ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުން. ފޮޓޯ:އެމް.ޓީ.ސީ.ސީ

ސ.ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި

ބުރާސްފަތި 06 އޮކްޓޯބަރ 2022 | ހަމްޒާ

އައްޑޫ ސިޓީ ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Advertisement


އައްޑޫ ސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

މިމަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ބުނީ، މި މަޝްރޫއުގެ ދަށުން 6،891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 975 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކޮށް، 100 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި، 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗަރ ޖެހުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއަކީ، 11.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިއްޔެ ފެށި މިމަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން ހިންގާ މުހިއްމު މަޝްރޫއެކެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން، ސ.ހިތަދޫގެ ރައްޔިތުންނަށް ހިތްފަސޭހަ އަތިރި މައްޗަކާއި، ފަތާ ސަރަހައްދެއް ލިބިގެންދާނެއެވެ.

މިމަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.