
އެމްޑީޕީއަށް ކުރިމަގު އޮތީ އިބޫއާ އެކު، ރައީސް ނަޝީދަކީ މާޒީގެ ހިޔަނި
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ކުރިމަތިލި އިރު، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލާފައެވެ. ރިޔާސީ ރޭހަށް ނުކުމެވޭނެ އެއްވެސް ލީޑަރެއް ނެތެވެ. ރައީސް މައުމޫނު ޖަލުގައެވެ. ރައީސް ނަޝީދު ޖަލަށް ލައްވަން ކުރެއްވި ޙުކުމާއިއެކު ބޭސްފަރުވާގެ ބަހަނާގައި އެމަނިކުފާނު ހުންނެވީ ފިއްލަވައިގެން ވަޑައިގެން އިނގިރޭސި ވިލާތުގައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް ޖަލަށް ލެއްވުމުން، ހޯއްދެވުނު ގޮތަކުން މެޑިކަލް އިމާޖެންސީ ހޯއްދަވައިގެން ވަޑައިގެން ހުންނެވީ ޖަރުމަނުގައެވެ. ދަރިކަލުން އިބްރާހިމް ސިޔާދު ޤާސިމް އޮންނެވީ ޖަލުގައެވެ. އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބުދުﷲ އާއި، ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި، ރައީސް ޔާމީނުގެ އެންމެ ގާތް އެކުވެރިޔާ އަހުމަދު ނާޒިމް ޖަލުގައެވެ. އަދި ރައީސް ޔާމީނުގެ އަނިޔާވެރިކަމަށް ބިރުން ފިއްލަވައިގެން އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަޙުމަދު ރާއްޖެއިން ބޭރުގައި ހުންނެވި، ޖަމީލު ވަކިކުރައްވައި ނައިބު ރައީސް ކަމުގެ މަޤާމަށް ގެންނެވި އަޙުމަދު އަދީބުވެސް، ރައީސް ޔާމީނު އަވަހާރަކޮށްލަން ރޭއްވެވި ކަމުގެ ތުހުމަތުގައި އޮންނެވީ ޖަލަށް ލައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަކުރެއްވެއް ނެތުމުން ރައީސް ނަޝީދު ބާރު އެޅުއްވީ އެމްޑީޕީން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. އެކަމަކު އެކަމަކީ، އެމްޑީޕީއަށް ފައިދާހުރި ގޮތެއް ނޫންކަމާއި އެއީ ރައީސް ޔާމީނުގެ އަނިޔާވެރި ވެރިކަން އިތުރު 5 އަހަރަށް ދެމިގެން ދިޔުމަށް ލިބޭ ފުރުޞަތެއްކަން އެމްޑީޕީގެ އިސްސަފުގައި ތިއްބެވި އެހެން ބޭފުޅުންނަށް ވިސްނިވަޑައިގަތެވެ. އެހެން ނަމަވެސް ނަޝީދު ހުންނެވީ އެމަނިކުފާނު ނޫން ބޭފުޅަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ވެރިކަން ހައްޤު ނޫންކަމުގައި ވިދާޅުވެ އެމަނިކުފާނަށް ވެރިކަން ލިބޭނެ ގޮތެއް ހޯއްދެވުމުގެ ސައްލާގައެވެ. އެހެން ނަމަވެސް 2018ގައި ރައީސް ޔާމީން ބައިވެރި ކުރެއްވޭނެ ފޯމިއުލާއަަކަށް ހުރިހާ ބޭފުޅުންނަށްވެސް އެއްބަސްވެވަޑައިގެންނެވުނީ، ކޯލިޝަނެއްގެ ތެރެއިން، ކެންޑިޑޭޓަކު ނެރުމެވެ.

އިބޫއަށް ރިޔާސީ ޓިކެޓް ލިބުނީ ކިހިނެއް؟
ރައީސް ޔާމީނާއި ދެކޮޅަށް ނިކުތުމުގައި ލީޑަރުންނަށް އޮތް އެންމެ ބޮޑު ޔަޤީންކަމަކީ، ދެގޮތެއް ނުވާ އެމްޑީޕީގެ އާއްމު މެމްބަރުންނެވެ. ރިޝްވަތާއި އެހެނިހެން ގޮތް ގޮތުންވެސް އެމްޑީޕީގެ އާއްމު މެމްބަރުންގެ ވޯޓު އެމީހުން ބޭނުން ނުވާ ގޮތަކަށް ބަދަލުކޮށް ނުލެވޭނެކަން އެއީ ޚުދު ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާ ކަމެކެެވެ. އެހެނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ މެދުގައި އޮންނަ ވަރުގަދަ ޕާޓީ ރޫޙް ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ އާއްމު މެމްބަރުންގެ މެދުގައި ނެތުމެވެ. ވާދަވެރި ސިޠާސީ ޕާޓީތަކަށް އެއްބަސްވެވުނީ، އެމްޑީޕީން ކެނޑިޑޭޓެއް ނެރުމަށާއި، ޖުމްހޫރީޕާޓީން ރަނިންމޭޓެއް ނެރުމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ، ރައީސް ނަޝީދު ތަބަކަށް ލައްވާފައި އެމަނިކުފާނު ރައީސް އިބޫއަށް ވެދުމަކަށް ދެއްވި އެއްޗެއް ކަމުގައި، މިހާރު އެމަނިކުފާނު ވިދާޅުވިޔަސް ހަޤީޤަތަކީ މުޅިން އެއެއް ނޫނެވެ. ރައީސް ނަޝީދަށް ނުނުކުމެވޭ ޙާލަތުގައި، ނުކުންނަން ކެރޭނެ ހިއްވަރު ހުރި އެހެން ބޭފުޅަކުވެސް ލިބިވަޑައި ނުގަތީއެވެ. ރައީސް ނަޝީދުގެ އާއިލީ އެހެން ގާތްބޭފުޅުންވެސް ވެރިކަމުގެ މަޤާމަށް ކަޅި އަޅަނިކޮށް އިބޫއަށް ރައީސް ނަޝީދު ތާއީދު ކުރެއްވީ، އިބޫއަށް ވެރިކަމަށް އާދެވުމުން، އެމަނިކުފާނުގެ ގައި އެޅިފައި ހުރި ޖަލުގެ ކަސްތޮޅުތަކުން ނެއްޓެވި އަލުން ސިޔާސީ މައިދާނަށް ނުކުންނެވުމުގެ މަޤުޞަދުަގައެވެ. 2018 ޖޫން 30ގައި އއ. އުކުޅަހުގައި ބޭއްވި، އެމްޑީޕީގެ ކޮންގްރެސްގައި، އިބްރާހިމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓް ދިނުމަށް ފާސްކުރީ، ކޮންގްރެސްގެ 791 މެމްބަރުންގެ އިއްތިފާޤުންނެވެ.
