ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ.

ކޮވިޑާއި، ހުމާއި، ރޯގާގެ ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

އަންގާރަ 08 ނޮވެމްބަރ 2022 | ހަމްޒާ

ރާއްޖޭގައި ކޮވިޑުގެ އިތުރުން ހުމާއި، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ މިކަމަށް ރައްކާތެރިވެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފިއެވެ.

Advertisement


މިކަމާއި ގުޅޭގޮތުން އެޗް.ޕީ.އޭއިން ނެރުނު ނޫސްބަޔާނެއްގަިއ ބުނެފައިވަނީ، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި، އަރިދަފުސް ރޯގާ އަދި ކޮވިޑް-19 ފަދަ ބަލިތައް ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރި ކޭސްތަކާ އަޅާބަލާއިރު މިދިޔަ މަހު ރިޕޯޓްކުރި ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ކަަމަށެވެ.

އެޗްޕީއޭއިން ބުނީ، ސެޕްޓެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ ކޮވިޑުގެ 185 ކޭސް ކަމަށެވެ. އެހެންނަމަވެސް ނިމިދިޔަ އޮކްޓޯބަރު މަހު ކޮވިޑް ޖެހިގެން 328 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މިދުވަސްވަރު ދުނިޔޭގެ އެކި ޤައުމުތަކުންވެސް ކޮވިޑް-19ގެ އާ ވޭރިއަންޓުތައް އިތުރުވަމުންދާތީ، ކޮވިޑުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

އަރިދަފުސް ރޯގާއާއި ކޮވިޑުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތައް

- ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އަވަހަށް ޓެސްޓް ކުރުން.

- ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އަންގައާއި ނޭފަތް ނިވާވާނެހެން މާސްކު އެޅުން.

- އާއްމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން.

- ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން.

- ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.

- ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުން.

- ކޮވިޑް ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުން. އަދި ބޫސްޓަރ ޑޯޒު ފުރިހަމަ ކުރުން.

- ބަލި ޖެހުމުން ނުރައްކާވާ މީހުންނާ ވީހާވެސް ދުރުގައި އުޅުމާއި، ގޭގައި އުޅޭއިރުވެސް މާސްކު އެޅުން.

- ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާއިރު ބަލި މީހާއާއެކު މާގިނަ މީހުން ނުދިއުން. އަދި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން ބަލި މީހުންނަށް ގޮވާލަން ނުދިއުމާއި، ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުން.

އެހެންކަމުން މިފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިވެ ސަމާލުކަން ދިނުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.