
ޣައްޒާގައި އަލިފާނުގެ ހާދިސާއެއްގައި 21 މީހުން މަރުވެއްޖެ
ފަލަސްޠީނުގެ ޣައްޒާގައި މީހުން ދިރިއުޅޭ 3 ބުރީގެ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 21 މީހުން މަރުވެއްޖެއެވެ.

އޭއެފްޕީން ބުނެފައިވާ ގޮތުގައި އަލިފާނުގެ އެހާދިސާ ހިނގިކަމަށް ބެލެވެނީ، އެއިމާރާތުގެ ގްރައުންޑް ފްލޯގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ކަރާސީނުގައި ހުޅު ހިފުމުގެ ސަބަބުންނެވެ.
ރޭ ހިނގި އަލިފާނުގެ މިހާދިސާގައި 21 މީހުން މަރުވުމުގެ އިތުރުން 15 މީހަކު ވަނީ ފިހިފައެވެ. މަރުވި މީހުންގެ ތެރޭގައި 7 ކުޑަކުދިންވެސް ހިމެނޭކަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެެއެެވެ.
ޣައްޒާއަކީ ދުނިޔޭގެ އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަކުރެވޭ ޝަހަރެވެ. 2.3 މިލިއަން މީހުން ދިރިއުޅޭ ޣައްޒާ އޮންނަނީ، ފަލަސްޠީނުގެ ބިންތައް ފޭރިގެންފައިވާ އިޒްރާއީލުގެ ހިޞާރެއްގެ ތެރޭގައެވެ. ޣައްޒާގެ ވަށައިގެން އިޒްރޭލުން ކޮންކްރީޓް އުސްފާރުތައް ރާނާފައި ވާއިރު ކަނޑުމަގުން ޣައްޒާއަށް އެތެރެވެވޭނެ މަގުތައްވެސް އިޒްރޭލުން އޮންނަނީ ބަންދުކޮށްފައެވެ. އެކަމާއި ގުޅިގެން ޣައްޒާގައި އެންމެ އަސާސީ ޚިދުމަތްތައްވެސް ރައްޔިތުންނަށް ލިބުމުގައި ދަތިތައް ކުރިމަތިވާއިރު، ޣައްޒާގެ ތެރެއަށް އިޒްރާއީލުން ދޭތެރެ ދޭތެރެއިން ވައިގެ ހަމަލާތައް ދީ މީހުން ޝަހީދު ކުރަމުން ގެންދެއެވެ.