
އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށައެޅުމަށް ފުރުޞަތު ހުޅުވާލައިފި
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުން ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު ވިޔަފާރިތަކަށް މިއަދު ހުޅުވާލައިފިއެވެ.

މިލޯނަން އެދޭ ފަރާތްތަކުން ފޯމު ހުށައެޅުމަށް ދީފައި ވަނީ 10 ދުވަހުގެ މުއްދަތެކެވެ. ބޭންކް އޮފް މޯލްޑިވުސްއިން ހާމަކޮށްފައިވާ ގޮތުގައި، މިފަހަރުގެ ލޯނު ފުރުޞަތަށް އެދި ހުށައެޅުުމަށް ހުޅުވާލާފައި ވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރަނީ، %6 އިންޓަރެސްޓް ރޭޓުގައި، 7 މިލިއަން ރުފިޔާ އާއި ހަމައަށެވެ. އަދި މިލޯނު އަނބުރާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބެއެވެ. މިލޯނަކީ ސަރުކާރުން ހުޅުވާލާ ލޯނު ފުރުޞަތަކަށް ވީނަމަވެސް، ލޯނުގެ ހުރިހާކަމެއް ބަލަހައްޓާނީ ބޭންކް އޮފް މޯލްޑިވުސް މެދުވެރިކޮށެވެ. އަދި ލޯނަށް އެދި ހުށައަޅަންޖެހޭ އެޕްލިކޭޝަންވެސް ހުށައަޅަން ޖެހޭނީ، ބޭންކް އޮފް މޯލްޑިވުސްއަށެވެ.
މި ލޯނުގެ ޝަރުތުތަކުގައި އޮންނަ ގޮތުން އީއައިބީ ކޮވިޑް ރިލީފް ލޯނާއި، އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މިފަހަރު މިހުޅުވާލި ފުރުޞަތަށް ކުރިމަތިލުމަށް ޝަރުޠު ފުރިހަމައެއް ނުވާނެއެވެ.
އިކޮނޮމިކް ސްޓިމިއުލަސް ލޯން އެންމެ ފުރަތަމަ ސަރުކާރުން ދޫކޮށްފައި ވަނީ، ކޯވިޑް-19ގެ ތެރޭގައި، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.