
ބުރިޖު މަސައްކަތުގައި ބޭނުން ކުރާ ކެރޭން ވެއްޓުނީ ތަނބުޖެހުމުގެ މަސައްކަތްކުރަނިކޮށް
ގުރޭޓާމާލެ ކަނެކްޓިވިޓީ ބުރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ކެރޭނެއް ވެއްޓުނީ، ބުރިޖުގެ ތަނބެއް ޖެހުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް، ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބްރިޖު އެޅުމަށް ބޭނުންވާ ޕްލެޓްފޯމް މަތިން ކެރޭން މޫދަށް ވެއްޓުނީ މިއަދުގެ މެންދުރެއްހާއިރުގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އުޅަނދަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކެރޭން ވެއްޓުނު ސަރަހައްދަކީ ވަރަށް ފުން ސަރަހައްދެކެވެ. މިއަދުގެ ހާދިސާ އާއި ގުޅޭ ގޮތުން، ބުރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެފްކޮންސްއިން ކުރަމުންދާ މިމަސައްކަތުގައި މިއީ ހިނގި ބޮޑު ދެވަނަ ހާދިސާއެވެ. މީގެ ކުރިން ބުރިޖުގެ މަސައްކަތުގައި ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމް ވިލިމާލެ ފަރުމައްޗަށް ލައްވެ، ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެއެވެ. އެއާއި ގުޅިގެން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިން ވަނީ، އެފްކޮންސް 69 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ގުރޭޓާމާލެ ކަނެކްޓިވިޓީ ބުރިޖުގެ މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ ޢުމުރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއެވެ. މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ، ވިލިމާލެ އާއި މާލެ ގުޅާލާ ބުރިޖުގެ މަސައްކަތް، މިފެށޭ އަހަރުގެ ޖުލައިމަހަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މިގޮތުން މިމަސައްކަތުގައި މާލޭގެ ހުޅަނގުދެކުނު ކަނުން އެއްގަމުގައި ޖަހާ ތަނބުތައް މިހާރު ވަނީ ނިންމާފައެވެ. އަދި މިހާރު ކުރަމުންދަނީ، ވިލިމާލެ އާއި މާލެއާއި ދެމެދު ކަނޑުގައި ޖަހާތަނބުތައް ޖެހުމުގެ މަސައްކަތެވެ.