އެހެން ނަމަވެސް ވެރިކަން ކޯލިޝަނަށް ކާމިޔާބުވެ، ރައީސް ނަޝީދާއި ހުރިހާ ސިޔާސީ ލީޑަރުން މިނިވަންކޮށްދެއްވުމުން ރައީސް ނަޝީދު ނުކުންނެވީ، ކޯލިޝަން ރޫޅާލައްވައި، ވެރިކަމުގެ ނިޒާމް ބަދަލު ކުރައްވައިގެން، ބޮޑުވަޒީރުކަމުގެ މަޤާމު ހޯއްދަވައި ސަރުކާރުގެ އެންމެ އިސްވެރިއަކަށް ވުމުގެ މަސައްކަަތަށެވެ. މިނިވަންވެވަޑައިގެން މާލެފަސްގަނޑުގައި ފައިޖެހުނު ފުރަތަމަ ދުވަހުން ފެށިގެން ރައީސް ނަޝީދު އެޅުއްވި ކޮންމެ ފިޔަވަޅެއް އެޅުއްވީ އެމަގަށެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ކުރެވޭނެ އެއްވެސް މަގެއް ފެނިވަޑައި ނުގެން، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ރައީސް އިބޫ އާއި ދެކޮޅަށް ނުކުމެވަޑައިގެންނެވުމަށްފަހުގައި، އެމަނިކުފާނުގެ ސަޕޯޓަރުން ލައްވައި ވިދާޅުވާ ވާހަކައަކީ، އުކުޅަހުގައި 2018 ވަނަ އަހަރު، އިބޫ ރިޔާސީ ޓިކެޓް ހޯއްދެވީ "ބަޣާވާތަކުން" ކަމަށެވެ.
ރަނިންގ މޭޓަކަށް ފައިސަލް ހޮވުނީ ކިހިނެއް؟
ކޯލިޝަނުގެ މެދުގައި އެއްބަސްވެވިފައިވާ ގޮތަށް ޖުމްހޫރީޕާޓީން ރަނިންގ މޭޓަކު ނެރެން އޮތް ނަމަވެސް، އެކަމުގެ ތެރެއަށް އެމްޑީޕީގެ އިސްމެމްބަރުން ޚުދު ރައީސް ނަޝީދުވެސް ނުފޫޒު ފޯރުވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ޖުމްހޫރީޕާޓީގެ ފަރާތުން ނެރޭ ކޯލިޝަންގެ ރަނިންމޭޓަކަށް އެންމެ ގާތުން ކާށިދޫ ދާއިރާގެ މެމްބަރު ފައިޞަލް ނަސީމާއި، ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވާދަކުރެއްވި އިރު، ދެން ވާދަކުރެއްވީ ޑރ ހުސައިން ރަޝީދު ޙަސަން އާއި ޢަބުދުﷲ އަމީންއެވެ. ފައިސަލަށް ރަނިންގެ މޭޓަކަށް ވުމުގެ ފުރުޞަތު ލިބުނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ފައިސަލްއަށް 15 ވޯޓު ލިބިވަޑައިގެންނެވިއިރު އަލީ ޙުސައިންއަށް ލިބިވަޑައިގެންނެވީ، 14 ވޯޓެވެ. ޢަބުދުﷲ އަމީންއަށް 9 ވޯޓު ލިބިވަޑައިގެންނެވި އިރު، ޑރ ޙުސައިން ރަޝީދު ޙަސަންއަށް ލިބިވަޑައިގެންނެވީ 2 ވޯޓެވެ. އިބޫގެ ރަނިންގ މޭޓަކަށް އެމްޑީޕީންވެސް އަދި ޤާސިމް އިބްރާހިމްވެސް ނެރެން ބޭނުންވީ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިނެވެ. އެހެން ނަމަވެސް ޕާޓީގެ މެމްބަރުންގެ މެދުގައި ފައިސަލްއަށް އޮތް ތާއީދާއިއެކު، އަލީ ޙުސައިނަށް ފުރުޞަތު ނުލިބިދާނެތީ، ނަންނެންގެވުމަށްވެސް ޤާސިމް އިބްރާހިމް ފަހު ވަގުތު ފައިޞަލްއަށް އެންގެވިއެވެ. ފައިސަލް ނަސީމާއި މެދު ޤާސިމް އިބްރާހިމް ހިތްޕުޅާނުވުމުގެ އެންމެ ބޮޑު ސަބަބަކީ، ފައިސަލްއަކީ އެމަނިކުފާނު ޤަބޫލު ކުރައްވާ ހަމަޔާއި އުސޫލުތައް ވިއްކަވައި ލައްވާ ބޭފުޅަކަށް ނުވާތީއެވެ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިނަށް ޖޭޕީގެ ތެރެއިން ލިބުނު ނާކާމިޔާބީ އާއިއެކު، މިވެރިކަމުގައި އަދިދަށްދާންދެންވެސް، ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ޢަލީ ހުސައިން ދެމި ހުންނެވިއެވެ. އެހެން ނަމަވެސް ފާއިތުވި 4 އަހަރުގެ ތެރޭގައި މެމްބަރު ޢަލީ ޙުސައިންގެ ސިޔާސީ މަޤުބޫލުކަން ކުޑަވެ އެމަނިކުފާނުގެ ތަރި ވަނީ ފަނޑުވެފައެވެ.

