
ފުރަތަމަ ހާފްގެ ލަނޑުތަކުން މޮޅުވެ، ބްރެޒިލް ކްއާޓަރ ފައިނަލަށް
ފުރަތަމަ ހާފްގައި ސައުތް ކޮރެއާ ކޮޅަށް ޖެހި ލަނޑުތަކުން މޮޅުވެ، ފީފާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ.

ބްރެޒިލް ކްއާޓަރއަށް ދަތުރުކުރީ ގަދަ 16 ޓީމް ވާދަކުރާ ބުރުގައި 4-1 ން ސައުތް ކޮރެއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ބްރެޒިލްގެ ހަތަރު ލަނޑުވެސް ޖެހީ ފުރަތަމަ ހާފްގައި، 30 މިނިޓްގެ ތެރޭގައެވެ. ފުރަތަމަ ލަނޑު ހަތްވަނަ މިނިޓްގައި ޖެހީ ވިނީޝިއުސް ޖޫނިއަރއެވެ. ދެވަނަ ލަނޑު ޖެހީ ފުރަތަމަ މެޗުގައި އަނިޔާވެގެން ބަދަލުކުރި ފަހުން މިރޭ ކުޅެން ނިކުއިން ނޭމާއެވެ. ނޭމާ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ތިންވަނަ ލަނޑު ޖެހީ 29 ވަނަ މިނިޓްގައި ރިޗާލިސަންއެވެ. މިއީ އޭނާ މިމުބާރާތުގައި ޖެހި ތިންވަނަ ގޯލެވެ. ފަހު ގޯލް 36 ވަނަ މިނިޓްގައި ޖެހީ ޕާކުއޭޓާއެވެ. ދެވަނަ ހާފްގައި ނިކުމެ ކޮރެއާއަށް ލަނޑު ޖަހައިދިނީ ޕައިކް ސެއުން ހޯއެވެ.
ދެހާފްގައިވެސް ލަނޑުޖަހާނެ އިތުރު ގިނަ ފުރުޞަތުތަކެއް ބްރެޒިލްއިން ހޯދިނަމަވެސް އިތުރު ގޯލެއް ނުޖެހުނެވެ. ކްއާޓަރ ފައިނަލްގައި ބްރެޒިލް ވާދަކުރަން ޖެހޭނީ 2018 ވަނަ އަހަރު ފައިނަލްގައި ކުޅުނު ކްރޮއޭޝިޔާއާއެވެ. ކްރޮއޭޝިޔާ ކްއާޓަރއަށް ދަތުރުކުރީ ޕެނަލްޓީގައި ޖަޕާން ބަލިކޮށްގެންނެވެ.