ޕާކިސްތާން މީހާ ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތިތައް - ފޮޓޯ:ކަސްޓަމްސް

ޕާކިސްތާނު މީހަކު ރާއްޖެ އެތެރެކުރަން އުޅުނު 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ބުރާސްފަތި 06 އޮކްޓޯބަރ 2022 | ހަމްޒާ

ޕާކިސްތާނުގެ ރައްޔިތަކު ރާއްޖެ އެތެރެކުރަން އުޅުނު 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

Advertisement


ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގަތީ މިމަހުގެ އެއްވަނަ ދުވަހު ވައިގެމަގުން ދުބާއީއިން ރާއްޖެ އައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ކަމަށެވެ.

އަދި އެތަކެތި ފެނިފައިވަނީ، އުމުރުން 48 އަހަރުގެ އެ ފިރިހެން މީހާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

މިމައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.002 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 12,000,000.00 (ބާރަ މިލިއަން) ރުފިޔާ އަށްވުރެ މައްޗަށް އަރައެވެ.

މިމައްސަލާގައި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.