ރައީސް ޔާމީން ކޯޓުގައި ވާހަކަފުޅު ދައްކަވަނީ ----

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށައެޅި އައު ހެކިތައް ކޯޓަށް ބަލައިގަނެފި

ބުރާސްފަތި 17 ނޮވެމްބަރ 2022 | އައުޓްރީޗް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރޭގައި ހިމެނޭ މައްސަލަތަކުގެ ތެރެއިން، ވ އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ނެންނެގިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ހުށައެޅި އައު ހެކިތައް ކޯޓުން ބަލައިގަނެފިއެވެ.

Advertisement


ވ އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައި ވަނީ، ކަޅުފައިސާދޮވުމުގެ މައްސަލަ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ. ހަމަ މިމައްސަލައިގައި ދައުލަތުން ދަޢުވާކުރާ، ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު، ޔޫސުފް ނަޢީމުގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރޭގައި ހިމެނޭ، ވ އާރަށް ކުއްޔަށް ދިނުމުގައި، ރައީސް ޔާމީނަށް، ޔޫސުފް ނަޢީމް އެއްމިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދެއްވާފައިވެއެވެ. އެފައިސާ 2015 ވަނަ އަހަރު، އެޗްއެސްބީސީއަށް ޖަމާކުރެއްވުމުގައި ތަފްސީލެއްގެ ގޮތުގައި، ރައީސް ޔާމީން ލިޔުއްވައި ސޮއެ ކުރައްވާފައި ވަނީ އެއީ ސިޔާސީ ހަރަކާތްތަކަށް ދިން ފައިސާގެ ގޮތުގައި ކަމަށް ބައެއް މަސްދަރު ތަކުން ހާމަކޮށްފައިވެއެވެ.

މިމައްސަލައިގައި ރައީސް ޔާމީނުގެ ފަރާތްޕުޅުނުން ކޯޓުގައި ބުނެފައި ވަނީ ޔޫސުފް ނަޢީމް އާއި ކުރެވުނު މުޢާމަލާތަކީ ޑޮލަރުގަތުމުގެ މުޢާމަލާތެއް ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން ރައީސް ޔާމީނުގެ ފަރާތްޕުޅުން ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހުގައި ފުށުއެރުންތައްވެސް ވަނީ ފާހަގަވެފައެވެ. މިގޮތުން 7 ސެޕްޓެމްބަރު 2022 ވަނަ ދުވަހު އޮތް މިމައްސަލައިގެ އަޑުއެހުމުގައި، ރައީސް ޔާމީންގެ ފަރާތުން ހެކިބަސް ދެއްވާފައި ވަނީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، އަޙުމަދު ނަރީޝްއެވެ. އެދުވަހު ކޯޓުގައި އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން 1 މިލިއަން ޑޮލަރަށްވާ 15 މިލިޔަން ރުފިޔާ ޔޫސުފް ނަޢީމަށް ގެންގޮސްދެއްވީ އޭނާ ކަމަށެވެ. އަދި 15މިލިއަން ދިވެހި ރުފިޔާ ގުނީ އަތުން ކަމަށާއި އެފައިސާ ނައީމް ދިރިއުޅޭ ގެއަށް ގެންގޮސްދިނީ، ދެ ދަބަހަކަށް އަޅައިގެން ކާރެއްގައި ކަމަށް ނަރީޝް ވިދާޅުވެފައިވެއެެވެ.

މިމައްސަލައިގައި ދައުލަތުން އައު ހެކި ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފަހުން ހާމަވާ ހެކިތައް ހުށަހެޅުމަށް އޮންނަ މާއްދާއަށް ރިޢާޔަތްކޮށް ކަމުގައި ދައުލަތުން ވަނީ ބުނެފައެވެ. ދައުލަތުން ފަހުން ހުށައެޅި ހެކިތަކުގެ ތެރޭގައި، މިމައްސަލައިގައި ނަރީޝް ދިނީ ދޮގުހެކިބަހެއްކަން ސާބިތު ކުރުމާއި ގުޅޭ ހެކިތަކެއްވެސް ހިމެނެއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ މިދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، އަދި ޝަރީއަތުގައި ނަރީޝް ދެއްވި ހެކިބަހަކީ ދޮގުހެކިބަހެއްކަން ސާބިތުވެއްޖެނަމަ އޭނާވެސް ކުއްވެރިވާނެއެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.