
މިއަހަރުގެ ފުރަތަމަ ފަތުރުވެރިއަކީ ރަޝިއާގެ ރައްޔިތެއް
ރާއްޖެއަށް މިއަހަރު އައި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެެއާޕޯޓުން ޚާއްސަ މަރުހަބާ ކިޔައިފިއެވެ.

މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔަކީ، މިއަދު ހެނދުނު އިއްތިހާދު އެއާވޭޒްއިން ރާއްޖެއައި ރަޝިއާގެ ރައްޔިތެއް ކަމުގައިވާ ނިކޮލައި ސުތްރަތިޗޫކް އެވެ. އޭނާ އާއެކު އޭނާގެ އާއިލާވެސް ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައެވެ.
އައު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް، މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމްއެމްޕީއާރްސީ އަދި އެމްއޭސީއެލް އާއި ދިރާގުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިގޮތުން އެފަރާތަށް ވަނީ ޚާއްސަ ހަނދާނީ ހަދިޔާއެއް ވެސް ދީފައެވެ.
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ މިއަދު ހެނދުނު ރާއްޖެއައިރު، މިއަހަރު އަމާޒު ހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ހުސްވި 2022 ވަނަ އަހަރު ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.
ކޯވިޑް-19އަށް ފަހު ދުނިޔޭގެ ޤައުމުތަކުން ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަން ރަނގަޅުވަމުން އަންނައިރު، މިޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޗައިނާ ހުޅުވާލުމުން އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި އެކު ފަތުރުވެރިކަމުގެ ނަމްބަރުތައް މައްޗަށް ދާނެއެވެ. ކޯވިޑާއި ގުޅިގެން ޗައިނާ ފުރަބަންދުކުރިއިރު، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ ޤައުމެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރަކީ، 2019 ވަނަ އަހަރެވެ. އެއަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ،