ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް. ފޮޓޯ: ރައީސްއޮފީސް

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤު ކުރައްވައިފި

ބުރާސްފަތި 24 ނޮވެމްބަރ 2022 | ހަމްޒާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. 

Advertisement


މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި، ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބަދަލު ގެނެސްފައިވެއެވެ. އަދި ބަންދުގައިވާ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތާ ގުޅޭގޮތުން މިހާރު ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް ބަދަލު ގެނެސްފައިވެއެވެ.

ހަމައެއާއެކު މި އިޞްލާޙުން ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާއާއި ޕްރޮސެކިއުޓާރ ޖެނެރަލާ ދެމެދު ވެވޭ އިޢުތިރާފުގެ އެއްބަސްވުމާގުޅޭ އުސޫލުތަކަށް ބަދަލު ގެނެސްފައިވެއެވެ.

މި އިޞްލާޙުން ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދުމާއި، އަމުރު ނެރެދިނުމާ ގުޅޭ އުސޫލުތަކާއި ޙިމާޔަތްކުރެވޭ ހެކީންގެ ހެކިބަސް ނެގުމާ ގުޅޭ އުސޫލުތައް ޤާނޫނުގައި ކަނޑައެޅިގެން ދާނެއެވެ. މިގޮތުން ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާއަކީ، އޭނާ ހެކިބަސް ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަމުގައި އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ދަޢުލަތަށް ޤަބޫލުކުރެވޭނަމަ، ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެ ކަމަށް މި އިޞްލާހުގައި ކަނޑައަޅާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މިޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.