
ރައީސް ނަޝީދަށް ގޭގައި އޮވެވުނީ އެއްދުވަހު، އެމްޑީޕީއަށް 2023 ގެއްލުވާލުމަށް ނުކުންނަވައިފި
ހޮނިހިރު ދުވަހު ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޚިޔާލު ހޯދުމުގެ ގިނަ ވަޯޓުތަކުން ރައީސް ނަޝީދަށް އިންތިޚާބު ކާމިޔާބުނުކުރެއްވޭނެ ކަމަށް ދެއްކި ނަމަވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދެވީއިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން މަދުވިޔަސް އަދި މަރުޚަބާގެ ސަފުތައް ކުރުވިޔަސް އެއި، ސަރުކާރުން ދައްކާ ވަޒީފާގެ ބިރާއި، އެހެނިހެން ނުފޫޒުގެ ސަބަބެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބުގެ ވޯޓުލުން ފެށި އަދި ނުނިމި އުޅެނިކޮށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ކާމިޔާބީ އިޢުލާނުކުރެއްވިއެވެ. އެގްޒިޓް ޕޯލްގެ ނަތީޖާއަށް ބަލައިގެން ކަމަށް ބުނެ ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ކާމިޔާބީ އިއުލަނު ކުރި ނަމަވެސް އިންތިޚާބުގެ ނަތީޖާ އަންނަން ފެށިއިރު ގިނަ ފޮށިތަކުގައި ކުރީގައި އުޅުއްވީ ރައީސް ޞާލިޙެވެ.
އިންތިޚާބުގެ ވަގުތީނަތީޖާއިން ދެއްކި ގޮތުގައި 9000 ވުރެ ގިނަ ވޯޓުގެ ތަފާތަކުން ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވީ ރައީސް ޞާލިޙެވެ.

ރައީސް ނަޝީދު ވިދާޅުވީ ކީކޭ!
އިންތިޚާބުގެ ކެމްޕޭނުގައި ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތަކާއި އިންތިޚާބުގެ ނަތީޖާ އާއި ގުޅޭ ގޮތުން ދެބަސްވެ އަރާރުންވެވަޑައިގެންނެވިއެވެ. ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ، ހައްދަވާނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން ވިދާޅުވީ، ރައީސް ޞާލިޙްގެ ފަހަތަށް ނާރުއްވާނެ ކަމަށާއި، އެކަނިގޮސް ގޭގައި އޮންނަވަނީ ކަމަށެވެ.
"އަހަރެން އެކަނި ގޮސް ގޭގަ ހުރީމަ ނިމުނީނުން." ނަޝީދު އެދުވަހު ވިދާޅުވި އެވެ.
އެހެން ނަމަވެސް އިންތިޚާބުގެ ނަތީޖާ ލިބި، ރައީސް ނަޝީދަށް ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން އެމަނިކުފާނަށް، ގޭގައި އޮވެވުނީ އެންމެ ދުވަހަކުއެވެ. ރައީސް ޞާލިޙާއި ދެކޮޅަށް އަނެއްކާވެސް ހަނގުރާމަ އިޢުލާނު ކުރައްވައި، 2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުވާލުމަށް އެމަނިކުފާނު މަސައްކަތްޕުޅު ފައްޓަވައިފިއެވެ.
"އަޅުގަނޑު ހުށަހަޅަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީ ގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދާ، ކަނޑާލި 39،000 އަށްވުރެ ގިނަ މީހުން އަލުން އެމްޑީޕީ އާއި ގުޅި އެމީހުންނާއެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުމަށް،" ބަލި ޤަބޫލު ކުރެއްވުމަށްފަހު ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގައި ލިޔުއްވި މެސެޖުގައި ވިދާޅުވިއެވެ.
ސާފުކޮށް އެނގޭ ގޮތުގައި ރައީސް ނަޝީދުގެ ބޭނުންފުޅަކީ، އެމަނިކުފާނަށް ވެރިކަން ލިބިވަޑައި ނުގަންނަވާނަމަ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ގެއްލުވާލުމެވެ. މިއަދު އެމަނިކުފާނު ފެއްޓެވީ އެމަސައްކަތްޕުޅެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން"ގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކުވެސް ކަނޑައަޅާނެވެ.
އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން ރައީސް ނަޝީދު މަސައްކަތްޕުޅު ފައްޓަވާނެކަން އިޢުލާނު ކުރިއިރު އެއީ ކަނޑައެޅިގެން އެމްޑީޕީގެ އަސާސީ ޤަވާއިދާއި ޚިލާފު ކަމެކެވެ. އަދި އެގޮތަށް މެމްބަރަކު މަސައްކަތް ކުރާނަމަ، އެ މެމްބަރަކު ޕާޓީން ވަކިކުރުމުގެ ބާރު ޕާޓީއަށް އޮވެއެވެ.
"ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމާއި، ވޯޓް ހޯދާދިނުމަށް މަސައްކަތަކުރުމާއި ވޯޓުދިނުމަކީ ޕާޓީގެ ހުރިހާ މެންބަރުންގެ މަސްއޫލިއްޔަތެއް" އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ޕާޓީގެ އަސާސީ ޤަވާއިދުގެ 16 ވަނަ މާއްދާގެ ފޮޓޯއެއް ހިއްސާކުރައްވައި ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަން ބޮޑު ނާކާމިޔާބީއަށް ފަހުގައި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ، އެމްޑީޕީން ވަކިވާާންވެސް ފަށާފައެވެ. އަދި ރައީސް ނަޝީދު އައު ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިޚާބަށް ނުކުންނެވުމަށްވެސް ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ. އެހެން ނަމަވެސް ރިޔާސި ޕްރައިމަރީގައި ރައީސް ނަޝީދާއި އެކު މަސައްކަތް ކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ވަނީ އެބޭފުޅުން ރިޔާސީ ކެންޑިޑޭޓަކަށް ހޮވިވަޑައިގަތް ރައީސް ޞާލިޙްގެ ފަހަތްޕުޅުގައި އެމްޑީޕީއަށް 2023ގެ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ނުކުންނަވާނެކަންވެސް އިޢުލާނުކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގާއި މެދު މިހާރު އޮތީ ސުވާލު ތަކެކެވެ. އަލުން ޕާޓީއެއް ހެއްދެވި ނަމަވެސް އެމަނިކުފާނަށް ކާމިޔާބެއް ލިބިވަޑައި ނުގަންނަވާނެކަން ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދަކީ ވިދާޅުވާ އެއްގޮތެއްގެ މަތީގައި ދެމިހުންނެވޭ ބޭފުޅަކަށް ނުވުމެވެ. ބަހާއި އަމަލު ދިމާނުވުމެވެ. އާއްމު ބައެއް މެމްބަރުން ދެކޭ ގޮތުގައި ރައީސް ނަޝީދު ސިޔާސީ މައިދާން ދޫކޮށްނުލައްވާނަމަ، މުސްތަޤުބަލުގައި އެމްޑީޕީއަށް ލިބޭނީ ގެއްލުމެވެ.