
ހޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ މައިކަލް ބެންޖަމިން ބޭ ރާއްޖޭގައި
ޓްރާންސްފޯރމަރ ފަދަ މަޝްހޫރު ކާމިޔާބު ފީޗަރ ފިލްމް ސީރީޒްތައް އުފައްދާފައިވާ ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު މައިކަލް ބެންޖަމިން ބޭ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ އޭނާގެ އަމިއްލަ ޕްރައިވެޓް ޖެޓްގައެވެ.
ޑައިރެކްޓަރ މައިކަލް ބެންޖަމިން ބޭ އާއިއެކު އެއާޕޯޓް މުވައްޒަފުން ވެލާނާ އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެއް އޭވިއޭޓަރސް މޯލްޑިވުސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ވަނީ އާއްމުކޮށްފައެވެ. މައިކަލް ބޭ ރާއްޖެ އައީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.
އެމެރިކާގެ މިޔާމީގައި ދިރިއުޅޭ މައިކަލް ބޭ އަކީ، ހޮލީވުޑްގެ ކާމިޔާބު ފިލްމް ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. 1995 ވަނަ އަހަރުންފެށިގެން މިހާތަނަށްވެސް އޭނާ އަންނަނީ ފިލްމީ ދާއިރާގައި މެދު ނުކެނޑު މަސައްކަތް ކުރަމުންނެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވުނު ފިލްމްތަކުގެ ތެރޭގައި، "ބޭޑް ބޯއީޒް"، "ޕާލް ހާބަރ" އަދި "ދަ އައިލެންޑް" ހިމެނެއެވެ.
މައިކަލް ބޭގެ ފިލްމް ތަކުގެ ތެރެއިން އެންމެ މަޝްހޫރު ފިލްމަކީ، ސައިންސް ފިކްޝަން ފީޗަރ، "ޓްރާންސްފޯމަރ" އެވެ. އޭނާގެ ފިލްމްތަކުގެ ތެރެއިން " ސިކްސް އަންޑަރ ގްރައުންޑް" އަކީ ނެޓްފްލިކްސް އިން ދައްކަމުން އަންނަ ފިލްމެކެވެ. 2022 ވަނަ އަހަރު ނުކުތް މައިކަލްބޭ ގެ ފިލްމުގެ ނަމަކީ، "އެމްބިއުލާންސް"އެވެ.