
އައްޑޫ ކައުންސިލްގެ ސާފު މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ މާދެލަ ދާއިރާގެ މެންބަރު އަހުމަދު ފައިސަލް، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއެކުރުމާއި އެކު އެކައުންސިލްގެ ސާފު މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެއެވެ.

އެމްޑީޕީއަށް ސޮއެކުރެއްވި، ފައިސަލް، އެދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންނެވީ، ޕީޕީއެމްގެ ޓިކެޓްގައެވެ.
އެމްޑީޕީއަށް ސޮއެކުރެއްވުމަށް ފަހުގައި، ފައިސަލް ވަނީ، އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި، ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ބައްދަލު ކުރައްވާފައެވެ.
އައްޑޫ ސިޓީކައުންސިލްގައި މޭޔަރާއި އެކު ތިއްބަަނީ 13 މެމްބަރުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮނޑި އާއިއެކު ޖުމުލަ 6 ގޮނޑިއެވެ. އަނެއް ހަގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްއިންނައި އަމިއްލަ ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި ބޭފުޅުންނެވެ.
ފައިސަލް އެމްޑީޕީއަށް ސޮއެކުރެއްވުމާއި އެކު މިހާރު އައްޑޫ ސިޓީ ކަައުންސިލްގައި އެމްޑީޕީގެ 8 މެމްބަރުން ތިއްބަވާނެއެވެ.