
ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕް އަޕްޑޭޓް ކުރުމަށް އިލްތިމާސްކޮށްފި
ބޭންކް އޮފް މޯލްޑިވުސްގެ މޯބައިލް ބޭންކިންގ އެޕް އަޕްޑޭޓް ކުރުމަށް އެކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މިހާތަނަށް އެޕް އަޕްޑޭޓްކޮށްފައި ނުވާ ކަސްޓަމަރުން މިއަދު ފެށިގެން އެޕް އަޕްޑޭޓްކުރުމަށް އެދޭ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަން ދިނުމުގެ ގޮތުން ކިއުއާރް ބޭނުންކޮށްގެން ހަދާ ހުރިހާ ޕޭމަންޓަކަށް އޯޓީޕީ ބެނުން ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެބަދަލުތައް މޯބައިލްއެޕްލިކޭޝަންގެ އެންމެ ފަހު ވާޝަންގައި ހުންނާނެ ކަމުގައިވެސް ބީއެމްއެލްއިން ބުނެއެވެ.
އެބޭންކުން ބުނީ، ކަސްޓަަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭންކުން މެދު ނުކެނޑި މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، ސެކިއުރިޓީ ފީޗާރސްތައް ހަރުދަނާ ކުރުމަށް އަޅަމުންދާ އިތުރު ފިޔަވަޅުތަކެއް ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ އެކްސެސް ހޯދައިގެން މީހުންގެ އެކައުންޓްތަކުން ފައިސާ ވަގަށް ނަގަމުން ދާތީ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިންޓަރނެޓް ބޭންކިން އެޕަށް ވަންނަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ބޭންކުން މިހާރު ދަނީ ކަސްޓަމަރުންނަށް ނޮޓިފިކޭޝަން ފޮނުވަމުންނެވެ.