
މިހާރުގެ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދިނުން: ރައީސުލްޖުމްހޫރިއްޔާ
ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މިހާރު މި ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގ ދެމެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން އަޅުގަނޑުމެން އެންމެން ގަބޫލުކޮށްގެން ކަމަށެެވެ.
"އެ ސިޔާސަތު ތަންފީޒުކުރުމުގައި މިހާތަނަށް ކުރެވުނު ކަންތަކާއި، ދެން ކުރަންވީ ކަންތަކާއި، އަމާޒު ހިފަންވީ މިސްރާބަށް، މި ކޮންފަރެންސުން މަގު ދައްކާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 21 މާރިޗު 2021ގައި ޢަމަލުކުރަންފެށުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި، ފުލުހުންގެ ޚިދުމަތް އިންތިޒާމުކޮށްދީފައި އޮތީ، މުޖުތަމަޢުގެ އެންމެހައި ޙިއްޞާދާރުންނާ ގުޅިގެން ތަންފީޛުކުރެވޭ ޚިދުމަތެއްގެ ގޮތުގައިކަމަށެވެ. އަދި އެ ގުޅުން އުފެއްދެނީ، ޢާންމު ރައްޔިތުންނާއި، ކަމާބެހޭ މުއައްސަސާތަކާއި، ދަރިވަރުންނާއި، ޒުވާނުންނާއި، ފަންނުވެރިންނާއި، ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ވަރުގަދަ ވިއުގައެއް އުފެއްދިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ކޮންމެ މުޖްތަމަޢެއްގައި ވެސް ފުލުހުންގެ ޚިދުމަތް، އާރުލާ ހަރުދަނާ ޚިދުމަތަކަށް ވަނީ، މިދެންނެވި ފަދަ ވަރުގަދަ ގުޅުމެއްގެ ތެރެއިން ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހިގެން. ކުރުކޮށް ދަންނަވާނަމަ، މުޅި މުޖްތަމަޢު ޝާމިލުވާ ގޮތަށް، ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ބައްޓަންކޮށްގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދު ފެށި މިކޮންފަރެންސާއި ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ ގޮންޖެހުން ބޮޑު ޚިދުމަތެއް ކަމަށާއި، އެ ގޮންޖެހުންތައް ކަޑައްތުކޮށް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ވަގުތާއި ޙާލަތާ އެކަށޭނަ ގޮތަށް ޢަމަލުކުރާނީ ކިހިނެއްކަން ދެނެގަތުން، އެއީވެސް މިފަދަ ކޮންފަރެންސެއްގެ ވަރަށް މުހިންމު ބޭނުމެއް ކަމަށެވެ. މީގެ އިތުރުން ބަދަލުވަމުން އަންނަ ކުށުގެ ވެއްޓާއި އެކަންކަމާއި ފުލުހުން ކުރިމަތިލުމުގައި ޢަމަލު ކުރަންޖެހޭ ގޮތްތަކާއި ގުޅޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ކޮންފަރެންސްގައި މިއަދު ފުލުހުންގެ ޚިދުމަތާ ބެހޭ ގޮތުން، 10 ދިރާސީ ކަރުދާސް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.