
އާރަށުގެ މައްސަލައިގައި މިމަހު ރައީސް ޔާމީނަށް ޙުކުމް ކުރަނީ
ވ އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށާއި، ކަޅުފައިސާ ދޮވުނުކަމަށް ތުހުމަތުކޮށް ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް ހުށައަޅާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފިއެވެ. މިމައްސަލައިގައި ޝަރީއަތުގައި ބުދަ ދުވަހު ބާއްވާފައި ވަނީ ޚުލާސާ ބަޔާން ހުށައެޅުމެވެ.

ޚުލާސާ ބަޔާނަށް ފަހުގައި މިއަދުގެ ޝަރީޢަތް ނިންމަވާލަައްވަމުން މިމަހުގެ ތެރޭގައި، މިދަޢުވާތަކުގެ ހުކުމް އިއްވާނެ ކަމުގައި ފަނޑިޔާރު ވަނީ އިޢުލާނު ކުރައްވާފައެވެ. ޖިނާއީ ޢިޖުރާތުގެ ޤާނޫނު ބުނާގޮތުން، ޚުލާސާ ބަޔާންތައް އިއްވައި ނިންމުމަށްފަހުގައި، 30 ދުވަހުގެ ތެރޭގައި އެމައްސަލައެއްގެނ ޙުކުމްކުރާންޖެހެއެވެ.
ރައީސް ޔާމީނުގެ އިތުރުން ވ އާރަށުގެ މައްސަލައިގައި، ވ އަތޮޅުގެ ކުރީގެ މެމްބަރު ޔޫސުފް ނަޢީމްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. މިމައްސަލައިގެ ދިފާޢީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދިން ހެކިބަހުގައި ދެކޮޅު ނުޖެހޭ ކަންކަން ހުރި އިރު ނަރީޝް ޝަރީޢަތުގައި ދިނީ ދޮގުހެކިބަހެއްކަން ސާބިތުކޮށްދިނުމުގެ ގޮތުންވެސް ދައުލަތުން ވަނީ ބައެއް ހެކިތައް ހުށައަޅާފައެވެ.
ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު، ރައީސް ޔާމީން 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ޙުކުމްކުރިއެވެ.