އަޛްހާންގެ ހަށިގަނޑު ފެނުނު ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން---

އަޛްހާންގެ ހަށިގަނޑު ފެނުނީ ކައްޓަށް ވީފަހުން، އާއްމުންގެ ސުވާލަކީ އެހާ އަވަހަށް ކަށްޓަށްވީ ކީއްވެތޯ؟

ހޮނިހިރު 15 އޮކްޓޯބަރ 2022 | އައުޓްރީޗް

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ، ހ. ބޮނޑިކަނދޮޅުގޭ މުޙައްމަދު އަޛުހާންގެ މަރުގެ މައްސަލައިގައި ފުލުހުން މިއަދު ވަނީ އައު މައުލޫމާތުތަކެއް ހާމަކޮށްފައެވެ. އޭގެ ތެރޭގައި އަޒްހާންގެ މަރުގެ މައްސަލައިގައި ފުލުހުން މިހާތަނަށް ހާމަނުކޮށް ހިފަހައްޓާފައި އޮތް މުހިއްމު މަޢުލޫމާތެއް ހިމެނެއެވެ. އެއީ ހުޅުމާލެ ސަހަރާގެ އިރުން، ވޯޓަރ ތީމް ޕާކާއި ދެމެދު އޮންނަ ގަސް ބޯ ސަރަހައްދުން އަޛްހާންގެ ހަށިގަނޑު ފެނުނު އިރު އޮތް ގޮތެވެ.

Advertisement


އޮކްޓޫބަރު 2 ވަނަ ދުވަހުގެ ހަވީރު، އަޛްހާންގެ ހަށިގަނޑު ފެނުނުކަން ފުލުހުން އިއުލާނު ކުރިއެވެ. އަދި އެރޭ އެސަރަހައްދުގައި ފުލުހުން މީޑިއާއަށް މައުލޫމާތު ދިން އިރު، ބުނެފައި ވަނީ ހަށިގަނޑުފެނިފައި ވަނީ، ވަރަށް ބޮޑަށް "ޑިކޮމްޕޯސް"ވެފައި، (ކުނިވެ ހަލާކުވެފައި) ވަނިކޮށް ކަމަށެވެ. ނޫސްވެރިން ސުވާލު ކުރުމުންވެސް ހަށިގަނޑު އޮތް ހާލަތުގެ ޖަވާބަކަށް ފުލުހުން ދެމުން އައީ އެޖަވާބެވެ. އަދި ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިމަހުގެ 8 ވަނަ ދުވަހު އިންޑިއާއަށް ފޮނުވިކަން ހާމަކުރި އިރުވެސް އެވާހަކަ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަޛްހާންގެ މަރުގެ މައްސަލަ އާއި އަދި އިތުރު ދެމައްސަލައަކާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު މައްސަލަތަކުގެ މައުލާމާތު ދެއްވަމުން، "އަޛްހާންގެ ހަށިގަނޑުގެ ބައިތައް" ޕޯސްޓްމޯޓަމް ހަދަން ފޮނުވިކަމުގައި ވިދާޅުވުމުން ނޫސްވެރިންގެ ސަމާލުކަމަށް އެކަން އައިސް އެއާއި ގުޅުވައިގެން ސުވާލު ކުރިއެވެ. އަދި ސިއާއުގެ މަރުގެ މައްސަލައިގައި އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ މަރުގެ މި ދެމައްސަލައިގައި ގުޅުމެއް އޮތްތޯވެސް ނޫސްވެރިން ސުވާލު ކުރިއެވެ. ފުލުހުން ޖަވާބު ދެއްވީ މަރުގެ އެ ދެމައްސަލަގައި އެއްވެސް ގުޅުމެއް އޮތް ކަމަށް ފުލުހުންގެ ތަޙްޤީޤަށް ފާހަގަވެފައި ނެތްކަމަށެވެ.

އަޛްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދު

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އަޛްހާންގެ ހަށިގަނޑު ފެނުނު އިރު އޮތީ ހުސްކަށްޓަށްވެފައި ކަމަށެވެ. އެހެންކަމުން ޕޯސްޓް މޯޓަމްގެ އިނީޝިއަލް ރިޕޯޓްގައި، ފާހަގަކޮށްފައިވަނީ، އަޛްހާންގެ ކައްޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތް ކަމަށެވެ. އަދި ޕޯސްޓް މޯޓަމްގެ އިނީޝިއަލް ރިޕޯޓަށްފަހުގައިވެސް އަޛުހާން މަރުވިކަމަށް ބެލެވޭ ތާރީޚެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އެހެންވެ އަޛްހާން ފެނުނު އިރު އޮތީ ހުސްކަށިގަނޑަކަށްވެފައި ކަމުގައި މިއަދު ފުލުހުން ރަސްމީކޮށް ހާމަކުރުމުން، އާއްމުން އުފެއްދި ސުވާލުތައް ގިނައެވެ. ނޫސްތަކުގެ ޚަބަރުތަކަށް ކޮމެންޓް ކުރި މީހުންނާއި، ސޯޝަލް މީޑިއާގައި އެކި މަންސަތަކުގައި އެވާހަކަ ދެއްކި މީހުން ކޮށްފައިވާ ސުވާލަކީ އެހާ އަވަހަށް އަޛުހާންގެ ހަށިގަނޑު ކުނިވެ ކައްޓަށްވީ ކީއްވެތޯއެވެ؟

އަޛްހާންއަށް ވީނުވީ ގޮތެއް ނޭނގި ގެއްލިފައި ވަނީ، 2022 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތުން ފެށިގެންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަޒްހާންގެ ހަރާކާތްތައް ބެލުމަށް ސީސީޓީވީ ފުޓޭޖް ބަލަމުން ދިޔައިރު، ފުލުހުންނަށްވެސް އޭނާ އެންމެ ފަހުން ފެނުނީ، ރެޑްބުލް ދަނޑު ކައިރިން އެދުވަހުގެ ހެނދުނު ކާރަކުން ފައިބަނިކޮށެވެ.

ރެޑްބުލް ދަނޑުގެ ހުޅަނގަށް އޮތް ސަރަހައްދު

ފުލުުހުންގެ ނޫސްކޮށްފަރެންސްގައި ހާމަކޮށްފައިވާ ގޮތުގައި، އަޛްހާންގެ އެންމެ ފަހުގެ ހަރަކާތްތައް އަރާފައި ހުރީ، ރެޑްބުލްދަނޑުކައިރީގައި ހުރި ސީސީޓީވީ ކެމެރާއަށްކަން ފުލުހުންނަށް ފާހަގަވެ، އެގަސްތައް ހުރި ސަރަހައްދު ބެލުމަށް ފުލުހުން ނިންމީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ހަށިގަނޑު ފެނުނީ އެދުވަހުގެ ހަވީރު ވިނަތަކުގެ މަތީގައި ހާމައަށް އޮއްވައެވެ. ހަށިގަނޑު ފެނުނުއިރު އޮތީ އުއްޑުން ކަހަލަގޮތަކަށް ކަމަށާއި، ހަށިގަނޑު ފޮރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތްކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

އަޛްހާންގެ ހަށިގަނޑު ފެނުނު އިރު، ހަށިގަނޑު ކުނިވެ މުޅިން ކައްޓަށްވެ ބައެއް ކަށިތައް ވަކިވަކިވެފައި ހުރިކަމަށް ފުލުހުން ބުނެފައިވާއިރު، އެހާލަަތަށް ހަށިގަނޑުދިޔުމަށް ހޭދަވާ މުއްދަތާއި ހަށިގަނޑު އޮތް މާހައުލުގެ މައްޗަށް ނަޒަރު ހިންގާލުމުން ޖަވާބެއް ލިބެއެވެ.

