
ތިން އަހަރުގެ މެދު ކެނޑުމަކަށް ފަހު އަލުން ޗައިނާގެ ޑޮކްޓަރުންނާއި އެކު ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ފަރުވާގެ ޚިދުމަތް ހޮނިހިރުދުވަހު ފަށަނީ
ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޗައިނާގެ ޑޮކްޓަރުންނާއި އެކު ހުޅުމާލެ ހޮސްޕިޓަލްގައި ހޮނިހިރު ދުވަހު ލޮލުގެ ފަރުވާގެ ޚިދުމަތް ފަށާނެ ކަމުގައި ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

އެހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، މި ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން، ޗައިނާގެ ޒޮންގްޝާން އޮޕްތަލްމިކް ސެންޓަރުގެ 4 ޑޮކްޓަރުންނާއި 3 ނަރުހުން ހިމެނޭ ޓީމެއް، ހުޅުމާލެ ހޮސްޕިޓަލްގެ ޑރ އެންޑީ ޢަބުދުﷲ ޢަބުދުލްޙަކީމް އޮފްތަަލްމޮލޮޖީ ސެންޓަރުގައި މަސައްކަތް ކުރައްވަން ފައްޓަވާނެއެވެ. މި ޓީމުން ލޮލުގެ ބަލިތަކަށް ފަރުވާކޮށްދިނުމުގެ އިތުރުން، ލޮލުގެ ސަޖަރީތައްވެސް ހަދާނެ ކަމުގައި ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޑރ އެންޑީ ޢަބުދުﷲ ޢަބުދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ބިނާކުރި ސެންޓަރެކެވެ. 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13ވަނަ ދުވަހު އެސެންޓަރު ހުޅުއްވައިދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ. އޭރު ޗައިނާގެ ޑޮކްޓަރުންނާއި އެކު ސެންޓަރުގެ ޚިދުމަތް ފެށިނަމަވެސް، ކޯވިޑާއި ގުޅިގެން ދުނިޔޭގެ ޤައުމުތައް ފުރަބަންދު ކުރުމާއި، ރާއްޖެ އާއި ޗައިނާގެ ބޯޑަރުތައް ބަންދުކޮށް ދަތުރުތައް މެދު ކަނޑާލުމާއި އެކު އެސެންޓަރުގެ ޚިދުމަތްތަކަށް ބުރޫ އެރިއެވެ. ތިން އަހަރު ފަހުން ޗައިނާއިން އެޤައުމުގެ ބޯޑަރުތައް ހުޅުވާލީ، ހުސްވި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގައެވެ.