
ފުލުހުންގެ މުއައްސަސާއަކީ ޒަމާނީ ފުލުހުންގެ ގިނަ ކަންކަން ފުރިހަމަވާ މުއައްސަސާއެއް: ސީޕީ
ފުލުހުންގެ މުއައްސަސާއަކީ ޒަމާނީ ފުލުހުންގެ ގިނަ ކަންކަން ފުރިހަމަވާ މުއައްސަސާއެއްކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ޙަމީދު މިހެން ވިދާޅުވީ، މިއަދު ދަރުބާރުގޭގައި ފެށި، ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ ވާހަަކަފުޅުގައި ވިދާޅުވީ، މިއަދުގެ ދުނިޔޭގައި ފުލުހުންގެ މަސައްކަތްތައް، އަންނަނީ ވަަރަށް ބޮޑަށް ބަދަލުވަމުން ކަމަށާއި، ޒަމާނަށް އަންނަ ބަދަލުތަކާއި އެކު، ކުށުގެ ޙާލަތާއި ކުށްކުރާ ގޮތްތައް އަދި ކުށްވެރިންގެ އުކުޅުތައް އަދި އެނޫންވެސް ކުށާއި ކުށުގެ ބިރުވެރިކަމާއި ގުޅޭ ގިނަ ކަންކަން އަންނަނީ ބަދަލުވަމުންކަމަށެވެ.
" މިގޮތުން އަންނަ ބަދަލުތައް އެންމެ ރަނގަޅަށް ދިރާސާކޮށް، ޢިލްމީ މައުލޫމާތުގެ އަލީގައި ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރަމުން ދިޔުމަކީ، ޒަމާނީ ފުލުހުންގެ މުއައްސަސާއެއްގައި ހުންނަން ޖެހޭނެ މުޙިއްމު ސިފައެއް" ސީޕީ ޙަމީދު ވިދާޅުވިއެވެ
ސީޕީ ހަމީދު ވިދާޅުވީ، ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނަމުގައި، މިއަދުންފެށިގެން ތިންދުވަހުގެ މުއްދަތަށް ބޭއްވޭ މިކޮންފަރެންސަކީ ޝައްކެއްވެސް ނެތް ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް މުހިއްމު ކޮންފަރެންސެއް ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތަށް ދިރާސާ އާއި ޢިލްމީ ބަހުސްތައް މުހިއްމުކަމަށާއި، އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކަށް ބަލާލުމުންވެސް ވަރަށް ސާފުކޯށް ފެންނަން އޮތް ކަމެއް ކަމުގައި ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، މިއަދު ފުލުހުންގެ މުއައްސަސާއަކީ ޒަމާނީ ފުލުހުންގެ ގިނަ ކަންކަން ފުރިހަމަވާ މުއައްސަސާއެއް ކަމަށެވެ. މިގޮތުން ފުލުހުންގެ މުއައްސަސާއަކީ ޒަމާނީ ދިމިޤުރާތީ ވެއްޓެއްގައި، ފުލުހުންގެ މަސައްކަތް ބައްޓަން ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މުއައްސަސާއެއް ކަމުގައިވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.
އަދި މިއަދު ދިވެހި ފުލުހުންގެ ޚިދުމަތަކީ، ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާކިޔާނެ، އަދި ބަލައިގަންނާނެ މުއައްސަސާއެއް ކަމުގައިވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.