
ކޯވިޑް-19އަށް ފަހުގައި ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި
ކޯވިޑް-19ގެ އާލަމީ ވަބާ އާއި ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރުތައް ހުއްޓާލާފައި އޮންނަތާ 3 އަހަރު ފަހުން ރާއްޖެ އާއި ޗައިނާ އާއި ދެމެދު ޝެޑިއުލް ދަތުރުތައް މިއަދު ފަަށައިފިއެވެ.

މިއަދު ޗައިނާގެ ވެރިރަށް ބެއިޖިން އިން ރާއްޖެއަށް އައިސްފައި ވަނީ، ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއަރލައިނުންނެވެ. އެ އެއާލައިނުން ރާއްޖެއާ ޗައިނާ އާއި ދެމެދު އަލުން ދަތުރުތައް ފެށުމުގެ ގޮތުން ރާއްޖެއައި ފުރަތަމަ ފުލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން އެބޯޓަށް ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. ބެއިޖިންގ ކެޕިޓަލް އެއަރލައިނުން މިއަދު ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައި ވާއިރު އެ އެއާލައިނުން ހަފްތާއަކު 4 ދަތުރު ރާއްޖެއަށް ކުރާނެއެވެ. މިދަތުރުތަކުގައި ބޭނުން ކުރާނީ 304 މީހުންގެ ޖާގައިގެ ވައިޑްބޮޑީ މަތިންދާބޯޓުތަކެވެ. މީގެ އިތުރުން، އެހެން ދެ އެއާލައިނަކުންވެސް ވަރަށް އަވަހަށް ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެއެވެ. އެއީ ޗައިނާ އީސްޓަން އެއަރލައިނާއި ހޮންގްކޮންގ އެއަރލައިނެވެ.
އެފްލައިޓުން ރާއްޖެއަށް 198 ފަތުރުވެރިން އައި އިރު އެ ފަތުރުވެރިންނަށް ޓޫރިޒަމް މިނިސްޓްރީންނާއި އެެމްއޭސީއެލް އަދި އެމްއެމްޕީއާރްސީން ވަނީ، ހޫނު މަރުހަބާއެއް ކިޔާފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކުރި އިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ ޤައުމަކީވެސް ޗައިނާއެވެ. 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284029 ފަތުރުވެރިން އައިސްފައިވެއެވެ.