެ.
އުމުރުފުޅުން 96 އަހަރުފުޅުގައި ރާނީ އެލިޒަބަތު އަވަހާރަވީ މުސްކުޅިފުޅު ބަލީގައެވެ. އެކަމަނާގެ ރަނިކަން 70 އަހަރަށް ދެމިގެން ދިޔައިރު، އިނގިރޭސި ރަސްކަމުގެ ތާރީޚުގައި އެކަމަނާ އަށްވުރެ ގިނަ ދުވަހު ތަޚުތުގައި އިންނެވި އެއްވެސް ބޭފުޅަކު ނެތެވެ. އެކަމަނާ ފިޔަވައި ދެން އެންމެ ގިނަ ދުވަހު އިނގިރޭސި ތަޚުތުގައި އިންނެވީ، ރާނީ އެލިޒަބަތުގެ މާމާފުޅު ރާނީ ވިކްޓޯރިއާއެވެ. އެކަމަނާ 63 އަހަރު ވާންދެން ތަޚުތުގައި އިންނެވިއެވެ.
ވިރާސީ ރަސްކަމެއްގެ ގޮތުގައި އާއިލީ މަތިފުށަށް ވާރުތަވަމުން އަންނަ އިނގިރޭސި ރަސްކަމުގެ ތަޚުތު ރާނީ އެލިޒަބަތަށްފަހުގައި ލިބިވަޑައިގެންނެވީ، އެކަމަނާގެ ދޮށީ ދަރުކަލުން ޗާލްސްއަށެވެ. ރަސްކަން ލިބިވަޑައިގެންނެވިއިރު ޗާލްސްގެ އުމުރުފުޅުން މިހާރުވަނީ، 73 އަހަރުފުޅު ފުރިފައެވެ. ރަސްގެފާނު ޗާލްސް އަށްފަހު ދެން ތަޚުތު ލިބިވަޑައިގަންނަވާނީ، ވަލީ އަހުދު ޕްރިންސް ވިލިއަމަށެވެ.
އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވީ، މި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ބަލްމޯރަލް ކާސަލްގައެވެ.