
އިންޓަރނޭޝަަނަލް ކްރިމިނަލް ކޯޓުން ރަޝިޔާގެ ރައީސް ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފި
އިންޓަރނޭޝަަނަލް ކްރިމިނަލް ކޯޓުން ރަޝިޔާގެ ރައީސް ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފިއެވެ.

ޕުޓިން ހައްޔަރު ކުރުމަށް އިންޓަރނޭޝަަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން އަމުރު ނެރެފައި ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގުުމުގެ ކުށުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. މީގެ އިތުރުން، ޔޫކްރެއިންއިން ކުޑަކުދިން ތަކެއް ވަގަށް ނެގުމުގައި ޕުޓިންގެ ބައިވެރިވުން އޮތްކަމަށްވެސް ވަނީ ތުހުމަތުކުރެވިފައެވެ.
އިންޓަރނޭޝަނަލް ކްރިމިނަލްކޯޓުން ނެރުނު އަމުރާއި ގުޅިގެން ކްރެމްލިން އަދި މޮސްކޯއިން ބުނެފައި ވަނީ އެއީ އެއްވެސް މާނައެއް ނެތް އަމުރެއް ކަމަށެވެ.
ނެދަލޭންޑްގެ ދަހޭގުގައި ހުންނަ، އިންޓަރނޭޝަނަލް ކްރިމިނަލްކޯޓުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ އަމުރަކީ ޔޫކްރެއިންގެ ހިފާފައިވާ ސަރަހައްދުތަކުން ކުޑަކުދިން ރަޝިއާއަށް ބަދަލުކޮށް ގާނޫނާ ހިލާފަށް ޑީޕޯޓްކޮށް، ރަޝިއާއަށް ބަދަލުކުރުމުގައި ޕުޓިންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ނެރެފައިވާ އަމުރެއް ކަމަށެވެ.
މީގެ އިތުރުން އެކޯޓުން ވަނީ، ރަޝިޔާގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަނަރު މާރިއާ އަލެކްސެއިވްނާ ލްވޯވާ-ބެލޯވާ ހައްޔަރު ކުރުމަށްވެސް އަމުރު ނެރެފައެވެ.
އިންޓަރނޭޝަނަލް ކްރިމިނަލްކޯޓުން މިއަމުރުތައް ނެރެފައި މިވަނީ، ރަޝިޔާއިން ޔޫކްރެއިންގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް އދ.ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ތަޙްޤީޤުންވެސް ހާމަވެފައި ވަނިކޮށެވެ.
އައިސީސީގެ މިއަމުރު ތަންފީޒު ކުރުމުގެ ގޮތުން އެކޯޓަށް ކުރެވޭނެ ކަމެއް ނެތް ނަަމަވެސް، އައިސީސީގެ މެމްބަރު ޤައުމަކަށް ޕުޓިން ވަޑައިގެންފިނަމަ އޭނާ ހައްޔަރުކޮށްގެން ދަހޭގުގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލްކޯޓަށް ޙާޟިރު ކުރުމުގެ ބާރު، އައިސީސީގެ މެމްބަރު ޤައުމުތަކަށް ލިބިފައިވެއެވެ.