ޗައިނާ އާއި ދިވެހިރާއްޖޭގެ ދިދަ --

ޗައިނާ އާއި ދިވެހިރާއްޖޭގެ ސިޔާސީ ގުޅުމަށް 50 އަހަރު: ތާރީޚީ ގުޅުމަށް، ތިންހާސް އަހަރު

ހުކުރު 14 އޮކްޓޯބަރ 2022 | އައުޓްރީޗް

ދިވެހިރާއްޖޭގެ އުމުރާނީ ތަރައްޤީ އާއި އިޤުތިޞާދުގައި، ޗައިނާއަކީ މުހިއްމު ބައިވެރިއެކެވެ. ރަސްމީގޮތުން ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމް ކޮށްފައި ވަނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގައެވެ، މިއަދަކީ، ރާއްޖެއިން ޗައިނާ އާއި އެކު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުނު ދުވަހެވެ. އެހެން ނަމަވެސް ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުމަކީ އެއަށްވުރެ މާދޮށީ ގުޅުމެކެވެ، މިއަދު މިގުޅުމަށް ރަސްމީގޮތުން ބައިޤަރުނު ފުރުނު ކަމުގައި ވީނަމަވެސް، ފެންނާން އޮތް ތާރީޚުތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެއާ ޗައިނާ އާއި ދެމެދު ސިޔާސީ ގުޅުންތައް ޤާއިމް ކުރެވިފައިވާތާ، 1200 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

Advertisement


ދިވެހި ތާރީޚު ދިރާސާކުރައްވާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ޗައިނާއިން ވަނީ، ރާއްޖެ އިސްލާމްވުމުގެ ކުރިންވެސް ވިޔަފާރި އާއި ސިޔާސީ ގުޅުންތައް ޤާއިމްކޮށްފައެވެ. މިގޮތުން މީލާދީން 785 ވަނަ އަހަރާއި 805 ވަނަ އަހަރާއި ދެމެދުގައި، ދިވެހިރާއްޖޭގެ މަހާރަދުން، ސީނުކަރަ، ނުވަތަ މިހާރުގެ ޗައިނާގެ ރަސްގެފާނަށް ދެފަހަރަށް ވެދުމާއި އެކު ސަފީރުން ފޮނުއްވާފައި ވެއެވެ.

ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި ސިޔާސީ ގުޅުންތައް ހިނގަމުން އަންނަތާ 1200 އަހަރަށް ވުރެ ގިނަވެފައިވާއިރު، ރާއްޖެ އާއި ޗައިނާގެ މެދުގައި ކުރެވެމުން އައި ވިޔަފާރީގެ މުއާމަލާތްތަކުގެ ތާރީޚު އަދި މިއަށްވުރެވެސް ދޮއްޓެވެ. މިގޮތުން ޢީސާގެ ފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ 16 ޤަރުނު ކުރިން، މީގެ 3600 ކުރިން ޗައިނާ އާއި އެކު ދިވެހިރާއްޖެއިން ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުން އައި ކަމުގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢު ކޮށްފައިވާ ބައެއް ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ އާސާރީ ތަންތަނުގެ ތެރޭގައި ހިމެނޭ އިހުޒަމާނުގެ ހަވިއްތަތަކާއި ވޭރުތަކުން އަދި އެފަދަ ތަންތަނަށް ނިސްބަތް ނުވާތަންތަނުގެ ބިމުއަޑިން ހޯދިފައިވާ މުށީގެ ކަންވާރާއި ތަށިތަކާއި ޖާޑި ފަދަތަކެއްޗަށް ބަލާއިރުވެސް، ރާއްޖެ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުންތަކަކީ އެތައްހާސް އަހަރެއްވީ ގުޅުންތަކެއް ކަން އެނގެއެވެ.

މިފަހުގެ ތާރީޚަށް ބަލާއިރު، ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ. އަދި ރާއްޖޭގެ އިޖުތިމާޢީ އުމުރާނީ ތަރައްޤީއަށް ޗައިނާއިން އަގު ނުކުރެވޭ ފަދަ ގިނަ ޚިދުމަތްތަކެއް ވަނީ ކޮށްދީފައެވެ.

ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމާއި ގުޅިގެން ދެޤައުމުގެ ވެރިން ވަނީ ތަޙުނިޔާ ބަދަލު ކުރައްވާފައެވެ. މިއަދުގެ މުނާޞަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޗައިނާގެ ރައީސަށާއި ޕްރިމިއަރއަށް ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައި ރާއްޖެއާ ޗައިނާގެ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ފޮނުއްވި އެ މެސެޖުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ ތަރައްޤީގައި، ޗައިނާއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މިދުވަހުގެ މުނާސަބާގައި، ޗައިނާގެ ރައީސްވެސް ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިރައްޔިތުންނަށް ތަޙުނިޔާވިދާޅުވެފައެވެ. އަދި ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރުވެސް ވަނީ ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި އަދި ދެޤައުމަށް ފައިދާހުރި ގޮތުގައި ގުޅުން ބަދަހިކުރުމަށް ޗައިނާ ސަރުކާރުން އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވެފައެވެ.

ފާއިތުވި 20 އަހަރުގެ ތެރޭގައި ޗައިނާ ސަރުކާރުން ރާއްޖޭގައި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމަށް ގިނަ އެހީތަކެއް ވަނީ ވެދީފައެވެ. މީގެ ތެރޭގައި ލޯނު އެހީ އާއި ހިލޭ އެހީ ހިމެނެއެވެ.

ރާއްޖޭގައި ޢުމުރާނީ ތަރައްޤީގެ އެންމެ ބިޔަ އަދި ގިނަ މަޝްރޫޢުތައްވެސް ހިންގިފައި ވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. މިގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އަޅާފައިވާ އެތައްހާސް ފްލެޓަކާއި، ހުޅުލޭ އެއާޕޯޓް ތަރައްޤީކުރުމަށް ހިންގުނު މަޝްރޫއުތަކާއި، ލ ލިންކް ރޯޑާއި، މިފަދަ އެތައް މަޝްރޫޢުއެއް ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިންގ މިނިސްޓްރީގެ އިމާރާތާއި ޤައުމީ ދާރުލްއާސާރާއި، ޤައުމީ ކުތުބުޚާނާ ހިންގާ އިމާރާތަކީވެސް ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ބިނާތަކެވެ. އުމުރާނީ ގޮތުން ވެދީފައިވާ އެހީތަކުގެ އިތުރުން މަތީތަޢުލީމާއި ފަންނުވެރިން ބިނާކުރުމުގައިވެސް ޗައިނާއިން ރާއްޖެއަށް މުހިއްމު ގިނަ އެހީތަކެއް ވަނީ ވެދީފައެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނައި، ފުލުހުންނާއި ސިފައިންގެ ޚިދުމަތްތައް ތަރައްޤީ ކުރުމަށާއި، ސިއްޙީ ދާއިރާ އަށާއި، ތަޢުލީމީ ދާއިރާއިންވެސް އަދަދު ނުވެވޭހައި ގިނަ އެހީތައް ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ޢާލަމީ ވަބާފެށުމާއި ހަމއަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ޙިއްޞާއެއް އޮތީ ޗައިނާއިން ރާއްޖެއަންނަ ފަތުރުވެރިންގެ ފަރާތުންނެވެ. ރާއްޖޭގައި ކުރިއަރައި ފުޅާވަމުން އަންނަ ގެސްޓްހައުސްގެ ފަތުރުވެރިކަމުގައިވެސް އެންމެ ބޮޑު ހިއްސާއެއް އޮތީ ޗައިނާ ފަތުރުވެރިންނަށެވެ. އެހެންކަމުން ލޯނު އެހީ އާއި ހިލޭ އެހީގެ ގޮތުގައި ޗައިނާއިން ރާއްޖެއަށް ފޯރުވައި ދެމުން އައި އެހީތެރިކަމުގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރަމުން އައި ޗައިނާގެ ފަތުރުވެރިންނާއި އެކު ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ރާއްޖޭގެ އިޤުތިޞާދުގެ ތެރެއަށް އެތައް މިލިއަން ޑޮލަރެއް އައީ ވަންނަމުންނެވެ.

ޗައިނާއާ ދިވެހިރާއްޖޭގެ ގުޅުމަކީ، ތާރީޚީ ޒަމާންވީ ގުޅުމެކެވެ. އެއްޤައުމުން އަނެއް ޤައުމުގެ ސިޔާދަތަށާއި އިސްތިޤުލާލަށް އިހްތިރާމްކުރުމުގެ ބިންގަލެއްގެ މަތީގައި ދެމެހެއްޓިފައިވާ ގުޅުމެކެވެ. އެހެންކަމުން ކުރިޔަށް އޮތް މުސްތަޤުބަލުގައިވެސް ދެޤައުމުގެ ގުޅުން މިގޮތުގައި ދެމިއޮތުމަކީ، ދިވެހިޤައުމަށާއި ދިވެހިރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ ހުރި ގޮތެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.