
ސައުދީގައި ރޮނަލްޑޯގެ ފުރަތަމަ ފެނިލުމުގައި ޕީއެސްޖީ ކޮޅަށް ދެ ގޯލް، މެޗުން މޮޅުވީ ޕީއެސްޖީ
ސައުދީ އަރަބިޔާގެ އަލް ނަސްރަށް ބަދަލުވެ، އެގައުމުގައި ކުޅުނު ފުރަތަމަ މެޗުގައި ރޮނަލްޑޯ ޕީއެސްޖީ ކޮޅަށް ދެ ގޯލް ޖަހައިފިއެވެ. ރޮނަލްޑޯ ސައުދީގައި ކުޅުނު ފުރަތަމަ މެޗަކީ ރިޔާދު ސީޒަން ހުޅުވަން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޚާއްޞަ މެޗެވެ.

މެސީވެސް ހިމެނޭ ގޮތަށް ތަރިންގެ މައްޗަށް އޮތް ޕީއެސްޖީ އަތުން ރޮނަލްޑޯގެ ކެޕްޓަންކަމުގެ ދަށުން ނިކުއިން އަލް ނަސްރާއު، އަލް ހިލާލްގެ ކުޅުންތެރިންގެ މައްޗަށް ހިމެނޭ ރިޔާދު ސީޒަން ޓީމް ބަލިވީ 5-4 ނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ޕީއސްޖީއަށް ކުރި ހޯދައިދިނީ މެސީއެވެ. އެކަމަކު ޕެނަލްޓީއަކުން ލަނޑު ޖަހާ ރޮނަލްޑޯ ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެވަނަ ފަހަރަށް ޕީއެސްޖީއަށް ކުރިހޯދައިދިނީ ކެޕްޓަން ކާކީނިއޯސް ޖެހި ގޯލުންނެވެ. ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްދިނީވެސް ރޮނަލްޑޯއެވެ. މިހާފްގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއެއް ނޭމާ އަތުން ބޭކާރުވިއެވެ. ޕެނަލްޓީ ޖެހުނީ ކީޕަރު އަތަށެވެ.
ދެވަނަ ހާފް ފަށައިގެން ޕީއެސްޖީއަށް ލީޑް ނަގައިދިނީ ސްޕެއިން ޑިފެންޑަރ ސާޖިއޯ ރާމޯސްއެވެ. ހިޔުން ސޫ ޖަން ލަނޑު ޖަހާ ނަތީޖާ ނަތީޖާ ހަމަހަމަކޮށް ރިޔާދު ޓީމުން ހިތްވަރު ދެއްކިއެވެ. 39 ވަނަ މިނިޓުން ފެށިގެން އެކަކު މަދުކޮށް ކުޅެމްދިޔަ ޕީއެސްޖީއަށް އަލުން ލީޑް ނަގައިދިނީ އެމްބާއްޕޭއެވެ. އެއީ ޕެނަލްޓީއަކުންނެވެ. ފަސްވަނަ ލަނޑު ޖެހީ ހޫގޯ އެކިޓިކޭއެވެ. ރިޔާދު ޓީމަށް ފަރަގު ކުޑަކޮށްދިނީ އެންޑަސަން ޓަލިސްކާއެވެ. ޕީއެސްޖީން އެކަކު މަދުކޮށް ބޮޑުބައި ކުޅުނީ ޑިފެންޑަރ ހުއާން ބެނާޓަށް ރަތްކާޑް ދެއްކުމުންނެވެ.
މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ޕީއެސްޖީންވެސް ޓީމްގެ ތަރިން ބަދަލުކުރިއެވެ. ސައުދީ ޓީމުން ރޮނަލްޑޯވެސް ބަދަލުކުރިއެވެ.