
ސިނަމާލެ 4 އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުގެ ޖޫރިމަނާ ފައިސާ މަޢާފްކޮށްދީފި
ސިނަމާލެ 4 އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުގެ ޖޫރިމަނާގެ ފައިސާ މާފުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ސިނަމާލެ 4 އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުގެ ތެރެއިން ފައްސަތޭކަ ސާޅިސްހާސް ނުވަސަތޭކަ ސާޅިސް ފަސް ރުފިޔާ ) މާފުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އަދި ފިނޭންސް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ، މާލެ ސިޓީ ކައުންސިލުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދުމާއި ގުޅިގެން ކަމަށެވެ. ފިނޭންސް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ، "ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެ ކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލު ކުރާނެ އުސޫލު" ގައިވާ ގޮތުގެ މަތިން ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމުގައި އެފައިސާ ކަނޑައަޅާފައިވާ ކަމަށެވެ. މިނިސްޓްރީން މި ނިންމުން ނިންމުމާއި ގުޅިގެން އެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކޮށްފައެވެ.
ވިލިމާލެ ފްލެޓްތައް އަމިއްލަ ކުރުމަށް ފުރުޞަތު ދިނުމަށް ކައުންސިލުން ނިންމީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 40 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ނިންމާފައިވަނީ، މާލޭގައި ހުރި އެހެން ފްލެޓްތަކެކޭ އެއްފަދައިން ވިލިމާލޭގައި ހުރި ފްލެޓްތައް އަމިއްލަ ކުރުމުގެ ފުރުޞަތު އެ ފްލެޓްތަކުގެ ވެރިންނަށް ދިނުމަށާއި، ވިލިމާލެއާއި މާލޭގައި ހުރި 06 ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ޖޫރިމަނާ ފައިސާ މާފްކޮށްދިނުމަށް ރައީސް އޮފީހުގައި އެދުމަށެވެ.