ރައީސް ޔާމީނު ހީފުޅުކުރެއްވި ގޮތް ޙަޤީޤަތަކަށް ނުވުން.
2018ގެ ރިޔާސީ އިންތިޚާބަށް، އިދިކޮޅު ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން އިބްރާހިމް މުޙައްމަދު ޞާލިޙް ކެންޑިޑޭޓަކަށް ނެރުމާއި ފައިޞަލް ނަސީމް ރަނިންގމޭޓަކަށް ނެރުމުން އިދިކޮޅަށް އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ތިއްބެވީ ޔަޤީންކުރައްވައިގެންނެވެ. އެންމެ ބޮޑު ސަބަބަކީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ، އެމްޑީޕީގެ އާއްމު މެމްބަރުން ފިޔަވައި، އެހެން ގިނަ ރައްޔިތުންނަށް މާބޮޑަށް އެނގޭ ބޭފުޅަކަށް ނުވުންކަމުގައި އެބޭފުޅުން ދެކުނެވެ. އެހެން ނަމަވެސް ސިޔާސީ ކަންކަމުގެ ތެރެއިން އިބޫ އެންމެ ބޮޑަށް ފާހަގަވީ، އޯލްޕާޓީ ޓޯކްސްގައި ކުރެއްވި މަސައްކަތްޕުޅު ތަކާއި އެކުގައެވެ. އެމްޑީޕީއަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބިގެން ދިޔައިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެއްގެ ހައިސިއްޔަތުން އިބޫ ކުރެއްވި މަސައްކަތް އެމްޑީޕީ އާއި އާއްމު ދިވެހި ރައްޔިތުންވެސް ފާހަގަކުރެއެވެ. ރަނިންމޭޓަކަށް ނުކުމެ ވަޑައިގަތުމުގެ ކުރިންވެސް ފައިޞަލް ނަސީމަކީ، އިޖުތިމާޢީ އެކި ޚިދުމަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކޯލިޝަނަށް ކާމިޔާބު ކުރެވުނީ، ރައްޔިތުންގެ ހިތްތަކުގައި، އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ފައިސަލް ނަސީމަށް އޮތް ޔަޤީންކަމުގެ ސަބަބުންނެވެ. ޔާމީނުގެ ކެމްޕޭން ޓީމަށް އެދެބޭފުޅުންނާއި ދެކޮޅަށް ދައްކާނެ ސިޔާސީ ވާހަކައެއް ނެތެވެ. ކުރެއްވޭނެ ތުހުމަތެއް ނެތެވެ. އެހެންވެ މުޅި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައިވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ކެމްޕޭންޓީމަށް އިބޫ އާއި ފައިސަލާއި ދިމާކުރީ ޒާތީގޮތުންނެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުން.
2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގުނަމުން ދިޔައިރު، ގުޅިފައިވާ ކޯލިޝަންގެ މެމްބަރުންވެސް އަދި ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށްވެސް ތިއްބަވަން ޖެހުނީ، ނޭވާ ހިފަހައްޓާލައިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ނަތީޖާ ދައްކާ ގޮތުން އިބޫ އަށް 134616 ވޯޓް ލިބިވަޑައިގެންނެވއެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރިޔާސީ އިންތިޚާބެއްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އެނަތީޖާ ޤަބޫލުނުކުރައްވައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ކޯޓަށްވެސް ވަޑައިގެންނެވިއެވެ. އެބޭފުޅުން ކޯޓުގައި ދެއްކެވީ އިންސާނީ ބުއްދިވެސް ޤަބޫލުނުކުރާ، ވެއްޓޭ ފާހަގައަކާއި، ފާހަގަޖެހޭ އަނގޮޓިއެއްގެ ވާހަކައެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުވުމުންވެސް، ރައީސް ޔާމީން ވެރިކަމުގެ ބާރުތައް ހަވާލު ނުކުރައްވައިފާނެ ކަމުގެ ބިރުވެރިކަން އޮތެވެ. އެހެން ނަމަވެސް އެންމެ ފަހުން އެނޫންގޮތެއް ފެނިވަޑައިނުގެން، ރައީސް ޔާމީން ރިޔާސީ ގަނޑުވަރު މުލީއާގެއިން ނުކުންނެވީއެވެ. 17 ނޮވެމްބަރު 2018ގައި އޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ ނައިބު ފައިޞަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީނުވަޑައެއް ނުގަންނަވައެވެ.