އިންސާނަކު މަރުވެ ހަށިގަނޑު ކުނިވެ ކަށްޓަށްވުމަށް ހޭދަވަނީ ކިތަށް ދުވަސްތޯ އިންޓަރނެޓްގައި ސާޗުކޮށްލައިފި ނަމަވެސް ޖަވާބަކަށް އަންނާނީ 2 ހަފްތާ ކަމަށެވެ. އަދި ހަށިގަނޑު އޮތް މާހައުލާއި ފިނިހޫނުމިނުގެ ސަބަބުން ހަށިގަނޑު އަވަހަށް ހަލާކުވުވުމާއި ނުވުމަށް މެދުވެރިވެއެވެ. އަޛްހާންގެ ހަށިގަނޑުފެނިފައި ވަނީ އޭނާ ގެއްލުނުތާ 14 ދުވަހާއި 10 ވަރަކަށް ގަޑިއިރު ފަހުންނެވެ. ވީމާ އަޒްހާން ގެއްލުނު ދުވަހު އޭނާ ފެނުނުތަނުގައި މަރުވެފައިވާ ނަމަ، އޭނާގެ ހަށިގަނޑުކަށްޓަށް ވެފައި އޮތުން އެއީ ބުއްދިއަށް ޤަބޫލު ކުރެވޭނެ ކަމެކެވެ. އޭނާގެ ހަށިގަނޑު އޮތީ ހާމައަށް ބިމުގައި ކަމަށްވެފައި ފަނިފަކްސަ އާއި ސޫފިތައް ދިރިއުޅޭ މާހައުލެއްގައި އަދި، ދިވެހިރާއްޖޭގެ އާއްމު ފިނިހޫނުމިން ހުންނަ މިންގަނޑުން، އިންޓަރނެޓާއި ފޮތްތަކުން ލިބެން ހުރި މައުލޫމާތަށް ބުރަވާއިރު، އިންސާނެއްގެ ހަށިގަނޑު 14 ދުވަހުގެ ތެރޭގައި ކުނިވެ މަސްފައިބައި ކައްޓަށް ވެގެންދާނެއެވެ. އަދި މޫދުގައި ނުވަތަ ފެނުތެރޭގައި ނަމަ އެއަށްވުރެވެސް އަވަސްވާނެއެވެ.

2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރޭ، ށ. ޅައިމަގު ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް، އެބޯޓުގައި މަސައްކަތްކުރަމުން ދިޔަ ލުޠުފަރު ކިޔާ މީހަކު މަރާލައި، މޫދަށް އެއްލާލިއެވެ. ފުލުހުންނަށް މެއި 6 ވަނަ ދުވަހު، ފުލުހުންނަށް ފެނުނީ ޅައިމަގުގެ ފަޅުގެ އުރަފަށުން، ލުޠުފަރުގެ ކަށިތަކެވެ. އެދެމެދުގައި ހޭދަވީ 15 ދުވަހެވެ.

2019 މެއި 6 ވަނަ ދުވަހު ފެނުނު ލުޠުފަރުގެ ކަށިތައް --

އަޛްހާންގެ މަރުގެ މައްސަލައިގައި ޖަވާބު ނުލިބޭ ސުވާލުތައް އަދިވެސް ގިނައެވެ. އަޛުހާން މަރުވިކަމަށް ބެލެވޭ ދުވަހެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އަޛްހާން ގެއްލުނު ދުވަހު އޭނާ މަރުވެފައިވާ ކަމަށް ބެލެވިދާނެއެވެ. ފުލުހުން ބުނެފައިވަނީ ޕޯސްޓް މޯޓަމްގެ އިނީޝިއަލް ރިޕޯޓުގައި، އަޛްހާނުގެ ހަށިގަނޑަށް (ކަށިތަކަށް) ގެއްލުމެއް ލިބިފައި ނެތްކަން ފާހަގަކޮށްފައި ވާކަމަށެވެ. އަދި އަޛްހާންގެ ޕޯސްޓްމޯޓަމްގެ ފައިނަލް ރިޕޯޓްލިބެން 2 މަހެއްހާ ދުވަސް ހޭދަވާނެ ކަމަށެވެ. އެހެންކަމުން އަޛުހާންގެ މަރާއިމެދު ފުލުހުން ނިންމާ ގޮތެއް ކަނޑައެޅޭނީ އެރިޕޯޓަށްފަހުގައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.