
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމައިފި
ޖުމްހޫރީޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެޕާޓީގެ ކައުންސިލުގެ 151 ވަނަ ބައްދަލުވުމުގައި ނިންމައިފިއެވެ.

ޖުމްހޫރީޕާޓީން ބުނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ، ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންނެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ކައުންސިލުން ނިންމިނަމަވެސް އަދިވެސް އެނިންމުމަށް ބަދަލު ގެނައުމުގެ ބާރު، ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް އޮންނާނެއެވެ. އަދި ކައުންސިލްގެ މި ނިންމުމަކީ، ޖުމްހޫރީޕާޓީން ރިޔާސީ އިންތިޚާބާއި މެދު ނިންމާ އެންމެ ފަހުގެ ނިންމުމެއް ނޫނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ކައުންސިލުން ނިންމި ނަމަވެސް، އިންތިޚާބަށް ނެރޭނެ ކެނޑިޑޭޓެއް ނިންމާފައެއް ނުވެއެވެ.
ސިޔާސީ މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ކަނޑައެޅިގެން ވަކިގޮތެއް ޤާސިމް ނުނިންމަވައި ހުންނަވަނީ، ސަރުކާރަށް ޕްރެޝަރުކޮށްގެން މަންފާތަކެއް ހޯއްދެވުމުގެ އެދުންފުޅުގައެވެ.