ރައީސް ނަޝީދު މާލެވަޑައިގެންނެވުން.
ގުޅިފައިވާ ޕާޓީތަކުން ނުކުމެ ކުރި މަސައްކަތުގައި، އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބު ވުމަށްފަހު، ރައީސް ޔާމީނުގެ ސަރުކާރުގައި ނުހައްޤުން ޖަލަށް ލާފައިވާ މީހުން، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން މިނިވަން ކުރިއެވެ. އޭގެ ތެރޭގައި ރައީސް މުޙައްމަދު ނަޝީދާއި، ޤާސިމް އިބްރާހިމާއި، އިމްރާން ޢަބުދުﷲ ހިމެނިވަޑައިގެންނެވިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާލެ ވަޑައިގެންނެވީ 1 ނޮވެމްބަރު 2018 ވަނަ ދުވަހުގައެވެ. އެއީ މާލެއަށް އައި އެންމެ ބޮޑު ސިޔާސީ ޢީދެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް، ވަކިޕާޓީއެއް ނެތި ގުޅިފައިވާ ޕާޓީތަކުގެ އާއްމު މެމްބަރުން ނުކުތެވެ.
" އަޅުގަނޑުގެ މައިގަނޑު އަމާޒަކަށް ވާނީ އިބޫގެ ސަރުކާރު ދަމަހައްޓައި، ގައުމުގެ ސިޔާސީ ހަމަޖެހުން ހިފެހެއްޓުން" ރައީސް ނަޝީދު އެދުވަހު، އާޓިފިޝަލްބީޗަށް އެއްވެ ތިބި އެތައްހާސް ރައްޔިތުންނާއި މުޚާތަބު ކުރައްވައިވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެދުވަހު، ރައީސް ނަޝީދު އެތައް ވާހަކަފުޅެއް ދެއްކެވިއެވެ. ކޯލިޝަން ދަމަހައްޓާނޭ ވާހަކަ އާއި ކޯލިޝަން ލީޑަރުން ބާކީ ނުވާނޭ ވާހަކައެވެ. އެދުވަހު ރައީސް ނަޝީދު ވިދާޅުވީ، ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެކަމަށާއި، ރައީސް އިބޫ އަކީ ކޮންމެ މީހަކާ ވެސް ވާހަކަ ދެއްކެވޭނެ ބޭފުޅެއް ކަމަށެވެ. ހުރިހާ ސިޔާސީ ލީޑަރުންނާއި އާންމު މެންބަރުންނާއި ރައްޔިތުންނަށް ވެސް މަޝްވަރާކޮށް ހިޔާލު ފާޅުކުރެވޭނެ ކަމަށާއި އެހެންވެ ކޯލިޝަން ކާމިޔާބުވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯލިޝަން ރޫޅައިލެއްވުމަށާއި، އެމްޑީޕީން ވެރިކަން އަމިއްލަކޮށްލުމަށް ރައީސް ނަޝީދު އެޅުއްވި ފުރަތަމަ ފިޔަވަޅު.
ރިޔާސީ އިންތިޚާބު ގުޅިފައިވާ ކޯލިޝަނަށް ކާމިޔާބު ކުރެވި ސަރުކާރު ރަނގަޅަށް ހަމަނުޖެހެނީސް، 2019ގެ މަޖިލިސް އިންތިޚާބާއި ކުރިމަތިލާން ޖެހުނެވެ، އޭރު ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޕީޕީއެމްއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމެވެ. އެއްޕާޓީއަކަށް ވެރިކަމާއި މަޖިލިސް ލިބި، ރާއްޖޭގެ ތާރީޚުގައިވެސް ނުހިނގާފަދަ ބޮޑެތި ވައްކަމާއި ފަސާދަތައް އޮތީ ހިނގާފައެވެ. އެހެންވެ މަޖިލީހުގެ އިންތިޚާބަށްވެސް ގުޅިފައިވާ ޕާޓީތަކުން އެކީގައި ނުކުތުމުގެ ވިސްނުމާއި ވާހަކަތައް ދެކެވުނެވެ. އެކަމަކު ކޯލިޝަން ހެދީ ރިޔާސީ އިންތިޚާބަށް ކަމަށާއި، މަޖިލިސް އިންތިޚާބަށް ނޫންކަމުގައި ވިދާޅުވެ އެކަމާއި ދެކޮޅަށް ނުކުންނެވީ ރައީސް ނަޝީދެވެ. އޭރުވެސް އެމަނިކުފާނުގެ މިސްރާބު ހުރީ މަޖިލީޙުގެ ތެރެއިން ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމާއި ދިމާއަށްކަން ގިނަ ބަޔަކު ތުހުމަތު ކުރިއެވެ. ރައީސް ނަޝީދު އޭރުވެސް ހުންނެވީ ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ކަމަށްވާތީ، ދޫނުދެއްވައި އެމްޑީޕީން ރައްޔިތުންގެ މަޖިލީޙުގެ ހުރިހާ ދާއިރާއަކަށް މެމްބަރުން ނެރުނެވެ. އެކަމުގެ ސަބަބުން ބައެއް ދާއިރާތަކުން ކޯލިޝަނަށް ކަށަވަރުވާނެ ކަމަށް ޔަޤީންކުރެވުނު ގޮނޑިތައްވެސް ހަނި އަޣުލަބިއްޔަތަކުން ގެއްލުނެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީމް ކާމިޔާބު ކުރި އިރު ކޯލިޝަން ޕާޓީތަކާއިއެކު، ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނެވެ.
މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ވަޑައިގެންނެވުން.
އެންމެ ފުރަތަމަ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ބޭނުންފުޅު ނުވާކަމަށެވެ. އެހެންވެ އެމްޑީޕީގެ ތެރެއިން މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އަސްލަމާއި ހަސަން އަފީފު ގެނައުމުގެ މަސައްކަތް ފެށުނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފެނިވަޑައިގަތީ މަޖިލީހުގެ ރައީސް ކަމަށް އެންމެ ރަނގަޅު ބޭފުޅަކީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ތާއީދު ކުރެއްވީ މަޖިލީޙުގެ ރައީސް ކަމުގެ މަޤާމަށް، ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ގެންނަވާށެވެ. މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ގެންނާނޭ ބޭފުޅަކާއި މެދު އެމްޑީޕީގެ ތެރޭގައި ފެށުނު އަރައިރުން މައިތިރިކުރެއްވުމަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވީ ރައީސް ނަޝީދެވެ.

އިބޫއަކީ ރައީސް ނަޝީދުގެ ހިޔަނިތަ؟
ކޯލިޝަން ކެނޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިޚާބަށް، އިބޫ ނުކުންނެވުމާއިއެކު، އެމަނިކުފާނާއި ދެކޮޅަށް ކެމްޕޭނުގައި ޕީޕީއެމުންވެސް ވިއްކި މައިގަނޑުވާހަކައަކީ، އިބޫއަކީ ރައީސް ނަޝީދުގެ ހިޔަނި ކަމަށެވެ. ރައީސް ނަޝީދުގެ ދީނާ ދުރު ސިޔާސަތާއި، ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން، އެމަނިކުފާނުގެ ސިޔާސީ ޙަޔާތުގައި އެމަނިކުފާނާއި ދެކޮޅު މީހުން އަޅުވާ "ލާދީނީ" ޓެގަކީ، އިބޫ އާއި ދެކޮޅަށް ރިޔާސީ އިންތިޚާބުގައި އަދި މަޖިލިސް އިންތިޚާބުގައިވެސް ޕީޕީއެމުން ދެއްކި ވާހަކައެވެ. ވެރިކަމުގައި އިބޫ ހުއްޓަސް ވެރިކަން ހިނގާނީ ރައީސް ނަޝީދު ބޭނުންވާ ގޮތަށް ކަމަށާއި، ދިވެހިންގެ ދީނީ ވަޙުދަތާއި، އިޖުތިމާޢީ ހަމަޖެހުން ގެއްލިގެން ދާނެ ކަމުގައި ޕީޕީއެމުންވެސް ބުނަމުން ދިޔައެވެ.
އެމްޑީޕީގެ ތެރޭގައި އޮތް ރައީސް ނަޝީދުގެ ނުފޫޒާއި ހެދި ބައެއް އާއްމު އެހެން މީހުންނަށްވެސް ވިސްނުނީ، އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާނީ ނަމެއްގައި ކަމަށެވެ. ކަން ކުރައްވާނީ ރައީސް ނަޝީދު ކަމަށެވެ. އެމަނިކުފާނުގެ ސަޕޯޓަރުންނާއި އާއިލީ ބޭފުޅުންވެސް ހިއްތަވައިގެން ތިބީ އެގޮތަށްކަން މިހާރުވެ އެބޭފުޅުން ދައްކަވަމުންދާ ވާހަކަފުޅުތަކުން އެނގެއެެވެ.
އެހެން ނަމަވެސް، އުކުޅަހުގައި އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވި ދުވަހުވެސް އިބޫ ވިދާޅުވީ އޭނާ ވެގެންދާނީ ރައްޔިތުންގެ މީހަކަށް ކަމަށެވެ. އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށެވެ. ކުރިއަށްދާނީވެސް ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުން ބޭނުވާ ގޮތަކަމަށެވެ. އަމަލާއި ބަހުންވެސް މިފާއިތުވި 4 އަހަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެކަން ސާބިތުކޮށްދެއްވާފައެވެ.
ރައީސް ނަޝީދު ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގެންނެވުމުގެ މަސައްކަތްޕުޅުގެ ތެރެއިން އެމްޑީޕީ ބައިބައިވުން.
