
ރައީސުލްޖުމްހޫރިއްޔާގެ ތަކުރާރު އިލްތިމާސް!
" ޕްރައިމަރީ ނިމުމާ އެކީގައި، މިއީ އަޅުގަނޑުމެން އެކީގައި އެއް މިސްރާބަކަށް ކުރިއަށް އޮތް ތަނުގަައި ދާންޖެހޭ ބައެއްކަން ގަބޫލުކޮށްގެން އަަޅުގަނޑުމެން މި ޕްރައިމަރީގެ ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ," މިއީ ހަމަ ކޮންމެ ކެމްޕެއިން އިވެންޓެއްގައި ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވާ ވާހަކަފުޅެކެވެ.

ވާހަކަފުޅު ފައްޓަވަމުންވެސް އަދި ނިންމަވާލައްވަމުންވެސް މައިގަނޑުގޮތެއްގައި ވިދާޅުވަނީ އެމަނިކުފާނާ ހިޔާލު ތަފާތު ތާއީދުނުކުރައްވާ ބޭފުޅުންވެސް ތިއްބަވަފާނެކަމަށެވެ. ނަމަވެސް މިއީ އެތެރޭގެ އިންތިޚާބެއްކަމަށާއި، މިއިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓެއް ނުހުންނާނެކަމަށެވެ. ހުންނާނީ ވާދަވެރި ކެންޑިޑޭޓެއްކަމަށް ތަކުރާރުކޮށް ވިދާޅުވެއެވެ. އެހެންކަމުން ޕްރައިމަރީއަށްފަހު އެކުގައި ތިއްބެވޭ ވަރަށް، ތިއްބެވޭނެ ގޮތަށް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވައެވެ. ޚާއްޞަކޮށް ރަށްރަށަށް ވަޑައިގެން ބާއްވަވާ ކެމްޕެއިން ބައްދަލުވުންތަކުގައި އެވާހަކަފުޅު ތަކުރާރުކުރެއްވުން އިތުރެވެ.
އެ އެދިވަޑައިގަތުމާއެކު އެހެން ޔަޤީންކަމެއް އެމަނިކުފާން ދެއްވައެވެ. އެއީ ޕްރައިމަރީ ކޮންމެ ބޭފުޅަކުން ކާމިޔާބުކުރެއްވި ނަމަވެސް ފަހަތްޕުޅުގައި ހުންނަވާނެކަމުގެ ޔަޤީންކަމެވެ. ޕްރައިމަރީ ރައީސް ނަޝީދު ކާމިޔާބުކުރެއްވި ނަމަވެސް އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެޔަޤީންކަމާއި، އެދިވަޑައިގަތުންތަކާއެކުވެސް ޕާޓީގެ ރައީސްގެ ފަރާތްޕުޅުން ފެންނަނީ މުޅިން އެހެން ތަސްވީރެކެވެ. އެމަނިކުފާން މޮޅުވުން ނޫން ތަނެއް ފެނިވަޑައިނުގަންނަވައެވެ. ބަލިވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަށް އިންތިޚާބު ކާމިޔާބުކޮށްދެއްވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވާން ކެރިވަޑައެއް ނުގަންނަވައެވެ އޭގެ ބަދަލުގައި ދައްކަވާ ވާހަކަފުޅުތަކުންވެސް ހާމަވަނީ ޕްރައިމަރީން ބަލިވި ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއެކު މަސައްކަތްޕުޅު ކުރެއްވެން ނެތްކަމެވެ. އެމަނިކުފާނުގެ އަރިސް ބޭފުޅުން ދައްކަވާ ވާހަކަފުޅުތައްވެސް ހުރީ އެމަގުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމާއި، ދެއްވާ ޔަޤީންކަމާއެކު ދެން ކުރައްވަނީވެސް ވަރަށް މުހިއްމު ސުވާލެކެވެ. މައި އިންތިޚާބު ނުވަތަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވުމުގެ ފުރުޞަތު އޮތީ ނުވަތަ ބޮޑީ ޕްރައިމަރީ ކޮން ކެންޑިޑޭޓެއް ކާމިޔާބުކޮށްގެންތޯއެވެ؟ ދެން ވިދާޅުވަނީ އެމަނިކުފާންގެ ފަހަތްޕުޅަށް އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން އަރަން ޖެހިލުންވެވަޑައި ނުގަންނަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. ކޯލިޝަން ދެމެހެއްޓުމުގެ އިތުބާރު އޮތްކަމެވެ. އަދި ކޯލިޝަނާ ނުލައި ވެރިކަމަށް ދެންވެސް ނާދެވޭނެކަން މާޒީން ފެންނަން އޮތް މަންޒަރުތަކާއި، ހިސާބު އަދަދުތަކުން ދައްކަވައެވެ. ކޯލިޝަނެއް ދެވަނަ ބުރުގައި ބޭނުންވާނެކަން ރައީސް ނަޝީދުވެސް ޤަބޫލުުފުޅު ކުރައްވައެވެ. އެކަން ޤަބޫލުކުރައްވާކަން ދޭހަވާ ހެއްކަކީ ކޯލިޝަނުން ބައި ލިބެންވާނީ ހޯދާ ވޯޓްގެ ނިސްބަތަށްކަމަށް ވިދާޅުވުމުންނެވެ. އަދި ކޯލިޝަންގެ ވާހަކަ އަންނަންވާނީ ދެވަނަ ބުރާ ހަމައިންކަމަށް ވިދާޅުވާ ވިދާޅުވުމުންނެވެ.
މިވާހަކަތަކަށް ބަލާއިރު އެމްޑީޕީ މަގުމަތި ނުވުމުގެ ފުރުޞަތު، ރާއްޖޭގައި ސިޔާސީ ހަމަޖެހުން ދެމިއޮތުމުގެ ފުރުޞަތު ބޮޑުތަނުން ބޮޑީ އެމްޑީޕީގެ ޕްރައިމަރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކާމިޔާބުކުރައްވައިގެންނެވެ. ރިޔާސީ އިންތިޚާބުގައި އެމަނިކުފާން ވާދަކުރައްވައިގެންނެވެ. އެމަނިކުފާން ދެއްވި އިތުބާރަށް ސިޔާސީ އެހެން ލީޑަރުންނާއި، ޕާޓީތަކަށް އެމަނިކުފާނާއެކު މަސައްކަތްކުރަން ބޮޑުތަނުން ފަސޭހަވާނެކަމީ ފެންނަން އޮތް ސާފް މަންޒަރެވެ.