ނައިބުރައީސް ފައިސަލް ނަސީމް. ފޮޓޯ:ރައީސްއޮފީސް

މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޢިމާރާތްކުރުމުގައި ތިމާވެށްޓާއި ރައްޓެހި ގޮތްތައް ހޯދުން މުހިއްމު - ނައިބުރައީސް

ބުދަ 16 ނޮވެމްބަރ 2022 | ހަމްޒާ

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ވެވޭނެ އެންމެ ބޮޑު ޙިއްޞާއަކީ، ޢިމާރާތް ކުރުމުގެ ޞިނާޢަތުގައި ތިމާވެށްޓާއި ރައްޓެހި ގޮތްތައް ހޯދުމާއި ބޭނުންކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

Advertisement


އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަސްދުވަހުގެ މުއްދަތަށް ބާއްވާ މިކޮންވެންޝަން ކުރިޔަށްދަނީ، ޕެރަަޑައިސް އައިލެންޑް ރިސޯޓުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިކޮންފަރެންސްގެ މިއަހަރުގެ ޝިޢާރު ކަމުގައިވާ، "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން: ބިލްޑިންގ އަ ބެޓަރ ވޯލްޑް" މި ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ދިވެހިރާއްޖެއަށް ޙިމާޔަތާއި ރައްކާތެރިކަން ހޯދަންޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޢިމާރާތްކުރުމުގެ ޞިނާޢަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ މިއީ ކަމަށެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޢިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަަކީ، ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭނެ އެއްޗެއް ކަމުގައ ހެދުމާއި، ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ޢިމާރާތްކުރުމާއި، އެކަަށޭނަ ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަޅުގަނޑުމެންގެ މުއްސަނދި ޘަޤާފަތާއި ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްވެސް އިސްކަންދޭންޖެހޭ ކަމަށެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރިގެން ދިޔައިރު ފާއިތުވި އަހަރުތަކުގައި، ރެސިޑެންޝަލް، ކޯޕަރޭޓް އަދި އިންޑަސްޓްރިއަލް ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޓޫރިސްޓް ރިޒޯޓްތަކުގެ އިމާރާތްކުރުމުގެ ފެންވަރާއި ފަރުމާތަކަކީ އެފަދަ ދެވަނައެއް ނެތް ތަންތަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ފަންނާނުންނާއި ޑިޒައިނަރުންނާއި ކޮންޓްރެކްޓަރުން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އަލަށް ބިނާކުރެވޭ ރިސޯޓްތަކުން އެމީހުންގެ އުފެއްދުންތެރި ހުނަރާއި، ފަންނުވެރިކަމާއި، އީޖާދީ ވިސްނުންތައް މިއަދު ފެންނަމުންދާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ދިވެހި ކުންފުނިތަކަށް ގޮވާލައްވާފައެވެ.

އިފޮޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް ޤައުމުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ހޯދައިދިނުމުގެ މަޤުޞަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެމްބަރު 19 ގައުމެއް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމާޢަތެކެވެ. 2007 ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން މިޖަމާޢަތުގައި ބައިވެރިވުމަށްފަހު، މިއީ ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ކޮންފަރެންސެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.