
ބުންޑަސް ލީގު އަލުން ފެށި މެޗުން ބަޔާންއަށް ޕޮއިންޓެއް
ވަރލްޑްކަޕާއެކު ސީޒަން މިޑް ބްރޭކަށްފަހު ޖަރމަން ބުންޑަސް ލީގު އަލުން ފެށި މެޗުގައި ބަޔާން މިއުނިކް ޕޮއިންޓަކުން ފުއްދާލައިފިއެވެ.

68 ދުވަހަށްފަހު ލީގު އަލުން ފެށި މެޗުގައި އާރުބީ ލެއިޕްޒިގްއާ ވާދަކޮށް ބަޔާންވީ އެއްވަރެވެ. އެއީ 1-1 ނެވެ. މެޗުގައި 37 ވަނަ މިނިޓްގައި ފުރަތަމަ ކުރި ހޯދީ ބަޔާންއިންނެވެ. އެއީ ޗޮޕޯ މޯޓިންގ ކާމިޔާބުކުރި ލަނޑުންނެވެ. އާރުބީ ލެއިޕްޒިގުން ނަތީޖާ ހަމަހަމަކުރީ 52 ވަނަ މިނިޓްގައި މާސެލް ހަލްސްޓެންބާގް ޖެހި ގޯލުންނެވެ. މެޗުގައި ބަޔާންގެ ގޯލް ބެލެހެއްޓީ ބޮރޫޝިޔާ މޮންޗެންގްލެޑްބެކްއިން ގެނައި ތަޖުރިބާކާރު ކީޕަރު ޔަން ސޮމާއެވެ. އެއްވަނަ ކީޕަރު ނޯޔާ ހުރީ އަނިޔާގައެވެ. މިނަތީޖާއާއެކު ބަޔާން އެއްވަނާގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކުއެވެ. އެއީ 35 ޕޮއިންޓް ހޯދައިގެންނެވެ. އާރުބީ ލެއިޕްޒިގް އޮތީ 29 ޕޮއިންޓާއެކު ތިންވަނާގައެވެ.
ބުންޑަސް ލީގު އަލުން ފެށުމުން ވަރ;ްޑްކަޕަށްފަހު ޔޫރަޕްގެ ހުރިހާ ލީގެއްވެސް އަލުން ފެށުނީއެވެ. ބުންޑަސް ލީގު މެޗުކަނޑާލީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހުއެވެ.