
މުޅި ރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް - ނައިބުރައީސް
މުޅި ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއާއި ނޫވިލު ސީޕްލޭން ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއަރޕޯޓެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައި ދޮރޯއްޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމުގައިވާއިރު، މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރެވެމުން ދަނީ އެއަރޕޯޓުގެ މާސްޓަރ ޕްލޭނާއި އެއްގޮތަށް ކަމަށެވެ. މިގޮތުން ރަންވޭ އެޅުމުގެ މަސައްކަތާއި، ފިއުލްފާމް ޤާއިމްކުރުމާއި، ސީޕްލޭން ޓާރމިނަލްގެ އިތުރުން ޕެސެންޖަރ ޓާމިނަލްތައް އެޅުމުގެ މަސައްކަތްތައް ކުރިޔަށްދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވާލެެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރި އެމަސައްކަތަކީ ހިނގަހިނގާ އޮތް އެއަރޕޯޓެއްގެ ތެރޭގައި އައު އެއަރޕޯޓެއް އެޅުން ފަދަ މަސައްކަތެއް ކަމަށެވެ. އަދި އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުން ދިޔައިރު އެއަރޕޯޓުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދެވުނުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރާއްޖެއިން ބޭރުން އަންނަ އިންޓަރނޭޝަނަލް ފްލައިޓްތައް ވެލާނާ އެއަރޕޯޓުގައި ޖެއްސުމާއިއެކު ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ، ފަތުރުވެރިން އެމީހުންގެ މަންޒިލަށް ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 600 ސީޕްލޭން މޫވްމެންޓް ހިނގާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަލަށް މިއަދު ހުޅުވި އައު ސީޕްލޭން ޓަރމިނަލާއިއެކު ފަތުރުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި ދަތުރުތައް އަވަސްވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، އެއަރޕޯޓުގެ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރުގެ ކަންކަން ތަރައްޤީ ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.