ދިރާގު ޓީވީގެ ޚިދުމަތް ---

ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ޚިދުމަތް ޖެނުއަރީ 29އިން ފެށިގެން ހުއްޓާލާނެ ކަމުގައި އެކުންފުނީގެ ކަސްޓަމަރުންނަށް އަންގައިފި

ހޮނިހިރު 24 ޑިސެމްބަރ 2022 | އައުޓްރީޗް

ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހާއި އެކު، ދިރާގަށް، ރީ-ބްރޯޑްކާސްޓްކުރުމަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު އިތުރުކޮށް ނުދެވޭނެ ކަމަށް މޯލްޑިވުސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގާފައިވާތީ އާއި، ކުންފުންޏާއި ޙިއްޞާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގުގެ ބޯޑުން ނިންމާފައިވާ ގޮތުގެ މަތިން، 29 ޖެނުއަރީ 2023 އިންފެށިގެން ޚިދުމަތް ހުއްޓާލާނެ ކަމުގައި ދިރާގުން ބުނެފިއެވެ.

Advertisement


މިކަމާއި ގުޅޭ ގޮތުން އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، 29 ޖަނަވަރީ 2023 ގައި ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އައު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް (އެމްބީސީ) ހުށައެޅި ނަމަވެސް،  ޖަނަވަރީ 2022 ގައި އެމްބީސީއިން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް  އެމްބީސީއިން އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ. އެމްބީސީއިން ޤަވާއިދަށް ގެނައި އެއިސްލާޙުގައި ބޭރުގެ ޙިއްޞާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން އޮތީ މަނާކޮށްފައެވެ. ދިރާގަކީ ދިވެހިސަރުކާރާއި، ބަހްރެއިންގެ ބަޓެލްކޯ ހިއްސާވާ ކުންފުންޏެކެވެ.

 ދިރާގުން ނެރުނު ބަޔާނުގައި ބުނީ، ޤަވާއިދަށް ގެނައި މި ކުއްލި ބަދަލާއި ގުޅިގެން، އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއްނެތި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއިއެކު މި އަހަރު ތެރޭގައި ގިނަގުނަ މަސައްކަތް ކުރެވުނު ކަމަށާއި، އެހެން ނަމަވެސް ލައިސަންސް އައުވާނެކަމުގެ ޔަޤީންކަމެއް ނެތުމުގެ ސަބަބުން ޕްލޭންތަކާއި އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ކުންފުންޏަށް ގެއްލުންތަކާއި ކުރިމަތިވި ކަމަށެވެ.


ދިރާގުން ބުނީ، ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައި މިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް،  ކުންފުންޏާއި ޙިއްޞާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައިވާ ކަމަށާއި، މިގޮތުން، ޤަވާއިދުގައިވާ ގޮތުގެމަތިން ޚިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29 ޖަނަވަރީ 2023 އަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި ކުންފުނީގެ ކަސްޓަމަރުންނަށް އަންގާ ކަމަށެވެ.

ދިރާގުން ބުނީ، ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ޚިދުމަތް ހުއްޓާލަން ޖެހުނު ނަމަވެސް، މިދަނޑިވަޅުގައި އެކުންފުނިން އެންމެ އިސްކަމެއްދީފައިވާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދިރާގުޓީވީ ކަސްޓަމަރުންނަށް، ތަފާތެއްނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީ ޚިދުމަތްތައް އިޚްތިޔާރުކުމުގެ ފުރުޞަތުން މަހްރޫމްވިޔަނުދީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ. މިގޮތުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އަޅުގަނޑުމެންނަށް ހުށަހެޅި އެކި ފަރާތްތަކާއިއެކު މަޝްވަރާކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާއިއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއިއެކު ވަނީ އެއްބަސްވުމަކަށް އާދެވިފައި ކަމުގައި ދިރާގުން ބުނެފައިވެއެވެ. އެކުންފުނިން ބުނީ، އައު ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް  ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ވާކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއިބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ޙިއްޞާކުރަމުން ގެންދާނެ ކަމަށެވެ.

ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއިއެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ %85 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް  ލިބުމުގެ މަގުފަހިކޮށްދީފައިވާނެކަމުގައި ދިރާގުން ވަނީ ބުނެފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.