
ދިހަ މީހުން މަރުވި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް މާލީ އެހީ ދީފި
މާފަންނު ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ގޭބިސީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ގެއްލުންތަކުގެ އެސެސްމެންޓް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ، 10 މީހުން މަރުވި އެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން، ވަގުތީ ބޯހިޔާވަހިކަމަށް ގެނެވުނު ހުރިހާ މީހުންވެސް އެމީހުންގެ އަމިއްލަ ހިޔާވަހިކަމަށް ބަދަލުވެފައިވާ ކަމަށެވެ. މިގޮތުން އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ގޭބިސީތަކުގެ ތެރޭގައި ނިރުފެހިގޭގައި ދިރިއުޅެމުން ދިޔަ 6 ގޭބިސީއަކާއި، އެގެ އާއި އިންވެގެން ހުރި، މ.ވާދީގައި ދިރިއުޅުނު 4 ގޭބިސީއަކާއި، މ. ސޭންޑް ރޯސްގައި ދިރިއުޅުނު އެއް ގޭބިސީ ހިމެނެއެވެ. އޭގެ ތެރެއިން ކުއްޔަށް އުޅުނު 5 ގޭބިސީއަކަށް، އެހެންތަނެއް ކުއްޔަށް ހިފުމަށް އެއްމަހުގެ ކުއްޔާއި ދެމަހުގެ އެޑްވާންސް ފައިސާ ދޫކޮށްފައިވާ ކަމުގައި އެންޑީއެމްއޭއިން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 9 ބިދޭސީއަކަށް، އެފަރާތްތަކުގެ ދިރިއުޅުން އާއްމު ޙާލަތަކަށް ގެނައުމަށްޓަކައި، ފޯރުކޮދޭންޖެހޭ އެހީތެރިކަމާއި ނަފްސާނީ އެހީތެރިކަން، މޯލްޑިވުސް ރެޑްކްރެސެންޓާއި ގުޅިގެން ފޯރުކޮށްދެމުންދާކަމުގައިވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
މ.ނިރުފެހިގޭގައި އަލިފާން ރޯވީ، މިނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ މެންދަމުގައެވެ. އަލިފާނުގެ އެހާދިސާގައި އެގޭގައި ދިރިއުޅެމުން ދިޔަ އިންޑިއާގެ 8 މީހުންނާއި، ބަނގުލަދޭޝްގެ 2 މީޙުން މަރުވިއެވެ.