
ވީ.އައި.އޭގެ އައު ރަންވޭއާއި، އައު ސީޕްލޭން ޓާމިނަލް "ނޫވިލު" ރަސްމީކޮށް ހުޅުވައިފި
ވެލާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއާއި، އައު ސީޕްލޭން ޓާމިނަލް "ނޫވިލު" ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

އައު ރަންވޭއާއި ނޫވިލު ސީޕްލޭން ޓަރމިނަލް ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
އައު ރަންވޭގައި މިއަދު އެންމެ ފުރަތަމަ ޖައްސާފައިވަނީ، އެމިރޭޓްސް އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖައްސާފައިވަނީ، ހެނދުނު 7:20 ގައެވެ. އެ ފްލައިޓަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ވަނީ، ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އައު ރަންވޭ ބޭނުން ކުރަން ފެށުމާއިއެކު ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ.
މިއަދު ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭއަކީ، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މިރަންވޭ މިއަދު ބޭނުންކުރަން ފެށުމާއިއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގަޑިއެއްގެ އިރު ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު 8 އިން 20ށް ވުރެ މަތިވާނެއެވެ. އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް2 މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށްވެސް ހައްލެއް ލިބިގެންދާނެއެވެ.
އައު ރަންވޭގެ އިތުރުން މިއަދު ހުޅުވި ނޫވިލު ސީޕްލޭން ޓަރމިނަލަކީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓަރމިނަލެވެ. މި ޓަރމިނަލްއިން އެއް ވަގުތެއްގައި، 1000 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. ސީޕްލޭން ޓަރމިނަލްއާއި އައު ރަންވޭ އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓަރަކްޝަން ގްރޫޕާއި ހަވާލުކޮށްގެންނެވެ.