ރައީސް މިއަދު އައްޑޫ ސިޓީގައި ވާހަކަދައްކަވަނީ

ރައީސް ހަނދާންކޮށްދެއްވީ ވާދަވެރި ކެންޑިޑޭޓް ނުދައްކާ ދޫކޮށްލާ ވާހަކައާއި ކުރިން ކަންކުރެއްވިގޮތް!

ހުކުރު 13 ޖެނުއަރީ 2023 | އައުޓްރީޗް

މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާ ވާދަކުރައްވާ ވާދަވެރި ކެންޑިޑޭޓް ނުދައްކާ ދޫކޮށްލައްވާފައިވާ ވާހަކަފުޅުތަކާއި، ވެރިކަމުގައި ހުންނެވިއިރު ކަންކުރެއްވިގޮތް މިއަދު އައްޑޫ ސިޓީގައި ހަނދާންކޮށްދެއްވައިފިއެވެ.

Advertisement


ކެމްޕެއިން ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން ފޭދޫގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ މިއަދު ބައެއް ބޭފުޅުން ވާހަކަދައްކަވާއިރު ބައެއް ވާހަކަތައް ދޫކޮށްލައްވާފަ ކުރިއަށްގެންދަވާކަމަށެވެ. ނަން ނުގެންނަވާ ރައީސް މުޙައްމަދު ނަޝީދަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑާ ގުޅިގެން އެޅުއްވި ފިޔަވަޅުތަކާއި، ރައްޔިތުންނަށް ފޯރުކޮށްދެއްވި އެހީތެރިކަމުގެ ވާހަކަ ނުދައްކަވާ ހަނދާނުން ފޮހެލައްވާފައިވާކަމަށެވެ. ނަމަވެސް އެވާހަކަތައް މިއަދު ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. 

ތަފްޞީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަރަންޓް ބިލުން 209 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް، ފެންބިލުން 88 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވިކަމަށެވެ. 1400 ވިޔަފާރިވެރިއަކަށް 347 މިލިއަން ރުފިޔާގެ ލުއިލޯނު އަދި ހާލުގައި ޖެހިފަތިބި ރައްޔިތުންނަށް އިންކަމް ސަޕޯރޓްގެ ގޮތުގައި 22000 މީހުންނަށް 421 މިލިއަން ރުފިޔާ ހިލޭ ދެއްވިކަމަށެވެ. މީގެއިތުރުން އަމިއްލަ މަސައްކަތްކުރާ ކުދިކުދި ވިޔަފާރި ކުރާ  669 މީހަކަށް 20 މިލިއަން ރުފިޔާ ހިލޭއެހީގެ ގޮތުގައި ދެއްވިކަން ފާހަގަކުރެއްވިއެވެ.

މިއަދު ބައެއް ބޭފުޅުން ވާހަކަދައްކަވާއިރު މިއީ ވެފައޮތްކަމެއްކަމަށް ގަބޫލެއް ނުކުރައްވާ. މުޅިން އެބައި ދޫކޮށްލާފަ ކުރިއަށްގެންދަވާތަން މިފެންނަނީ. ތިބޭފުޅުން ފުންކޮށް ވިސްނަވަންވާނެ. އެދުވަހު އެކަން ވީގޮތާއި, މިއަދު މިހިސާބަށް އާދެވިފައި މިއޮތްގޮތާއި, ދެން ކުރިއަށްއޮތް ތަނުގައި މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ވެދާނެގޮތް މިއީ މިއަދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭކަމެއް.

ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރާނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެން ހަނދާން އާކުރެއްވީ 2008 ވަނަ އަހަރު ކަންވީގޮތެވެ. 2008 ވަނަ އަހަރުވެސް ދުނިޔެއަށް އިގްތިސާދީ ތަދުމަޑުކަމެއް ކުރިމަތިވެ، ރާއްޖޭގެ އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވިކަން ފާހަގަކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ އޭރު ސަރުކާރުން ކަންކުރިގޮތާއި މިފަހަރު ކޮވިޑްގައި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނެވުމަށެވެ.

އޭރު (2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި) ކަންކުރިގޮތަކީ ސިވިލްސަރވިސްގެ މުސާރަ ކުޑަކުރީ. މުވައްޒަފުން މަދުކުރީ. ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އެތައްހާލެއްގައި އުޅެންޖެހުނީ. ސަރުކާރެއްގެ ޒިންމާއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން. އެއީ ކޮވިޑާ ގުޅިގެން އަޅުގަނޑުމެން މިކުރި މަސައްކަތަކީ.

ކޮވިޑްގެ ގޮންޖެހުން އަދިވެސް މުޅިން ނުފިލާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ ގޮންޖެހުންތަކުން އަރައިގަނެވޭނީ މިފަދަ ވިސްނުމެއްގައި މިފަގަދަ ގޮތަކަށް ކަންކުރާބަޔަކު ސަރުކާރުގައި ތިބެގެންކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭރު އެކުރިގޮތަށް ކަންތައް ކުރާބަޔަކު ތިބެގެން މިރާއްޖެ ސަލާމަތްކުރެވޭނެކަމަކަށް ޤަބޫލުފުޅުނުކުރައްވާކަމަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.