ކޯލިޝަންގެ އެހެންޕާޓީތަކުންވެސް ތުހުމަތު ކުރި ގޮތުގައި ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހަށް ވެދެވަޑައިގަތީ، ޤާނޫނު އަސާސީ ބަދަލުކުރައްވައި ވެރިކަމުގެ ނިޒާމް ބަދަލު ކުރައްވައިގެން ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގެންނެވުމަށެވެ. މަޖިލީހުގެ ކެމްޕޭން ތެރޭގައި އެވާހަކަތައް ރައީސް ނަޝީދު ދޮގު ކުރެއްވިއެވެ. އެހެން ނަމަވެސް ވެރިކަމުގެ ދައުރު ދެބައިވިއިރު، އަމިއްލަ ދޫފުޅުން ރައީސް ނަޝީދު އެވާހަކަ ދައްކަަވަން ފައްޓަވައިފިއެވެ. ވެރިކަމުގެ ގޮނޑިއާއި ދުރުގައި ހުންނަވަން ބޭނުންފުޅު ނުވާކަމަށާއި، ބޮޑުވަޒީރުުކަމުގެ މަޤާމު ބޭނުންފުޅުކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ.
އެކަމަކު އެއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވެވީ ސާފު ސީދާ ޖަވާބެކެވެ. އެއްލައްކަ ތިރީސް ހަތަރުހާސް މީހުންގެ ވޯޓުން އެމަނިކުފާނު އިންތިޚާބު ކުރީ ރިޔާސީ ފަސް އަހަރުގެ ދައުރަކަށެވެ. ކޯލިޝަން މެނިފެސްޓޯގައި ދައުރުގެ މެދުތެރެއިން ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކައެއްނެތެވެ. ކޯލިޝަން ލީޑަރުންވެސް އެކަމަކަށް އެއްބަހެއް ނޫނެވެ. އެހެންވީމާ، ވެރިިކަމުގެ ނިޒާމް ބަދަލުކޮށް ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ހޯއްދަވައިދޭން ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވައިފިނަމަ އެކަން ވަނީ، ދިވެހިރައްޔިތުންނަށް އެމަނިކުފާނުވެވަޑައިގަންނަވާ ޚިޔާނާތަކަށެވެ. އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދުކުރާ އަދި އެމަނިކުފާނަށް ވެރިކަން "ތަބަކަށް ލައިފައިދޭން" ބޭނުންވާ މަދު މީސްކޮޅެއް ތިއްބަސް، ކޯލިޝަނާއި އެކު އިބޫއަށް ވޯޓުދެއްވި އެއްލައްކަ ތިރީސް ހަތަރުހާހަށްވުރެ ގިނަ މީހުން ވޯޓުދިނީ 5 އަހަރުގެ ދައުރެއްގައި އެމަނިކުފާނު ކޯލިޝަނާއި އެކުގައި ވެރިކަން ކުރެއްވުމަށެވެ.
ރައީސް ނަޝީދު ސިޔާސީ ގޮތުން ހީރޯ އަކުން ޒީރޯއަކަށް ވުމާއި ދިމާއަށް.
އިންތިޚާބުތަކުގައި ކެމްޕޭންތަކުގައި ރައީސް ނަޝީދު ރައްޔިތުންނަށް ވަޢުދުވެ، އަދި ކޯލިޝަން މެމްބަރުންނަށް ވަޢުދުވެ އެވަޢުދުތައް އުވާލައްވައި އަމިއްލަ މަސްލަޙަތަށް އަމިއްލަ ފައިދާއަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދިޔުމާއި އެކު މިވީ 15 އަހަރުގެ ތެރޭގައި، އެމްޑީޕީގެ ތެރޭގައިވެސް އަދި އާއްމުންގެ މެދުގައިވެސް އެމަނިކުފާނުގެ މަޤުބޫލުކަން ދިޔައީ ކުޑަވަމުންނެވެ. އަދި އެމަނިކުފާނުގެ ބަދަލުނުވާ ކެމްޕޭން ސިޔާސަތާއި، އެމަނިކުފާނާއި ވާދަވެރި ކެންޑިޑޭޓަށް ކުރައްވާ އެންޓިކެމްޕޭންތަކުގެ ސަބަބުންވެސް ގިނަ ބަޔަކު ރައީސް ނަޝީދާއި ދުރަށްދާންފެށިއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތީޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް އޭރުގެ ޑީއާރްޕީ ނޫން އެހެން ހުރިހާ ޕާޓީތަކާއި އެކު ކޯލީޝަން ހެއްދެވިއެވެ. ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުގައި ވާދަކުރެއްވި ޑރ ހަސަން ސަޢީދަށް އައްޑޫގައި އޮތް ތާއީދު ހޯއްދެވުމަށް އައްޑޫ ރައްޔިތުންނަށް ރައީސް ނަޝީދު ވިއްކެވީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެ ކަމުގެ ވަޢުދެވެ. އެހެން ނަމަވެސް 2008 ގެ އިންތިޚާބު ކާމިޔާބު ވުމަށްފަހުގައި އެންމެ 21 ދުވަހުން ކޯލިޝަން ރޫޅާލައްވައި އިންތިޚާބު ކާމިޔާބު ކުރުމަށް ބައިވެރިވި މީހުން ފެއަށް ކޮއްޕާލައްވައި ވިދާޅުވީ، ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބޭއްވުމަކީ، ޑރ ޙަސަން ސަޢީދު ރުއްސަން ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.
2018 ގައި ގުޅިފައިވާ ޕާޓީތަކުން އިންތިޚާބު ކާމިޔާބު ކުރުމަށްފަހުގައި، މަޖިލިސް އިންތިޚާބާއި ހަމައިން ފެށިގެންވެސް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ކޯލިޝަން ސަރުކާރު ރޫޅައި ލެއްވުމަށެވެ. އެގޮތުން ކޯލިޝަން ޕާޓީތަކުން ވަޒީރުންގެ މަޖިލީހުން ބޭރުކުރެއްވުމަށް ޙީލަތްތެރިގޮތެއްގައި ޕާޓީގެ އާއްމު މެމްބަރުން ބޭނުން ކުރައްވައިގެން ރައީސް ނަޝީދު މަސައްކަތް ޕުޅު ކުރެއްވިއެވެ. މިގޮތުން، ހައުސިންގ މިނިސްޓަރުގެ މަޤާމުން އައިމިނަތު އާތިފާ ދުރުކުރުމާއި، ޖެންޑާ މިނިސްޓަރުގެ މަޤާމުން ސިދާތާ ޝަރީފް ވަކިކުރުމާއި، ހެލްތު މިނިސްޓަރުގެ މަޤާމުން ޢަބުދުﷲ އަމީން ވަކިކުރުމާއި ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމުން މަލީޙް ބޭރުކުރުންވެސް ހިމެނެއެވެ.
އެންމެފަހުން ވެރިކަމަށް ވަޑައިގެންނެވުމަށް ކުރައްވާ މަސައްކަތް ޕުޅުތަކުގައި، ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ހަނގުރާމަ އިޢުލާނު ކުރައްވައި، "ހަތަރުގަނޑު ފޮޓޯ"ގެ ވާހަކައަކުން އެމަނިކުފާނު ބްލެއިކްމެއިލް ކުރައްވަންވެސް ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރައީސް ނަޝީދުގެ ބާރު ކެނޑިފައި ވާއިރު، ޤައުމީ މަޖިލީޙުގައިވެސް އެމަނިކުފާނަކަށް އަޣުލަބިއްޔަތެއް ނެތެވެ. އަދި ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް އިމްތިޔާޒު ފަހުމީ ގެނައުމަށް ކުުރެއްވި މަސައްކަތުގައި ފައްޔާޒް އިސްމާއީލާއި ދެކޮޅަށް ރައީސް ނަޝީދު ދެއްކެވި ވާހަފުޅުތަކުގެ ސަބަބުންވެސް ރައިސް ނަޝީދަށް އޮތް ތާއީދު ގެއްލިގެން ދިޔައެވެ. ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދަށް އެމްޑީޕީގެ އެއްވެސް ގުނަވަނެއްގެ ކޮންޓްރޯލެއް އަދި ތާޢީދެއްވެސް މިހާރަކު ނެތެވެ. އެމަނިކުފާނުގެ އަރިހުގައި ތިބީ އެމަނިކުފާނަށް ވެރިކަން ހޯދައިދީގެން ޒާތީ މަންފާޢެއް ކޮށްފާނެ ކަމުގެ އުއްމީދުގައި ތިބި އާއިލާގެ ބޭފުޅުންނާއި އެނޫންވެސް މަދުބައެކެވެ. އިސްލާޙީ މަސައްކަތަށް އެންމެ ކުރިން ނަޝީދާއި އެކުގައި ނުކުތް މީހުންވެސް މިހާރު ވަނީ ނަޝީދު ދޫކޮށްލައްވާފައެވެ. އެހެންކަމުން ރިޔާސީ ޕްރައިމަރީން ރައީސް ނަޝީދު ބަލިވެވަޑައިގެންނެވުން ވާނީ އެމަނިކުފާނުގެ ސިޔާސީ ސަންދޯކުގައި ޖަހާ ފަހު މޮހޮރަށް ކަމަށް ސިޔާސީ އެހެން ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 2023
އެމްޑީޕީގެ އެތެރެއިން ހުރިހާ ދިމާއަކުންވެސް ރައީސް ނަޝީދަށް ތާއީދު ގެއްލިފައި ވުމާއިއެކުވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ދެކޭ ހުވަފެނަކަށް ބަދަލެއް ނާދެއެވެ. ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް އެކި އެކި ތުހުމަތުތައް ކުރައްވައި، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އެމްޑީޕީއަށް އެތައް ޚިދުމަތެއް ކުރެއްވި ފަރާތްތަކެއް ބަދުނާމު ކުރައްވައި، އެފަރާތްތަކުގެ ބޮލުގައި ވަގު ބަދުނާމު އަޅުވައި، އެމްޑީޕީގެ އާއްމު މެމްބަރުންގެ ހިތްތައް އަލުން ފަތަޙަ ކުރެވޭތޯ ރައީސް ނަޝީދު އަންނަނީ މަސައްކަތް ޕުޅު ކުރައްވަމުންނެވެ. ރައީސް ނަޝީދަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމްޑީޕީގެ ޤައުމީ މަޖިލީޙުނެ 2012 ވަނަ އަހަރު، ވެރިކަމުގައި ހުންނަ ރައީސަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދިނުމަށް ނިންމާފައި އޮތް ނިންމުން ރައީސް ނަޝީދަށް ގޯސްވެ ޕްރައިމަރީއެއް ބާއްވާވާހަކަ ގޮވަން ފެއްޓެވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ވަނީ އެކަމަށް ދޫދެއްވާފައެވެ. ޕްރައިމަރީ އަކާއި ނުލައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ނުކުންނެވުމުގެ ފުރުޞަތު އޮތް ނަމަވެސް ރައީސް ނަޝީދު އެމްޑީޕީގެ އެތެރޭގައި އަންދަމުން ގެންދާ ސިޔާސީ ގިނި ނިވާލެއްވުމަށް ރައީސް ޞާލިޙް ވަނީ ޕްރައިމަރީއަކުން ޓިކެޓް ހޯއްދެވުމަށް ނުކުންނަވާފައެވެ.
