
ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް ބޭރު ކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމަށް މަޝްވަރާކޮށްފި
ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ، ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ވަފުދުގެ ބޭފުޅުން ވަނީ، މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްގެ އެޖެންޑާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޔޫރަޕަށް ދަތުރުކުރާ ރާއްޖޭގެ ދަތުރުވެރިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި، ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އީޔޫގެ ވަފުދުގެ ބޭފުޅުން ވަނީ، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއާ އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން އ.ދގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓައި ރާއްޖޭން އަދާކުރި އިސްދައުރު ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލު (ޔޫ.އެން.އެޗް.އާރު.ސީ) ގެ 2023-2025 ވަނަ ދައުރުގެ މެންބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި، އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ މަރުހަބާ ވިދާޅުވެފައެވެ. މީގެއިތުރުން ވަފުދުގެ ބޭފުޅުން ވަނީ، ޔޫ.އެން.އެޗް.އާރު.ސީ މެދުވެރިކޮށް ހުޅަނގުގެ ޤައުމުތަކާއި އޭޝިއާގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އީޔޫއާ ދެމެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެން އުޅުއްވަނީ، އިއްޔެ ފެށި ހަވަނަ "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ދެނިސް ޗައިބީއެވެ. މީގެ އިތުރުން މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާއާއި، އޮސްޓްރިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒަރއާއި، ޖަރުމަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޮލްގަރ ލޯތަރއާއި، ނެދަލެންޑްސްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބޮނީ ހާރބޯކްއާއި، އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓަރ ޗިއުޑިއާ އަދި ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭއެވެ.