
ޕްރިންސް ޖޯޖަށް އިނގިރޭސި ތަޚުތު ލިބިވަޑައިނުގަންނަވާނެ ކަމަށް ބައެއް ދިރާސާވެރިން ބުނެފި
އިނގިރޭސި ވަލީ އަޙުދު ޕްރިންސް ވިލިއަމްގެ ދޮށީ ދަރިކަލުން ޕްރިންސް ޖޯޖަށް އިނގިޜޭސި ތަޚުތުގައި ރަސްކަން ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގެންފާނެ ކަމަށް، ބައެއް ދިރާސާ ވެރިން ބުނެފިއެވެ.

އިނގިރޭސި ތަޚުތުގައި އެންމެ ގިނަ ދުވަހު ރެނދަލި ކުރެއްވި ރާނީ އެލިޒަބަތު އަވަހާރަވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ. އެކަމަނާ އިނގިރޭސި ތަޚުތުގައި ރެނދަލި ކުރެއްވި 70 އަހަރަކީ، އިނގިރޭސި ރަސްކަމުގެ ނިޒާމްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައި 70 އަހަރެވެ. އެކަމަނާގެ ދިގު ރަނިކަން ނިމުނުއިރު، އިނގިރޭސި ރަސްކަމުގެ ދަށުގައި 14 ޤައުމެއް އޮތް ނަމަވެސް އެއިގެ ތެރެއިން ގިނަ ޤައުމުތަކުން މިހާރު ބޭނުންވަނީ، އިނގިރޭސި ރަސްކަމުގެ ދަށުން ވަކިވާށެވެ.
މީގެ އިތުރުން އިނގިރޭސި ރަސްކަމާއި ޝާޚީޚާންދާންގެ ބޭފުޅުންނަކީ، މިހާރު ޤައުމު ހިންގުމުގައި އިދާރީ ގޮތުން ހަރަކާތްތެރިވުމަށްވުރެ ބޮޑަށް ރަމްޒީގޮތެއްގައި ތިއްބަވާ ބޭފުޅުން ކަމުގައިވާތީ، މިހާރު ފެންނަމުން މިދަނީ އިނގިރޭސި ރަސްކަމުގެ އެންމެ ފަހު ދުވަސްތައް ކަމުގައި، ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އިނގިރޭސި ލިޔުންތެރިޔާ ޖޮޑީ ޓްރޮއީ ޕްރައިޑް ލިޔުއްވާފައިވާ ގޮތުގައި، އިނގިރޭސި ޝާޚީ ހާންދާނުގެ ރަސްކަން ޕްރިންސް ވިލިއަމް އާއި ހަމައިން ނިމިގެންދާނެ ކަމަށް ބެލެވެއެވެ. އަދި އިނގިރޭސި ތަޚުތުގައި އިށީނދެވަޑައިގެންނެވުމުގެ ފުރުޞަތު ޕްރިންސް ޖޯޖަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. އޭގެ ސަބަބަކީ ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ވެރިކަމުގެ ނިޒާމްތަކަށް އަންނާނޭ ބަދަލުތަކާއި، ރަސްކަމާއި މެދު މިހާރުވެސް އާއްމު ރައްޔިތުންގެ މެދުގައި އޮތް މަޤުބޫލުކަން ކުޑަވަމުން ދިޔުމެވެ.
ރާނީ އެލިޒަބަތަށް ފަހު އިނގިރޭސި ތަޚުތު ވާރުތަވީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއަށެވެ. ޕްރިންސް ޗާލްސް ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ކަންކަން ރަސްމީގޮތުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގައެވެ.