
ފެބުރުއަރީ 4 ގައި އޮލިމްޕަސް ހުޅުވަނީ، ފުރަތަމަ ފިލްމަކަށް "ބީވީމާ"
އަންނަ ފެބުރުއަރީމަހުގެ 4 ވަނަ ދުވަހު، އޮލިމްޕަސް ސިނަމާ ހުޅުވައި ފެބުރުއަރީ 6 ވަނަ ދުވަހުގެ ރެއިން ފެށިގެން ފިލްމް ދައްކަން ފަށާނެކަން ނެޝަނަލް ސެންޓަރ ފޯރ ދި އާޓްސްއިން ހާމަކުރައްވައިފިއެވެ.

ފެބުރުއަރީ 4 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ހުޅުވުމަށް ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވާނެއެވެ. އަދި ފުރަތަމަ ފިލްމަކަށް އެސިނަމާގައި ދައްކާނީ، ޑާކްރެއިންގެ ފިލްމް "ބީވީމާ" އެވެ. މިމަހުގެ 20 ވަނަ ދުވަހު ވަނީ މިފިލްގެ ޓިކެޓް ވިއްކަން ފަށާފައެވެ.
ޑާކްރެއިންގެ މިފިލްމަކީ، ކޯވިޑް-19ގެ ސަބަބުން ސިނަމާ ބަންދު ކުރަން ޖެހުނު އިރު، އެޅުވުމަށް ތައްޔާރުވަމުން އައި ފިލްމެކެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ފިލްމްތަކެއް އޮލިމްޕަސް ބަންދުވުމާއި އެކު އޮތީ މަޑުޖެހިފައެވެ.
އޮލިމްޕަސް ސިނަމާ ކޯވިޑާއި ގުޅިގެން ބަންދުކުރީ، 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ސިނަމާ އަލުން ހުޅުވަނީ އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މަރާމާތު ކުރުމަށް ފަހުގައެވެ. އަދި ސިނަމާގެ ހޯލްތަކާއި ޕްރެކްޓިސް ރޫމްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 15 އިންފެށިގެން އެންސީއޭއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
އޮލިމްޕަސް އެންމެ ފުރަތަމަ ހުޅުވުނީ 1959 ވަނަ އަހަރު މޭ 21 ގައެވެ.