ރައީސް މިއަދު އައްޑޫ ސިޓީގެ ރައްޔިތުންނާއެކު

"އަދިކިރިޔާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ތަރައްޤީގެ ވާހަކަދެއްކެވޭވަރު މިވީ"- ރައީސް

ހުކުރު 13 ޖެނުއަރީ 2023 | އައުޓްރީޗް

" އަދިކިރިޔާ އައްޑޫސިޓީގެ ރައްޔިތުންނަށް ތަރައްޤީގެ ވާހަކަ ދެކެވޭވަރު މިވީ. އަޅުގަނޑު އަބަދުވެސް ދަންނަވަން ތަރައްޤީގެ ވާހަކަ ދައްކަން ފައްޓަންވާނީ ގައިންތާހިރުވެ ހުރެގެންނޭ. އަދިކިރިޔާ, އަދިކިރިޔާ އައްޑޫސިޓީގެ ރައްޔިތުންނަށް ތަރައްޤީގެ ވާހަކަ ކިރިޔާ ދައްކާލެވޭވަރު މިވީ." އައްޑޫ ސިޓީއަށް ވަޑައިގެން މިއަދު ހަވީރު ފޭދޫގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement


އޭގެކުރިން ދެއްކެވީ އައްޑޫ ސިޓީގައި އަސާސީ ޚިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމާއި، ބައެއް މަސައްކަތްތައް ނިމިފައިވާ ވާހަކައެވެ. އެކި މަރުހަލާގައި ހުރި އެކި މަސައްކަތްތަކުގެ ވާހަކަތައް ހިއްސާކުރެއްވިއެވެ. 

ބަނދަރުތައް ހެދެނީ, މަގުތައް ހެދެނީ, ފެނާއި ނަރުދަމާގެ ނިޒާމް މުޅިން ނިމުމަކަށްދަނީ. ކަރަންޓްގެ ވިއުގަ މުޅިން ބަދަލުކުރެވެމުން އެދަނީ. ބިންހިއްކަމުން އެދަނީ. ރަށްތައް އުފެދެމުން އެދަނީ, އެއަށްފަހު މިތަނަށް ދެން އަންނާނީ ޓޫރިޒަމް. 

އައްޑޫ ސިޓީގެ ތަރައްޤީއަށް މިއަދު އެންމެ މުހިއްމުވެފައިވާ އެއަޕޯރޓް ތަރައްޤީކުރަން ލަސްތަކެއް ނުވެ ކުންފުންޏަކާ ހަވާލުކުރައްވާނެކަމަށް ވިދާޅުވިއެވެ. ސަންގްރިއްލާ ރިސޯރޓްގެ ކަންކަން އޮތް ގޮތާއި، އެރިސޯރޓް އޮޕަރޭޝަނަށް ގެނައުމަށް ހުރި ގޮންޖެހުންތައްވެސް ޙިއްސާކުރެއްވިއެވެ. އެއަށްފަހު ވިދާޅުވީ އެކަމުގައި ގޮތް ނިންމަވާނީ އައްޑޫ ސިޓީގެ ރައްޔިތުންކަމަށެވެ. ވިދާޅުވީ އެއީ ސަރުކާރުގެ ހިއްސާއަކާއި، އޭރު ސަރުކާރުގައި ތިއްބެވި ވަކިބަޔަކު ހިމެނޭ ކުންފުންޏަކާއެކު ހެދި ޖޮއިންޓް ކުންފުންޏަކުން ފެށި ރިސޯރޓެއްކަމަށެވެ. އެކަމަކު އެއްވެސް ސަރުކާރަކުން އެތަނަށް ވާނުވާ ބަލަމުން އައިސްފައިނުވާކަމަށް ވިދާޅުވިއެވެ. އެތަން ހުއްޓި ހުޅުވޭނީ ކިހިނެއްތޯ ބެލިއިރު ފާހަގަކުރެވުނީ ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވަމުންދާ ތަނެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެތަން ހިންގުމަށް ސަރުކާރުގެ ހިއްސާ ދޫކޮށްލެވޭނެ ގޮތެއް ބަލާއިރު، ދޫކޮށްލަންވެސް 70 މިލިއަން ޑޮލަރު ދައްކަން ޖެހޭ ހާލަތަސް ގޮސްފައިވާކަމަށް ވިދާޅުވިއެވެ. އެކަމުގައި ގޮތް ނިންމާނީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު އައްޑޫ ސިޓީގައި

ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށްބޮޑަށް ތައުރީފްވެސް ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ކޮންމެ ކަމެއްގައި އަބަދުވެސް އެންމެ އިސްސަފުގައި ދެމިތިބީ އައްޑޫ ރައްޔިތުންކަމަށެވެ. އަދި އެމްޑީޕީ ވުޖޫދުވެގެން އައިއިރު އައްޑޫސިޓީ ރައްޔިތުން ވީގުރުބާނީ ހަނދުމަފުޅު އެބަހުރި ކަމަށާއި، މިއަދުވެސް އައްޑޫ ސިޓީ ރައްޔިތުން ތިބީ އެމްޑީޕީއާއެކު އެގޮތުގައި ކަމަށެވެ. ޕާޓީގެ އިސް މަގާމްތައް އައްޑޫ ސިޓީގެ ރައްޔިތުން ފުރީ އުނދަގުލާ ދައްޗާއެކުކަމަށާއި، އެހުރަސްތައް ބައެއްފަހަރު އައްޑޫސިޓީގެ ޕާޓީ މެންބަރުންނަށްވެސް ކުރިމަތިވިކަން ފާހަގަކުރެއްވިއެވެ. އެެހންނަމަވެސް އެމްޑީޕީ ދެމިއޮންނާނީ އައްޑޫ ސިޓީގެ ރައްޔިތުންނާއެކުކަމަށް ވިދާޅުވިއެވެ.

މިއަދުގެ މިވަގުތުގެ ހާލަތަށް ބަލާއިރު ކުރިއަށްއޮތް ޕްރައިމަރީގައި އެއްދާއިރާއަކުން, އެއް ރަށަކުން އެންމެ ގިނަބަޔަކު ވޯޓްލަނީ އައްޑޫ ސިޓީން. މިކަމުން އެކަނިވެސް އައްޑޫސިޓީއާ މިއެމްޑީޕީއާއި އިސްލާހީ މަސައްކަތާ އޮތްގުޅުން ވަރަށްބޮޑަށް ސާފްވެގެންދޭ.

ރާއްޖެއަށް އަންނަ ކޮންމެ ބަދަލެއްގެ ހެޔޮފާހަގަ ފުރަތަމަ ޖެހެން ޖެހޭތަނަކީ އައްޑޫސިޓީކަމަށާއި، އައްޑޫސިޓީ ތަރައްޤީނުވެއެއް މިރާއްޖެއެއް ތަރައްޤީއެއް ނުވާނެކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ތަކުރާރުކުރެއްވިއެވެ. އައްޑޫ ސިޓީގެ ރައްޔިތުންނަކީ ސިޔާސީ ވިސްނުމާއި ތަރައްޤީގެ ވިސްނުން ވަރަށް ފުޅާދާއިރާއެއްގައި އޮތް ބައެއްކަމަށާއި، އައްޑޫ ސިޓީއަކީ ތަރައްޤީގެ ވިސްނުމުގެ މައިހަބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްއަށް މަރުހަބާ ދަންނަވަން ނިކުމެ ތިބި އައްޑޫ ސިޓީގެ ރައްޔިތުން

މީގެކުރީގެ ސަރުކާރުތަކުންވެސް އައްޑޫ ސިޓީގެ ތަރައްޤީއަށް މަސައްކަތްތަކެއް ކުރަން އުޅުނުކަން ފާހަގަކުރައްވާ ވިދާޅުވީ ސާކް ސަމިޓާ ގުޅިގެން ތަރައްޤީއަށް މަސައްކަތަކެއް ކުރަން ފެށިކަމަށެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ކުރެއްވި އެމަސައްކަތަށް އިޝާރާތްކުރައްވާ ވިދާޅުވީ މަގުމެދުގައި ބޮޑުބިޔަކޮށް ހެދިފައިހުރި ގަސްތައް ކަނޑާ މަގުހަދަން ފެށިކަމަށާއި، އެހެންނަމަވެސް އެއީކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިފައި އޮތްކަމެއް ނޫންކަމަށެވެ. 

މިސިޓީގެ ތަރައްޤީއައަށް ހަތަރު ޕްރައިވެޓް ރޫމާއެކު ހޮސްޕިޓަލެއް ސަރުކާރަކުން ހުޅުވި. އަޅުގަނޑު ދަންނަވާނީ މީކީއެއް މިސިޓީއަށް ބޭނުންވާވަރެއްނޫނޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނިކުމެ މިތިބީ މިސިޓީ ތަރައްޤީކުރަން.

އައްޑޫ ސިޓީގެ ތަރައްޤީގެ ޕްލޭނަކީ އައްޑޫ ސިޓީގެ ރައްޔިތުން އެކުލަވާލާފައިވާ ޕްލޭނެއްކަން ފާހަގަކުރައްވާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނިންމާލުމަށް ހިތަދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވިގޮތަށް އެޕްލޭންގެ އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެންނަކަމަށެވެ. އަދި އެގޮތަށް ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ނަމަވެސް މިއަށްވުރެ މާއަވަހަށް ކަންތައްތައް ކުރަން ރައްޔިތުން ބޭނުންވާކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެކަމަކު ކޮވިޑްގެ އިގްތިސާދީ ގޮންޖެހުންތަކާއެކު މަޑުޖެހުން އައިކަމަށް ވިދާޅުވިއެވެ. 





ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.