އިންތިޚާބުގެ ކެމްޕޭނަށް ދެބޭފުޅުން ނުކުމެވަޑައިގެންފައިވާއިރު، ރައީސް ނަޝީދުގެ މުޅި ކެމްޕޭން އަމާޒުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއށް އެންޓިކެމްޕޭން ކުރުމަށެވެ. ކުރިންވެސް ހަތަރުގަނޑު ފޮޓޯއެއްގެ ވާހަކަދައްކަވައި ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރައްވައިގެން ރައީސް ނަޝީދަށް ކާމިޔާބު ހޯއްދެވުމަށެވެ. ރައީސް ޞާލިޙަށް ތާއީދުކޮށްފި މީހަކީ، ވަގަކަށް، ނުވަތަ ކޮރަޕްޓް މީހަަކަށް ހަދައި ލޭބަލްކޮށް، އެމަނިކުފާނުގެ އާއިލީ ބޭފުޅުން ހިންގާ ވަގު ޓުވިޓާ އެކައުންޓްތައް ބޭނުންކޮށްގެން ރައީސް ނަޝީދު އަންނަނީ އެންޓިކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީއަށް އަލުން ވެރިކަން ލިބޭނީ ކިހިނެއް؟
ރައީސް ނަޝީދު އެމްޑީޕީގެ ތެރޭގައި ވެރިކަމުގެ ދަހިވެތިކަމުގައި އުފައްދަވާ ހައިޖާނުތަކާއި އެކު، އެމްޑީޕީގެ އާއްމު މެމްބަރުން ވަނީ ދެފެކްޝަނަކަށް ބެހިފައެވެ. އެހެން ނަމަވެސް އަދިވެސް ގިނަ ބަޔަކު ޤަބޫލު ކުރާ އަދި އެއްބަސްވާގޮތުގައި، އެމްޑީޕީއަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދެވޭނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. އެއީ ރައީސް ނަޝީދަށް އެމްޑީޕީގެ މެމްބަރުންގެ ވޯޓު ލިބުނަށް ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރާ މިންވަރަށް ވޯޓު ނުލިބޭނެތީއެވެ. ދެލައްކައަށް ވުރެ ގިނަ މީޙުންނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ އިރު، އެމްޑީޕީގެ އާއްމު މެމްބަރުންގެ އަދަދަކީ 59000އެވެ. އޭގެ ތެރެއިންވެސް ރައީސް ނަޝީދަށް ލިބޭނެ ސާފު ވޯޓުގެ އަންދާޒާ އަކީ، 15000 ނުވަތަ 20000އެވެ. ރިޔާސީ އިންތިޚާބެއްގައި އެހެން ފިކުރުތަކުގެ މީޙުން ރައީސް ނަޝީދަށް ތާޢީދުކޮށްވޯޓު ދިނުމަކީ ވުން ނާދިރު ކަމެކެވެ. އެއީ އެމަނިކުފާނަކީ ވަރަށް ފާޅުގައި އިސްލާމްދީނާއި އެދީނުގެ ހައްދުތަކާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައިވާ އަދި އެގޮތުގައި ދެމިހުންނެވި ބޭފުޅަކަށް ވުމެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް ރައީސް ނަޝީދު ކުރައްވާ ދުއްތުރާތަކަކީވެސް އެމަނިކުފާނުގެ މަޤުބޫލުކަން ކުޑަވި ސަބަބެކެވެ. ސިޔާސީ ތަޖުރިބާކާރުން ޤަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފިނަމަ، މިހާރު އޮތް ކޯލިޝަން ސަރުކާރުގެ ބޭފުޅުން ރައީސް ނަޝީދުގެ ފަހަތަކަށްނާރާނެއެވެ. އޭރުން ދެން އެބޭފުޅުން ނުކުމެވަޑައިގަންނަވާނީ ވަކި ކޯލިޝަނެއްގެ ގޮތުގައެވެ. ނަތީޖާއަކަށް ވާނީ، 2018 ވަނަ އަހަރު ރައީސް ޔާމީނަށް ވެރިކަން ބީވެގެން ދިޔަ ގޮތަށް އެމްޑީޕީއަށް ވެރިކަން ބީވުމެއެވެ. އެމްޑީޕީގެ އެއްވެސް ބައިވެރިވުމެއް ނެތް ސަރުކާރެއްގައި އަނެއްކާވެސް އެމްޑީޕީގެ އާއްމު މެމްބަރުން ރައީސް ނަޝީދާއި އެކު އަނެއް ފަސް އަހަރު ތިބެން ޖެހޭނީ މަގުމަތީގައި ހަޅޭ ލަވާށެވެ.